31 Dec 2012, 12:30
އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖާއި އިންޝުއަރެންސް ސާ ޗާޖްގެ ގޮތުގައި ޖީއެމްއާރަށް 27 ޑޮލަރު ލިބެންޖެހޭނެ ކަމަށް ބަލައި، އެފައިސާ މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ދައްކަންޖެހޭ ކޮންސެޝަން ފީ އިން އުނިކުރި މައްސަލައިގައި ކުރީގެ ފިނޭންސް މިނިސްޓަރު މުހައްމަދު ޝިހާބާއި އެމްއޭސީއެލްގެ ކުރީގެ ޗެއާމަން ބަންދު އިބްރާހިމް ސަލީމްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖާއި އިންޝުއަރެންސް ސާ ޗާޖް ގެ ގޮތުގައި ޖީއެމްއާރަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށް ކޯޓުން ކަނޑައެޅުމުން، އެފައިސާ ޖީއެމްއާރަށް ލިބޭނެ ގޮތެއް ނެތުމުން އެކުންފުންޏަށް ލިބޭ ގެއްލުން ފޫބެއްދުމަށް އެ ދެ ޗާޖުން ޖީއެމްއާރަށް ލިބެންޖެހޭ ފައިސާއާ އެއްވަރުގެ އަދަދެއް ޖީއެމްއާރުން އެމްއޭސީއެލްއަށް ދައްކަންޖެހޭ ކޮންސެޝަންފީ އިން އުނިކުރާގޮތަށް އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނަނީ ކޮންސެޝަން ފީ އުނިކުރާގޮތަށް ގެނައި އެބަދަލަކީ ކުންފުނީގައި އާންމުކޮށް ގެންގުޅޭ ވިޔަފާރީގެ އުސޫލުތަކާ ޚިލާފަށް ކުންފުންޏަށް ލިބެމުންދިޔަ އާމްދަނީއެއް ނުލިބޭގޮތަށް ކޮންސެޝަން އެގްރީމެންޓަށް ގެނެސްފައިވާ ބަދަލެއް ކަމަށާއި އެގޮތަށް އެއްބަސްވެ އެގްރީމެންޓަށް ގެނައި ބަދަލު ބަޔާންކޮށްފައިވާ "ކޮންސެޝަން ލެޓާ"ގައި ސޮއިކުރާނެ ފަރާތެއް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައި ފާސްކޮށްފައިވާ ރިޒޮލިއުޝަނެއް އޮންނަންޖެހޭ އިރު އެމްއޭސީއެލްގެ އޭރުގެ ޗެއާމަން ބަންދު އިބްރާހިމް ސަލީމް އެގޮތަށް އެއްބަސްވެފައި ވަނީ ކުންފުނީގެ ހިންގާ ގަވާއިދާ ޚިލާފަށް ކަމަށެވެ. އަދި ކޮންސެޝަން އެގްރީމެންޓްގައި ބަޔާންކުރާ ޕޮލިޓިކަލް އިވެންޓެއްގެ ހާލަތު ރަނގަޅު ކުރުމަށް މަޝްވަރާކޮށްގެން އެއްބަސްވުމަކަށް އައުމަށް އެއްބަސްވުމުގައި ކަނޑައެޅިފައިވާ ޕްރޮސީޖާއާ ޚިލާފަށް އަދި އެކަމަށް ދީފައިވާ 90 ދުވަހުގެ މުއްދަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ނުހިފާ އެމްއޭސީއެލް އަށް ލިބެންޖެހޭ ކޮންސެޝަން ފީ އިން އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖާއި އިންޝުއަރެންސް ސާ ޖާޗަށްވާ ފައިސާ އުނިކުރާގޮތަށް އެއްބަސްވުމުން އެމްއޭސީއެލް އަށް ގެއްލުންވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އެގޮތަށް އެއްބަސްވުމަށް ފަހު ޖީއެމްއާރަށް ފައިދާވާ ގޮތަށް އެމްއޭސީއެލްއިން ސިޓީ ފޮނުވިތާ ދެ ދުވަހުގެ ތެރޭގައި ބަންދު ސަލީމް އެއްބަސްވެ "ކޮންސެންޓް ލެޓާ" ގައި ސޮއިކުރި ކުރުން އެއީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ފައިދާވާ ގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ބުނަނީ ކޮންސެޝަން އެގްރީމެންޓްގެ ދަށުން ޖީއެމްއާރުން އެމްއޭސީއެލް އަށް ދައްކަންޖެހޭ ކޮންސެޝަން ފީ އިން އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖާއި އިންޝުއަރެންސް ސާ ޗާޖަށްވާ ފައިސާ އުނިކުރުމުގެ ހުއްދަ "ކޮންސެޝަން ލެޓާ" މެދުވެރިކޮށް އޭރުގެ ފިނޭންސް މިނިސްޓަރު ޝިހާބާއި އެމްއޭސީއެލްގެ އޭރުގެ ޗެއާމަން ބަންދު ސަލީމް ޖީއެމްއާރަށް ދިނުމުގެ ސަބަބުން 2011 ވަނަ އަހަރުގެ އިކްޓޯބަރު މަހުން ފެށިގެން 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެމްއޭސީއެލް އަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 353.8 މިލިއަން ރުފިޔާ ލިބިފައި ނުވާތީ މާލީގޮތުން ދައުލަތަށް ލިބުނު ގެއްލުމަށް ވާ އެ ފައިސާ ހޯދުމަށް އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.