ޤާހިރާ (ޑިސެމްބަރު 31) : ޤާހިރާގެ އަލްމަޢާދީ ޢަސްކަރީ ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައިވާ މިސްރުގެ ކުރީގެ ރައީސް މުޙައްމަދު ޙުސްނީމުބާރަކް ގެ ޙާލުކޮޅު ވަރަށް ސީރިޔަސް ކަމަށާ އޭނާގެ ހަށިގަނޑު މަރާ ހަނގުރާމަ ކުރަމުން ގެންދާ ކަމަށް މިސްރުގެ ރަސްމީ ޓީވީން ޚަބަރު ދީފި އެވެ.

މިސްރު ރަސްމީ ޓީވީ ބުނާގޮތުން އުމުރުން 84 އަހަރުގެ މުބާރަކް މިހާރު ދިރި އޮންނެވީ ލައިފް ސަޕޯޓިން ސިސްޓަމެއްގެ އެހީގަ އެވެ. އުމުރުން 84 އަހަރުގެ މުބާރަކަށް ދިމާވި ސިއްޙީ މައްސަލަތަކަކާ ގުޅިގެން އޭނާ އުމުރު ދުވަހުގެ ޖަލު ޙުކުމް ހޭދަކުރައްވާ ޤާހިރާގެ ތުއްރާ ޖަލުން އަލްމަޢާދިޢަސްކަރީ ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. މުބާރަކް ހޮސްޕިޓަލުގައި އެނދުމަތި ކުރެވުނީ ޖަލުގެ ފާޚާނާއަކަށް ވެއްޓުމުގެ ސަބަބުން އަތާއި ފައިގެ ބައެއް ކަށިތަކުގައި ރެނދުލާފައި ވުމުގެއިތުރުން އޭނާގެ ފުއްޕާމޭގައި ފެންހެދިފައިވާ މައްސަލައާކާ ގުޅިގެންނެވެ.

ނަމަވެސް ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށްފަހު ކުރި ޓެސްޓްތަކުން އޭނާގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމާއި ހިތުގެ މައްސަލަތައްވެސް ނުރައްކާތެރިމިންވަރަކަށް ހުރިކަން ވަނީ ހާމަވެފައެވެ. އަދި މުބާރަކަށް ދޭ ފަރުވާއިން އޭނާއަށް ޝިފާނުލިބި އިތުރަށް ޙާލަތު ދަށަށްދާ ކަމަށްވެސް ޑޮކްޓަރުންނާ ޙަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެއެވެ. 2011 ވަނަ އަހަރު މުބާރަކުގެ ވެރިކަމާ ދެކޮޅަށްމުޒާހަރާކުރި މިސްރުގެ އެތަށް ސަތޭކަ ބަޔަކު މެރުމުގެ ޖަރީމާގައި ކުށްސާބިތުވެގެން އޭނާވަނީ އުމުރަށް ޖަލަށްލާފަ އެވެ. މުސްކުޅިވެ ގައިގާ ބާރުދެރަވެ ޢާއިލާގެ މީހުންގެ އަޅާލުން އެންމެ ބޮޑަށް ބޭނުންވި ދުވަސްވަރު މުބާރަކު އުމުރު ދުވަހުގެ ޖަލު ޙުކުމެއްގައި ޖަލުގައި ގިނަކަންޏާ އޮންނަވަން ޖެހިވަޑައިގަތުމުން އޭނާގެ ނަފްސާނީ ޙާލަތު ވަރަށް ގޯސްވެ ހަމަނުޖެހޭ ވާހަކަވެސް މުބާރަކު ދައްކަވާކަމަށް ރިޕޯޓްތައް ބުނެ އެވެ.

މުބާރަކުގެ ވެރިކަން ވެއްޓުނީ 2011 ވަނަ އަހަރުގެޖަނަވަރީ މަހު އޭނާގެ ވެރިކަމާދެކޮޅަށް މިސްރުގެ ރައްޔިތުން އުތުރިއަރަންފެށުމާގުޅިގެން އެއަހަރުގެ ފެބްރުއަރީމަހު ތެރޭގަ އެވެ.(ނޫސްއެޖެންސީތައް)