31 Dec 2012, 13:40
ގދ. ގައްދޫގައި 13 އަހަރުގެ އަންހެން ކުއްޖަކު ގަދަ ކަމުން ރޭޕްކޮށްލި މައްސަލައެއްގެ ތުހުމަތާ ގުޅިގެން 18 އަހަރުން ދަށުގެ ދެ ކުދިންނާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ އަމަލް ހިންގާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ގައްދޫގެ ފަޅުގެއަކަށް އެ ކުއްޖާ ގެންގޮސް މަސްތުވާތަކެތި ދީގެން ކަމަށެވެ. އެ މައްސަލައިގެ ތުހުމަތުގައި ހައްުޔަރުކޮށްފައި ވަނީ އުމުރުން 16 އަހަރުގެ ދެ ކުދިންނާއި 18 އަހަރުގެ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން 13 އަހަރުގެ އަންހެންް ކުއްޖާ ޖެންޑާ އާ ހަވާލުކޮށްފައިވާ އިރު އެ މައްސަލާގައި ހައްޔަރު ކުރި ދެ ކުދިންނާއި 18 އަހަރުގެ މީހާގެ ބަންދުގެ މުއްދަތަށް 10 ދުވަސް އެ ރަށު ކޯޓުން ޖަހައިދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ މައްސަލާގައި ހިމެނޭ 13 އަަހަރުގެ އަންހެން ކުއްޖާއާ އެކު އެ މައްސަލާގައި ހައްުުޔަރުކުރި ތިން މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު ރިޒާން މިއަދު ވިދާޅުވީ އެ އަންހެން ކުއްޖާއާ މެދު ބަޔަކު އެފަދަ އަމަލެއް ހިންގައިފައިވާ ކަމުގެ މައުލޫމާތު އާއްމު މީހެއްގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެ މައްސަލަ އެރަށު ޕޮލިސް ސްޓޭޝަނުން ބަލަމުން އަންނަ ކަމަށެވެ. އަދި އެއަންހެން ކުއްޖާއަކީ އާއްމުގޮތެއްގައި އާއިލާ އަށް ނޭނގި ގެއިން ބޭރަށް ނުކުމެގެން އުޅޭ ކުއްޖެއް ކަމަށާއި ރަށުތެރޭގައި އުޅެނިކޮށް، އެތައް ފަހަރެއްގެ މަތިން ރަށު ކައުންސިލުންނާއި ފުލުހުންގެ އިތުރުން އޭނާގެ އާއިލާ އިން ވެސް އެކުއްޖާ އަށް ތަކުރާރުކޮށް ނަސޭހަތް ތެރިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއަމަލު ހިންގާފައި ވަނީ އެ ކުއްޖާ އަށް މަސްތުވާތަކެތި ދީގެން، ބައެއް ފަހަރު މިރަށާއި ގުޅިފައި އޮންނަ ފަޅުރަށެއް ކަމުގައިވާ ރޮދުވައްރެހާއަށް އެކަނި ގޮސް ވެެސް އުޅޭނެ. އެއް ފަހަރަކު ވެސް ރަށުގެ އުތުރު އަވަށުގައި އެކަނިމާ އެކަނި އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުންނާ އެކުއްޖާގެ އާއިލާގެ މީހަކާއި ރަށުގެ އާއްމުންގެ ތެރެއިން އަންހެނަކާ އެކު ރަށު ކައުންސިލުން އެކުއްޖާ ހޯދަން ދިއުމުން ވެސް ފިލި." ރަޒާން ވިދާޅުވި އެވެ.
ކުޑަކުދިން ރޭޕްކުރުމުގެ މައްސަލައަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައަކަށްވާ އިރު މިދިޔަ ހޮނިހިރު ދުވަހު ވެސް ވިލިމާލޭގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ގަދަކަމުން ރޭޕްކޮށްލި މައްސަލައަކާ ގުޅިގެން ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ.