ޕީޕީއެމްގެ ކޮންގްރެސްއާ ދިމާކޮށް، އެ ޕާޓީ ތެރޭގައި އުފެދިފައިވާ ދެކޮޅުވެރިކަމުގެ ތެރޭގައި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު ކަމަށް ކުރިމަތިލައްވާފައިވާ އިލްހާމް އަހުމަދާއި ޑެޕިއުޓީ ލީޑަރު ކަމުން ނަން އަނބުރާ ގެންދެވި އަހުމަދު މަހުލޫފާ ދެމެދު މަޖިލީހުގެ ތަޅުމުގައި ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރައްވައިފި އެވެ.

މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އިލްހާމް ވިދާޅުވީ އޭނާއާ މެދު ޕީޕީއެމްގެ ބޭފުޅުންތަކެއް އަމަލު ކުރައްވާ ގޮތުން ހިތުގައި ޖެހިއްޖެ ކަމަށާއި އެފްއޭއެމްގެ އިންތިހާބާ ދިމާކޮށް، އެއް ފަރާތެއްގައި މަޑުކޮށްލުމުން "މިއަދު އަޅުގަނޑުގެ ލޮލަށް އިނގިލި ހަރާލާފައި ކަރަށް ވަޅި ހަރާލުމުން" އޭގެ ނަތީއްޖާ ރަނގަޅު ނުވާނެ ކަމަށެވެ.

~
ޕީޕީއެމްގައި ހުންނެވުމަށް ފަހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ކަަމަށް ބުނެ، ފެތުރުނު އަޑުތަކާ ގުޅިގެން އިލްހާމް ވިދާޅުވީ "ގާސިމް އިބްރާހިމަކީ އަޅުގަނޑުގެ އަޚެއް، އަދި އަޅުގަނޑު ލޯބިވާ ބޭފުޅެއް" ކަމަށާއި އެކަމަކު ވެސް އޭނާ ހުންނެވީ ޕީޕީއެމްގައި ކަމަށެވެ.

"އަޅުގަނޑު ހިތުގަޖެހިގެން މިދަންނަވަނީ. އާދޭހަށް ޓަކައޭ. އަޅުގަނޑު ޕާޓީއަށްޓަކައިވި ގުރުބާނީ ތިޔަ ބޭފުޅުން އަގުވަޒަންކޮށް ވޯޓް ދެއްވާށޭ... ގާސިމް އިބްރާހިމަކީ އަޅުގަނޑުގެ އަޚެއް. އަޅުގަނޑު ލޯބިވާ ބޭފުޅެއް. އެކަމަކު އަޅުގަނޑު ހުރީ ޕީޕީއެމްގައި. މިރިއަލިޓީ ގަބޫލު ކުރަންޖެހޭނެ،"

އިލްހާމްއަކީ ކޮން ޕާޓީއެއްގެ ބޭފުޅެއް ކަމެއް ނޭނގޭ ކަމަށް މަހުލޫފު މީޑިއާގައި ވިދާޅުވެފައި ވާތީ އެއަށް ރައްދުދެއްވައި އިލްހާމް ވިދާޅުވީ އެ ބޭފުޅަކު އެހެން ވިދާޅުވުމަށް "ލަދުގަންނަން ޖެހޭނެ" ކަމަށެވެ. ސަބަބެއް ކަަމަށް ވިދާޅުވީ ރާއްޖެ އިން ބޭރުގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި އަމިއްލަ ދަރިފުޅަށް ފަރުވާދެމުން ދަނިކޮށް ޕީޕީއެމްއަށް ޓަކައި މަޖިލީހުގެ ވޯޓަކަށް ރާއްޖެ އަށް ވަޑައިގެންނެވި ކަމަށާއި ޑީއާރްޕީ "ކަފިކަފިކޮށް، ކަތިލުމުގައި" އެންމެ ބޮޑު މަސައްކަތެއް ވެސްކޮށްފައިވާނެ ކަމަށް އިލްހާމް ވިދާޅުވި އެވެ. އަދި ޕީޕީއެމްގެ ބޭފުޅުންގެ ތެރެއިން އެންމެ ގިނައިން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެންމެ ބޮޑަށް ފާޑުވިދާޅުވި ބޭފުޅަކީ އޭނާ ކަަމަށާއި މަޖިލީހުގެ ރެކޯޑްތައް ބައްލައިލުމުން ވެސް އެކަން އެނގޭނެ ކަމަށެވެ.

"ތިޔަ ވިދާޅުވާ ވެރިކަން ބަދަލުވިރޭގައި ދަންވަރު 12:00 އިން ފެށިގެން ފަތިހުން ގޮސް އަނެއް ދުވަހު އިރުއަރަންދެން ރައްޔިތުންގެ މަޖިލިސް އެންމެ މެންބަރަކު ވެސް ނުހުންނާނެ، އިލްހާމް ނޫނިއްޔާ މެގަފޯން ހިފައިގެން. އަޅުގަނޑާއޭ ދެ ފަހަރަށް ވެސް އިންކުއަރީ ކޮމިޝަނުން ސުވާލު ކުރެއްވީ. ކޮބާ ރައްޔިތުންގެ މަޖިލިސް މެންބަރުން އަޅުގަނޑުގެ ޕާޓީގެ މެންބަރުން ވެސް ތިބީ ފިލާ،" އިލްހާމް ވިދާޅުވި އެވެ.

އިލްހާމްގެ ބަހުގެ ހަމަލާ ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރުކަމަށް ވާދަކުރައްވާ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް ވެސް އަމާޒު ކުރެއްވި އެވެ. އިލްހާމް ވިދާޅުވީ ވެރިކަން ބަދަލުވި ކުރެއްވެވި މަސައްކަތް ބެލެމެއްނެތި "ބޮޑު ޓައި އަޅައިގެން ކޯޓް ލައިގެން ތިމަންނައަކީ މިނިސްޓަރޭ، ކިޔާފައި ވާހަކަދައްކާ މީހުންނަކީ" ކޮބައިކަން ޕީޕީއެމްގެ މެންބަރުންނަށް އިނގޭނެ ކަމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާފައިވާ ނަންތަކުގެ ބަހުސްގެ މަރުހަލާގައި މަޖިލީހުގެ ތަޅުމުގައި ހަރުއަޑުން ވާހަކަފުޅު ދައްކަވަމުން އިލްހާން ވިދާޅުވީ ކުރީގެ ރައީސް މައުމޫންއަބްދުލް ގައްޔޫމަށް ހަމައެކަނި ލޯޔަލް ބޭފުޅަކީ އޭނާ ކަމަށެވެ. "ކުރި ހިދުމަތަށް ބަލާށޭ، މަސައްކަތައް ބަލާށޭ. ރައީސް މައުމޫނަށް އަޅުގަނޑަށް ވުރެ، ލޯޔަލް މީހަކު ނުހުންނާނެ. ނުހުންނާނެ އަޅުގަނޑަށް ވުރެ ލޯޔަން މީހަކު،"

އިލްހާމްއަށް ރައްދު ދެއްވަމުން މަހުލޫފު ވިދާޅުވީ ޕީޕީއެމްގެ ކޮންގްރެސްއަށް ކެމްޕެއިން ކުރުމުގެ ގޮތުގައި މަޖިލީހުގައި "ހަޅޭލެވުމުން" ޕީޕީއެމް މެންބަރުންގެ ވޯޓް ނުލިބޭނެ ކަމަށެވެ. "އަޅުގަނޑާ ނިހާން އަށް ވުރެ އިހްލާސްތެރި ކަމާއެކީގައި މަސައްކަތް ކުރި އެކަކު ވެސް ޕީޕީއެމްގައި ނޫޅޭނެ" ކަމަށް މަހުލޫފު ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑު ވަރަށް ކެރިގެން ތެދުތެދަށް މިދަންނަވަނީ، ޕީޕީއެމްގައި އަޅުގަނޑާއި ނިހާންއާ އެއްވަރަށް މަސައްކަތް ކުރި ނޫން ނަމަ އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރި މީހަކު ނޫޅޭނެ،" މަހުލޫފު ވިދާޅުވި އެވެ.