31 Dec 2012, 15:23
ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) އަށް ކުރީގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުނާއި އެމްއެންޑީއެފާއި ފޮލިސް ސާވީސްގެ އިސް ބައެއް ބޭފުޅުން ދެއްވާފައިވާ ބަޔާންތައް "ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ" އަށް ފޮނުވައި ދިނުމަށް ދެ ވަނަ ފަހަރަށް އެދުމަށް އެކޮމެޓީ އިން ނިންމައިފި އެވެ.
"ކޯނީ"އަށް މީހުން ދީފައިވާ ބަޔާންތައް ފޮނުވައި ދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެ ވަނަ ފަހަރަށް އެދުމަށް މިއަދު ބޭއްވި "ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން" ނިންމީ އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ތިމަރަފުށީ ދާއިރާގެ ޕިޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މުހައްމަދު ޝަރީފް ހުށަހަޅުއްވުމާ ގުޅިގެން ކޮމެޓީގައި ނެގި ވޯޓުގެ އިއްތިފާގުންނެވެ.
ކޯނީގެ ރިޕޯޓް ދިރާސާ ކުރުމަށް އެ ކޮމެޓީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަރިހުގައި އެދިފައި ވަނީ ކުރީގެ ނަޝީދާއި ކުރީގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ހޯމް މިނިސްޓަރު ހަސަން އަފީފްގެ އިތުރުން އެމްއެންޑީއެފްގެ ކުރީގެ ޗީފް މޭޖަ ޖެނެރަލް މޫސާ އަލީ ޖަލީލާއި މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ބްރިގޭޑިއާ އިބްރާހިމް މުހަންމަދު ދީދީ އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހާއި ބްރިގޭޑިއާ ޖެނެރަލް އަހުމަދު ނިލާމް އާއި އަދި މިހާރުގެ ޗީފް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް އަދި ކާނަލް މުހަންމަދު ޒިޔާދު "ކޯނީ" އަށް ދެއްވާފައިވާ ބަޔާންތައް އެ ކޮމެޓީ އަށް ފޮނުވާ ދިނުމަށެވެ.
އެމްޑީޕީ މެންބަރުންގެ މެޖޯރިޓީ އޮންނަ "ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން" މިއަދު ނިންމީ "ކޯނީ" އެ ބޭފުޅުން ދެއްވާފައިވާ ބަޔާންތައް ހޯދުމަށް ގާނޫނު އަސާސީގެ ނުވަ ވަނަ މާއްދާގެ (ހ)އަށް ރިއާއަތްކޮށް ކަމަށެވެ.
ގާނޫނު އަސާސީގެ 99 ވަނަ މާއްދާގެ (ހ)ގައި ބުނަނީ ކޮންމެ މީހަކަށްމެ، ރައްޔިތުން މަޖިލީހަށް ނުވަތަ އެކޮމެޓީ އަކަށް ހާޒިރުވެ އެ ކޮމެޓީން ކަނޑައަޅާ ގޮތެއްގެ މަތީން ހެކިބަސް ދިނުމަށާއި ރައްޔިތުން މަޖިލީހުން ބޭނުންވާ ކޮންމެ ލިއުމެއް ހުށަހެޅުމަށް އެންގުމުގެ ބާރު ކޮމެޓީތަކަށް ލިބިގެންވާ ކަމަށެވެ. އަދި މަޖިލީހުން ކޮންމެ މީހަކަށް ކުރާ ކޮންމެ ސުވާލަކަށް ވެސް އެމީހަކަށް އެނގި ހުރި މިންވަރަކުން ޖަވާބުދޭން ޖެހޭނެ ކަމަށެވެ.
މަޖިލީހުގެ އިދާރާއާ މިއަދު ކޮމެޓީން ސުވާލު ކުރުމުން ބުނީ އަށް ބޭފުޅަކު "ކޯނީ" އަށް ދެއްވި ބަޔާން މި މަހުގެ 27 ވަނަ ދުވަހު ކުރިން ފޮނުވުމަށް ރައީސް އޮފީހުގައި ލިޔުމަކުން އެދުނު ނަމަވެސް އެ ލިޔުންތައް ފޮނުވާފައިނުވާ ކަމަށެވެ.
މިއަދު އެ ކޮމިޓީން ނިންމީ އަންނަ މަހުގެ 7 ވަނަ ދުވަހަށް އެ ހުރިހާ ރިޕޯޓެއް ފޮނުވައި ދިނުމަށް އެދުމަށެވެ.
ކޯނީގެ ރިޕޯޓް ދިރާސާ ކުރުމަށް އެ ކޮމެޓީން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެމްއެންޑީއެފް އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ހެޑްގެ ގޮތުގައި ހުންނެވި މުހައްމަދު ނިލާމާއި ޕޮލިސް އިންޓެލިޖެންސްޑިޕާޓް މަންޓްގެ ހެޑް ގޮތުގައި އޭރު ހުންނެވި މުހަންމަދު ހަމީދު (އެމްސީ ހަމީދު)ގެ އިތުރުން ކުރީގެ ޖެންޑާ މިނިސްޓަރު ފާތިމަތު ދިޔާނާ ސައީދު އެ ކޮމިޓީ އަށް ހާޒިރުކުރުމަށް މިއަދުވަނީ ނިންމައިފަ އެވެ.