ރިޔާސީ ބަޔާން އިއްވުމާ ދެކޮޅަށް މާޗް 19 ވަނަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ވީޓީވީގެ އިމާރާތަށް ގެއްލުން ދިން ކުއްޖަކު ދެ އަހަރަށް ޖަލަށް ލުމަށް ޖުވެނައިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޖުވެނައިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ މާޗް 19 ވަނަ ދުވަހުގެ 10:30 އެހާކަންހާއިރު އިތުރު ބަޔަކާ އެކު ވީޓީވީ ދޮށަށް އެއްވެ "މާ ބޮޑުނޫން ދެތިން ގާބުރި" ވީޓީވީގެ އިމާރާތަށް އެއްްލާފައިވާ ކަމަށް 17 އަހަރުގެ އެ ކުއްޖާ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވާ ކަމަށެވެ. އަދި ދައުލަތުން ޝަރީއަތަށް ހުށަހެޅި ފޮޓޯތަކާއި ވީޑިއޯ ފްޓޭޖްތަކުން ވީޓީވީ ކުރިމަތީގައި ހުރެ އެ އިމާތަށާއި އެތާގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ސިފައިންނާ ދިމާލަށް އެ ކުއްޖާ ގާއުކާ މަންޒަރު ފެންނަ ކަމަށް ވެސް ޖުވެނައިލް ކޯޓުގެ ހުކުމްގައިވެ އެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މާނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ނ)ގެ ދަށުން މީހެއްގެ މުދަލަށް ގެއްލުމެއް ދޭން އުޅުމުގެ ކުށުން އެ ކުއްޖާ ކުށްވެރިވާ ކަމަށް ކަނޑައަޅައި އެ މާއްދާގެ (ބ)ގެ ދަށުން އެ ކުއްޖާ ދެ އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ "ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލައި ތަހުގީގުކޮށް އިންސާފުން އަދަބު ދިނުމުގައި އަމަލު ކުރާ ގަވާއިދަށް" ރިއާޔަތް ކުރުމަށް ފަހު އެވެ.

ވީޓީވީ އަށް ގެއްލުން ދިނުމުގެ ކުށުގައި އަށް މީހަކު ހަތް އަހަރަށް ޖަލަށް ލުމަށް މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ވެސް ވަނީ ހުކުމްކޮށްފަ އެވެ. އެ މީހުންނަކީ ހ. ލަދުމާގެއާގޭ އަހުމަދު ނައީމާއި ރ. މަޑުއްވަރީ ފެހިއަލި އިސްމާއިލް ހައްމާދާއި މ. ނޫރުޒޭރު ހުސެއިން ޝިފާއު ޖަމީލާއި އއ. ފެރިދޫ އާޒާދުގޭ ޣާނިމް ހަސަނާއި ރ. އަލިފުށީ ހަމީދީމަންޒިލް އަހުމަދު ހަމީދާއި ހަމަ އެގޭ ހުސެއިން ހަމީދާއި މާލޭ ދަފްތަރު 7471 މުހައްމަދު ހަމީދު، 50ގެ އިތުރުން ގ. ހާލަމް އަހުމަދު މުހީން އެވެ.