އެފްއޭއެމުގެ ބެލުމުގެ ދަށުން ދެ ފަހަރު މަތިން ބާއްވަން އުޅެ ނުބޭއްވުނު އެފްއޭއެމް އިންތިހާބަށް އެންމެ ފަހުން ފީފާގެ ފަރާތުން އެކުލަވާލި ފަސް މެމްބަރުން ހިމެނޭ އިންޓަރިމް ކޮމިޓީން މުހައްމަދު ތޮލާލް އިސްތިއުފާ ދެއްވައިފި އެވެ.

އިންޓަރިމް ކޮމިޓީން އިސްތިއުފާ ދެއްވިކަމަށް "ސަން އޮންލައިނަށް" ކަށަވަރު ކޮށްދެއްވަމުން އެތްލެޓިކްސް އެސޯސިއޭޝަނުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ތޮލާލް މިއަދު ވިދާޅުވީ، އެ ކޮމެޓީން އިސްތިއުފާ ދެއްވީ މިހާރު އަދާ ކުރައްވަމުން އަންނަ ވަޒީފާގެ ގޮތުން ކަމަށެވެ. އަދި މަގާމުން އިސްތިއުފާ ދެއްވި ކަމުގެ މެއިލްވެސް އެފްއޭއެމްއަށް މިއަދު ކޮށްފައި ވާނެ ކަމަށް ތޮލާލް ވިދާޅުވިއެވެ.

"އަހަރެން މިހާރު ދެ މަގާމެއްގައި ވަޒީފާ އަދާކުރަމުން މިއަންނަނީ. އެއީ ޔޫތު މިނިސްޓްރީގެ ޓެކްނިކަލް އެޑްވައިޒާ ޓުދަ މިނިސްޓަރުގެ މަގާމާއި ސްޕޯޓްސް ކައުންސިލްގެ ނައިބް ރައީސްގެ މަގާމު،" ތޮލާލް ވިދާޅުވި އެވެ.

އިންޓަރިމް ކޮމިޓީން ތޮލާލް އިސްތިއުފާ ދެއްވުމުން އެމަގާމުގައި މިހާރު ތިއްބެވި ހަތަރު މެންބަރުންނަކީ ސްޕްރިންޑެންޓެންޑް އޮފް ޕޮލިސް އަބުދުﷲ ނަވާޒާއި މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު އަނިލް އާއި ކުރީގެ ގައުމީ ކީޕަރު މުހައްމަދު އިގްބާލް އަދި އޮލިމްޕިކް ކޮމިޓީގެ ޗެއާމަން އިބްރާހީމް އިސްމާއީލެވެ.

އެފްއޭއެމުގެ އިންތިހާބުގައި ރައީސްގެ މަގާމަށް ދެބޭފުޅަކު ކުރިމަތިލެއްވިއިރު، އެ ދެބޭފުޅުންނަކީ މިހާރުގެ ރައީސް އަލީ އާޒިމާއި ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދެވެ.

އެފްއޭއެމްގެ އިންތިހާބު ދެ ފަހަރު ވެސް ލަސްވީ ޔުނައިޓެޑް ވިކްޓަރީގެ ވޯޓުގެ މައްސަލައިގަ އެވެ. އެކުލަބުގެ ރައީސް އާޒިމަށް ޕްރޮކްސީ ދީފައިވީ ނަމަވެސް ކުލަބުގެ ބޯޑުގެ ގިނަ މެމްބަރުން ތާއީދު ކުރަނީ އިލްހާމަށެވެ. ނަމަވެސް ޕްރޮކްސީ ބަދަލު ކުރެވޭނެ ގޮތެއް ނެތުމުން ބޯޑުން ވަނީ އިންތިހާބުގައި ވާދަ ނުކުރަން ނިންމައިފަ އެވެ. މިކަމާ ހެދި ފުރަތަމަ އިންތިހާބު ބާއްވަން އުޅުނު ދުވަހު އިންތިހާބު ހުއްޓުވީ އިލްހާމަށް ތާއީދު ކުރާ ފަރާތްތަކުންނެވެ. ދެ ވަނަ ދުވަހު އާޒިމްގެ ޓީމުންނެވެ.

އެފްއޭއެމް އިންތިހާބުގައި ވޯޓުލާނީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމާއި ދެ ވަނަ ޑިވިޝަނުގެ ތިން ޓީމު އަދި ތިން ވަނަ ޑިވިޝަނުގެ ދެ ޓީމަކުންނެވެ. މީގެ ތެރެއިން ފުރަތަމަ ޑިވިޝަން ވަނީ ދެބަޔަކަށް ހަމަހަމަ އަށް ބެހިފަ އެވެ. ދެ ވަނަ ޑިވިޝަނުން ޔުނައިޓެޑް ވިކްޓަރީގެ ވޯޓުގައި މައްސަލަ ޖެހިފައިވާއިރު އަނެއް ދެ ޓީމު އޮތީ ދެ ފަޅީގަ އެވެ. ތިން ވަނަ ޑިވިޝަނުގެ ދެ ޓީމު ވެސް އޮތީ އާޒިމަށެވެ. މިހެންވެ 6-6 އިން އިލްހާމާއި އާޒިމް ހަމަހަމަވާއިރު އިންތިހާބު ކާމިޔާބުވާނީ ޔުނައިޓެޑް ވިކްޓަރީގެ ވޯޓު ލިބޭ މީހަކަށެވެ.

ދެހާސް އަށް ވަނަ އަހަރު ފުރަތަމަ ފަހަރަށް ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި އާޒިމްގެ ޓީމުގެ ހަތަރު އަހަރުގެ ޓާމް ހަމަވީ މިއަހަރުގެ ޖުލައި މަހު އެވެ.