31 Dec 2012, 13:40
ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓްގެ ދިރާސާއަކަށް ވެރިކަން ބަދަލުވިރު އެމްއެންޑީއެފް އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ހެޑްގެ ގޮތުގައި ހުންނެވި މުހައްމަދު ނިލާމާއި ޕޮލިސް އިންޓެލިޖެންސްޑިޕާޓް މަންޓްގެ ހެޑް ގޮތުގައި އޭރު ހުންނެވި މުހަންމަދު ހަމީދު (އެމްސީ ހަމީދު) ގެ އިތުރުން ކުރީގެ ޖެންޑާ މިނިސްޓަރު ފާތިމަތު ދިޔާނާ ސައީދު "ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ" އަށް ހާޒިރުކުރުމަށް މިއަދު ނިންމައިފި އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފެއްދި، ކޯނީގެ ރިޕޯޓު ދިރާސާ ކުރުމަށް އެ ކޮމެޓީން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ތިން ބޭފުޅުން ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމާފައިވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ "ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން" ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރު އަހްމަދު ޝަރީފްވެސް ވޯޓު ދެއްވައިގެން ކޮމެޓީން ފާސްކޮށްފައިވަނީ އަންނަ މަހުގެ ނުވަވަނަ ދުވަހު އޮންނަ ކޮމެޓީގެ ޖަލްސާއަށް ތިން ބޭފުޅުން ވަކި ވަކިން ހާޒިރުކުރުމަށެވެ.
މިއަދު އެ ކޮމެޓީން ނިންމީ ނުވަ ވަނަ ދުވަހު ހެނދު 11:00ގައި ދިޔާނާ ހާޒިރު ކުރުމަށް ފަހު 12:00ގައި އެމްސީ ހަމީދު އަދި 13:00 ގައި ނިލާމް ހާޒިރު ކުރުމަށެވެ. މީގެ އިތުރުން ނިލާމާއި ހަމީދު ހާޒިރުކޮށް ސުވާލު ކުރެވޭއިރު ދިޔާނާ އެ ކޮމެޓީގައި އިންނެވުމަށާއި ހަމީދު އާއި ނިލާމް ދައްކަވާ ވާހަކަތައް ސިއްރުކުރުމަށް ވެސް ކޮމެޓީން މެންބަރުން ވަނީ ހުށަހަޅުއްވާ އެގޮތައް ނިންމާވާފަ އެވެ.
ސާކްގެ ސެކްރެޓަރީ ޖެނަރަލްކަން ވެސް ކުރައްވާފައިވާ ދިޔާނާ އެ ކޮމެޓީއަށް ހާޒިރުކުރުމަށް ނިންމެވީ ކުރީގެ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ގޮތާއި ގުޅޭ ގޮތުން ސައިލެންޓް އިންކުއަރީ (ހިމޭން ތަހްގީގު) ނަމުގައި އޭނާ ނެރުއްވި ރިޕޯޓާއި ގުޅިގެންނެވެ. އެހެން ކަމުން އެކޮމެޓީއަށް ދިޔާނާ ހާޒިރުވާއިރު އެ ރިޕޯޓުވެސް ގެންނަވަން އެންގުމަށް ކޮމެޓީން ފާސްކުރި އެވެ.
ނިލާމް މިހާރު ހުންނެވީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ މެރިންކޯ ކޮމާންޑަރުގެ މަގާމުގަ އެވެ. އަދި އެމްސީ ހަމީދު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާއިރު ދިޔާނާވެސް ވަނީ މި ސަރުކާރުގެ ޖެންޑާ މިނިސްޓަރަށް ހުންނަވަނިކޮށް އެ މަގާމުން ވަކި ކުރައްވާފަ އެވެ.
މަޖިލީސް ޗުއްޓީގައި އޮންނަ ދެ މަސްދުވަހުވެސް ކޯނީގެ ރިޕޯޓު ދިރާސާ ނިމެންދެން ޗުއްޓީގައިވެސް ކޮމެޓީގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ކޮމެޓީގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.