31 Dec 2012, 13:46
އަންނަ އަހަރު ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް ބަދަލުގެނައުމަށް މާލިއްޔަތު ކޮމެޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓް މަޖިލީހުން ފާސްކޮށްފި އެވެ.
މާލިއްޔަތު ކޮމެޓީން ހުށަހެޅި ރިޕޯޓް މަޖިލީހުސް ފާސްވީ މިއަދުގެ ޖަލްސާ އަށް ހާޒިރުވެ ވޯޓްގައި ބައިވެރިވި 45 މެންބަރުންގެ ތެރެއިން 38 މެންބަރުން ވޯޓް ދެއްވައިގެންނެވެ. އަދި ފާސް ކުރުމާ ދެކޮޅަށް ދެ މެންބަރަކު ވޯޓް ދެއްވި އިރު، ވަކިކޮޅަކަށް ވޯޓް ނުދެއްވާ ފަސް މެންބަރަކު ތިއްބެވި އެވެ.
މަޖިލީހުން މިއަދު ފާސްކުރި ރިޕޯޓްގައި ހެލްތު އިންޝުއަރެންސާއި ފޯން އެލަވަންސާއި ބައެއް މުއައްސަސާތަކުގެ މުސާރަ ދޭނެ އުސޫލު ވެސް ކަނޑައަޅާފައިވެ އެވެ.
ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) އާއި ކަސްޓަމް އިންޓަގްރިޓީ ކޮމިޝަން (ސީއައިސީ) އުވާލައި ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ އިންޓެގްރިޓީގެ މައްސަލަތައް ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނެއް އުފެއްދުމަށް ސަރުކާރަށް ލަފާދިނުމަށް ވެސް ރިޕޯޓްގައިވެ އެވެ. އަދި ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ އެންމެހައި މުވައްޒަފުންގެ އިންޓެގްރިޓީގެ މައްސަލަތައް ބެލުމަށް ވަކި ކޮމިޝަނެއް އުފެއްދުމަށް ކޮމެޓީ އަށް ފެންނަ ކަމަށެވެ. އެގޮތުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންއަކީ ވަކި އިދާރާއެއްގެ ގޮތުގައި ހެދުމަށް ޓަކައި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނަންޖެހޭ ކަމަށެވެ.
ރިޕޯޓްގައި ސަރުކާރުގެ އިސްވެރިންގެ ފޯން އެލަވަންސްގެ މައްސަލަ ހައްލު ކުރުމަށް ހުށަޅާފައިވެ އެވެ. ރިޕޯޓްގައި ބުނެފައި ވަނީ ސަރުކާރުގެ އިސްވެރިންގެ ފޯން އެލަވަންސަކީ މަހަކަށް 1000ރ. ކަމަށާއި 1000ރ. އަށް ވުރެ، ފޯލް ބިލް ބޮޑުވެއްޖެ ނަމަ އޮފީސް ބޭނުމަށް ޓަކައިކޮށްފައިވާ ފޯން ކޯލްތަކުގެ "ކްލެއިމް" ކުރާ ކޯލްތަކުގެ ފައިސާ އެ ފަރާތްތަކަށް ލިބިދިނުމަށެވެ.
އެ ގޮތުން އެ އުސޫލު ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ހައި ކޯޓްގެ ފަނޑިޔާރުންނާއި ސުޕީރިއާ ކޯޓްތަކުގެ ފަނޑިޔާރުންނަށެވެ. އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުނާއި ޕްރޮސެކިއުޓާ ޖެނަރަލާއި އޮޑިޓާ ޖެނަރަލްގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރަށް ވެސް ފޯން އެލަވަންސް ބޭނުން ކުރާނެ އުސޫލް ކަނޑައަޅާފައިވެ އެވެ.