އަނިޔާކޮށް މަރާލާފައި އޮއްވާ ފެނުނު ހއ. ހޯރަފުށީ ސީވިއު ހުސެން މަނިކު (ހުސޭނުބެ) ގެ ހަށިގަނޑު ފުލުހުން, އޭނާގެ އާއިލާއާ ހަވާލުކޮށްފި އެވެ.


ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ މަރުގެ ތަހުގީގަށް ހުސޭނުބޭގެ ހަށިގަނޑުން ބަލަންޖެހޭ ހުރިހަ ކަމެއް ބަލައި ފާސް ކުރުމަށް ފަހު ހަށިގަނޑު އާއިލާއާ ހަވާލުކުރީ މިއަދު ހަވީރު ކަމަށެވެ.


އޭނާ ވިދާޅުވީ މައްސަލައިގެ ތަހުގީގު ޓީމަށް އޭނާގެ ހަށިގަނޑު ބޭނުންވާ ހުރިހާ މައުލޫމާތެއް ހޯދުމަށް ފަހު މިހާރު ވަރަށް ބާރަށް ތަހުގީގުތައް ކުރިޔަށް އެބަގެންދާ ކަމަށާއި މި މަރާ ގުޅޭ ތަފުސީލުތައް މާ ލަސް ނުވެ ހާމަ ކުރާނެ ކަމަށެވެ.


ހުސޭނުބޭގެ މަރާ ގުޅިގެން ފުލުހުން ހޯރަފުށީގައި ތަހުގީގު  ފަށާފައިވާއިރު ފުލުހުންނާއި ރަށު އޮފީހުގެ ހުއްދައެއް ހޯދައިގެން ނޫނީ ހޯރަފުށިން އެއްވެސް މީހަކު ފުރުން މިހާރު ވަނީ މަނާކޮށްފަ އެވެ.


އުމުރުން 61 އަހަރުވީ ވިޔަފާރިވެރިޔާ، ހުސޭނުބެ، މަރާލައި ފަޅު ގެއެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ ފެނުނީ މިއަދު ހެނދުނު އެވެ. އޭނާ ފެނުނު އިރު އޮތީ ދެއަތް ފުރަގަހަށްލާ ބަނދެފަ އެވެ.