31 Dec 2012, 12:04
ގާނޫނުތަކާއި ގަވާއިދުތައް ހެދިފައި ހުއްޓަސް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނުބުލެހެއްޓޭ ކަމަށާއި އެކަން ކުރެވޭނީ ހުރިހައި އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށް ބްރިގޭޑިއާ ޖެނެރަލް ޒަކަރީއްޔާ މަންސޫރު މިއަދު ވިދާޅުވެއްޖެ އެވެ.
ކަނޑުމަތީގެ ސަލާމަތާބެހޭ ގައުމީ މަޝްވަރާގެ ބައްދަލުވުން އިފްތިތާޙް ކުރުމުގެ ގޮތުން ނަސަންދުރާ ޕެލެސް ހޮޓެލްގައި ބޭއްވި ހަފްލާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ މިހާރުވެސް ކަނޑުމަތީގެ ސަލާމަތާއިބެހޭ 24 ހަށް ވުރެ ގިނަ ގަވާއިދު ހެދިފައިވާ ކަމަށެވެ. އަދި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރި ކަމާއިބެހޭ ވަރަށް ރަނގަޅު ގާނޫނެއް ވެސް ހެދިފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މިހާރު ވެސް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއިބެހޭ 24 އެތައް ގަވާއިދެއް ހެދިފައި އެބަހުރި. ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ރައްޔިތުންގެ މަޖިލީހުން ވަނީ ކަނޑުމަތީގެ ރައްކާތެރިކަމާއިބެހޭ ގާނޫނެއް ވެސް އެކުލަވާލައި ފާސްކޮށްފައި. ވަރަށް ރަނގަޅު ގާނޫނެއް އެއީ. އެހެން ނަމަވެސް އެ ގަވާއިދު ތަކާއި ގާނޫތަކަށް ތަބާވާ މީހުން ވަރަށް މަދު،" ޒަކަރީއްޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަނޑުމަތީގައި ދިމާވާ ބޮޑެތި ހާދިސާތައް ހައްލު ކުރެވޭނީ އަދި އެފަދަ ހާދިސާތައް މަދު ކުރެވޭނީ ހެދިފައިވާ ގަވާއިދު ތަކަށާއި ގާނޫނުތަކަށް އެންމެން އިހްތިރާމް ކޮށްގެން އެ ގާނޫނުތަކާއި ގަވާއިދުތައް ފުރިހަމައަށް ތަންފީޒް ކުރެވިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މިސަރަހައްދުގެ ގައުމުތަކާއި އަޅާބަލާއިރު ދިވެހިރާއްޖޭގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށްދޭ ސަމާލަކަން ވަރަށް ކުޑަ ކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން ވަރަށް ހިތާމަވެރި ބޮޑެތި ކަނޑުމަތީގެ ހާދިސާތަކެއް ހިގާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ ވަރަށް ގިނަ ފަހަރަށް ބޮޑެތި ބޯޓު ފަހަރުތައް އެތައް މޭލު ދުރަށް ނިކުމެގެންދާއިރު މުއާސަލާތު ކުރެވޭނެ އެކަށީގެންވާ ނިޒާމް ތަކެއް ގާއިމްވެފައި ނުހުންނަ ކަމަށެވެ. އަދި އެފަދަ ބޯޓު ފަހަރު ތަކުގައި ކެޕްޓަނުންނަށް ތިބޭ ގިނަ މީހުންނަކީ ކަޑުގެ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ނުގެންގުޅޭ މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން ކަނޑުމަތީގައި ހިގާ ބޮޑެތި ހާދިސާތައް މަދު ކުރުމަށް މިފަދަ އަމަލުތައް ހުއްޓުމަކަށް ގެންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޒަކަރީއްޔާ ވިދާޅުވީ ކަނޑުމަތީގެ ހާދިސާތައް މަދު ކުރުމަށްޓަކައި މޫސުމަށް ބަލައިގެން ދަތުރު ކުރުން މުހިންމު ކަމަށާއި ކަނޑުމަތީގައި އުޅޭއުޅުމުގައި ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެން ދަތުރު ކުރުމަށް ހުރިހައި ރައްޔިތުންނަށް ވެސް އިލްތިމާސް ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދު ފެށި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވަނީ އަމިއްލަ ކުންފުނިތަކާއި ސަރުކާރުގެ އެކި އޮފީސްތަކާއި އަދި ފުލުހުންނާއި ސިފައިންނެވެ.