31 Dec 2012, 14:09
ސްޕެއިންގެ ވަރުގަދަ ކްލަބެއްކަމަށްވާ ބާސެލޯނާ އަށް ކުޅެން ފަސޭހައީ އެކުލަބުގައި ހުރި ފެންވަރުގެ ސަބަބުންކަމަށް މިސީޒަނުގައި ބާސާ އާއި ގުޅުނު ލެފްޓް ބެކް ޔޯޑީ އަލްބާ ބުނެފި އެވެ.
އުމުރުން 23 އަހަރުގެ ޒުވާން ޑިފެންޑަރު އަލްބާ ވެލެންސިއާ ކުޅުމަށް ފަހު، ބާސާއާ ގުޅުނީ ސާދަ މިލިޔަން ޔޫރޯގެ އަގަކަށެވެ. ބާސާއާ ގުޅުމަށް ފަހު އަލްބާ ދަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުން ކަން ފާހަގަކޮށްލެވެ އެވެ.
"ބާސާގައި ކުޅެން ވަރަށް ފަސޭހަ. މި ޓީމްގައި ވަރަށް ގިނަ ފެންވަރު އެބަހުރި. މި ޓީމްގައި ހުރުމުން އަބަދުވެސް ވިސްނެނީ ޓީމާއެކު މޮޅުވާން. އަހަރެންނާއި އެލެކްސް ސޯންގަކީ ޓީމަށް އާދެކުޅުންތެރިން. ނަމަވެސް ދުވަހަކަށް ފަހު، ދުވަހެއް އަހަރެމެންނަށް އެކަން ފާހަގައެއް ނުކުރެވޭ." އަލްބާ ބުންޏެވެ.
އަލްބާގެ ޔޫތު ކެރިޔަރުގައި ވެސް އަލްބާ ވަނީ ބާސާ އަށް ކުޅެފަ އެވެ. ސްޕެއިން ސީނިއާ ގައުމީ ޓީމަށް އަލްބާ ކުޅުނު ފުރަތަމަ މުބާރާތް ކަމަށްވާ ޔޫރޯ 2012ގައި އޭނާ ވަނީ ގޯލެއް ކާމިޔާބުކޮށްދީފަ އެވެ. އެލަނޑު އަލްބާ ކާމިޔާބުކުރީ ޔޫރޯގެ ފައިނަލް މެޗުގައި އިޓަލީ އާއި ދެކޮޅަށް ކުޅެ 4-0 ލަނޑުން މޮޅުވެ ޗެމްޕިއަންކަން ލިބުނު މެޗުގަ އެވެ.