ރައްޔިތުންގެ މަޖިލީހުގައި މިނިވަން މެންބަރެއްގެ ގޮތުގައި އިންނަވާ، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ދިރިއުޅުއްވާ ގެކޮޅުގެ ސިޑިގޮޅިތެރެއިން ކަނޑިތަކެއް ފެނިގެން ފުލުހުންނާ ހަވާލުކޮށްފި އެވެ.

ރިޒާ ވަނީ އެކަން ސަން އަށް ކަށަވަރުކޮށްދީފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް، ސަބް އިންސްޕެކްޓާ ހަސަން ހަނީފު ވިދާޅުވީ ކަނޑިތަކެއް ފެނިގެން މިދިޔަ ހުކުރު ދުވަހު ގ. ކްރެބްޓްރީ ކިޔާ ގެއަކުން ރިޕޯޓް ކުރި ކަމަށާއި ފުލުހުން އެ ގެއަށް ދިޔަ އިރު ވެސް އެއީ މަޖިލިސް މެންބަރެއްގެ ގެކޮޅު ކަމެއް ނޭނގޭ ކަމަށެވެ. އަދި މިއަދާ ހަމަޔަށް ވެސް އެ ގެޔަކީ މަޖިލިސް މެންބަރެއްގެ ގެކޮޅު ކަމެއް ނޭނގޭ ކަމަށެވެ.

ހަނީފު ވިދާޅުވީ އެ ގޭގެ ސިޑިގޮޅީގެ ތެރެއިން ފެނިފައި ވަނީ ހަތަރު ފޫޓްގެ ދެ ކަނޑިއަކާއި ވަޅިއެއް ކަމަށާއި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)ގެ ވަކީލުކަން ވެސް ކުރައްވަމުން ގެންދަވާ ރިޒާގެ ގެކޮޅުގެ ސިޑިގޮޅިން ކަނޑިތަކެއް ފެނިފައިވާ އިރު، އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ ރަހުމު ކުޑަގޮތަކަށް އަވަހާރަކޮށްލާފައި ވަނީ އެމަނިކުފާނު ދިިރުޅުއްުވި ހ. ފުންފިލު ސިޑިއާ ދިމާލުންނެވެ.

ރިޒާގެ ގެކޮޅުން ގަނޑިތަކެއް ފެނުނު މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ސަމާލު ކަމަށް ވެސް ވަނީ ގެނެސްފަ އެވެ. ރިޒާގެ ގެކޮޅުން ކަނޑިތަކެއް ފެނުނު މައްސަލަ މަޖިލީހުގެ މެންބަރުންނަށް އަންގާފައި ނުވާތީ އެ މައްސަލަ ނިޒާމީ މައްސަލައެއްގެ ގޮތުގައި ތޮއްޑު ދާއިރާގެ މެންބަރު ވަނީ ނަންގަވައިފަ އެވެ. ނަމަވެސް ރިޔާސަތުން އެ މައްސަލަ ބަލައިގެންފައެއް ނުވެ އެވެ.