31 Dec 2012, 13:04
އަހަރެއް ނިމި އާ އަހަރަކާއި ކުރިމަތިލާނީ ހާއްސަ ކަންތައްތަކާ އެކު އެވެ. ރާއްޖޭގެ ފުޓްބޯޅައިގައި ކޮންމެ އަހަރަކީ ވެސް ބަޔަކަށް ހާއްސަ އަހަރަކަށް ވާއިރު، ނިމިގެން މިދާ 2012 ވަނަ އަހަރަކީ ވެސް ހަމަ މިފަދަ އަހަރެކެވެ.
މި އަހަރަކީ ރާއްޖޭގެ ފުޓްބޯޅަ ބޭރުގެ ގައުމުތަކުގައި ވިދާލި އަހަރަކަށްވީއިރު، މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ވިކްޓަރީ ކޮޅަށް، ނިއުރޭޑިއަންޓުގެ އެއް ނަންބަރު ގޯލްކީޕަރު އިމްރާން މުހައްމަދު ޖެހި "ތާރީހީ ގޯލު"ގެ ވާހަކަތައް ފުޓްބޯޅައިގެ ރޭންކިންގައި ކުރިއަރާފައިވާ މަޝްހޫރު ބައެއް ގައުމުތަކުގެ އޮންލައިން ނޫސްތަކަށް ވަނީ އަރާފަ އެވެ.
އިމްރާންގެ ތާރީހީ ގޯލަކީ ފަހުގެ ތާރީހެއްގައި ދިވެހި ކުޅުންތެރިއަކު ޖެހި މޮޅު ގޯލެއް ކަމަށް ދިވެހި ފުޓްބޯޅައަށް ލޯބިކުރާ ދިވެހިން ބުނާއިރު ރާއްޖޭގެ މީޑިއާތަކުގައިވެސް އެވާހަކަތައް ދެކެވުނީ ހަމައެގޮތަށެވެ. "އެއީ މޮޅު، ރީތި، ފުރިހަމަ، ހިތްގައުމު" ގޯލެއްގެ ގޮތުގަ އެވެ.
އިމްރާން އެގޯލު ޖެހީ، މިއަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ ވިކްޓަރީއަތުން 2- 1 އިން ނިއުރޭޑިއަންޓް މޮޅުވި މެޗުގަ އެވެ. އޭނާ ޖެހި ތާރީހީ ގޯލްގެ ވާހަކަ ބައިނަލް އަގުވާމީ ނޫސްތަކަށް އެރީއިރު އެ ގައުމުތަކުގެ ތެރޭގައި ދުނިޔޭގެ ރޭންކިންގައި މިވަގުތު 17 ވަނާގައި އޮތް ޗިލީގެ މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ ބިއޯ ބިއޯ ނޫހުގެ ފަލަސުރުހީއަށް ވަނީ އަރާފަ އެވެ. އަދި ޔޫކޭގައި ނެރޭ ކުޅިވަރު ނޫހެއް ކަމަށްވާ ހަފިންޓަން ޕޯސްޓަށް ވެސް އިމްރާންގެ ވާހަކަ އަރާފައިވާ އިރު، ރިޕަބްލިކް އިންލޭންޑުގެ ނޫހަކަށް ވެސް އެވާހަކަ އެރި އެވެ. އަދި ސްޕޭން، ބްރެޒިލް އާޖެންޓީނާ، ޔޫއެސްއޭ، ޕޯޗްގަލްގެ ނޫސްތަކަށް ވެސް އިމްރާނުގެ ގޯލުގެ ވަހަކަ އެރި އެވެ. އަދި ޔޫޓިއުބްގައި ވެސް އޭނާ އެގޯލް ޖެހި މަންޒަރު ދައްކުވައިދޭ ވީޑިއޯ ވެސް ވަނީ "ދުނިޔޭގެ" މަގްބޫލް ވީޑިއޯތަކުގެ ތެރޭގައި ހިމެނިފަ އެވެ.
ފުޓްބޯޅައިގެ ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީ ސަފުގައި ވިދަމުން އަންނަ ގައުމުތަކުގެ "ވަރުގަދަ ކުޅިވަރު ނޫސްތަކަށް ރާއްޖޭގެ ގައުމީ ކީޕަރު އިމްރާން ޖެހި ގޯލުގެ ވާހަކަ އެރިއިރު، ސާކް ސަރަހައްދުގެ ގައުމުތައް ތިބީ އެކަމާ ހައިރާންވެ، ބުނާނެ އެއްޗެއް ނޭގިފައި ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެފައި ވެއެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗުގައި އިމްރާން ވިކްޓަރީ ކޮޅަށް ގޯލް ޖަހާފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި އެޓީމުން ލީޑް ނަގާފައި ވަނިކޮށް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ.
އެލަނޑު އޭނާ ޖެހީ ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޖެހި ސައްޕު، ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް އޮއްސެން ދިޔައިރު، ވިކްޓަރީގެ ގޯލްކީޕަރު މުހައްމަދު ފައިސަލް އަތުގައި ވެސް ޖެހިފަ އެވެ. އަދި އިމްރާން ޖެހި އެ ބާރު ސައްޕު ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ވެސް ޖެހުނެވެ. އެކަމަކުވެސް ފައިސަލަށް އެ ބޯޅަ ދިފާއުކުރެވޭ ގޮތެއް ނުވި އެވެ.
ގޯލްކީޕަރު އިމްރާންގެ އިތުރުން މިމެޗުގައި ދެން ނިއުއަށް ގޯލްޖަހައި ދިނީ ރާއްޖޭގެ ހުނަރުވެރި ގައުމީ ކެޕްޓަން ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އަދި ވިކްޓަރީން ނިއު ކޮޅަށް ޖެހިގޯލް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފައުޒާން ހަބީބެވެ.
ދިވެހި ގައުމީ ޓީމްގެ ގޯލުވެސް ބަލެހެއްޓުމުގައި މިއަދު މިގައުމުގައި ހުރި އެންމެ ތަޖުރިބާ ކާރު ގޯލް ކީޕަރު އިމްރާން ޖެހި ގޯލް ފަހުގެ ތާރީހުގައި ޖެހި އެންމެ ރީތިގޯލަކަށް ވީއިރު، ޕްރެޒިޑެންޓް ކަޕްގެ ތަށި ވެސް މިއަހަރު އުފުލާނީ އިމްރާންގެ ޓީމް ނިއުރޭޑިއަންޓުންނެވެ.