މި މަހު ކުރީކޮޅު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ތަޞްދީގު ނުކުރައްވައި އަލުން މަޖިލީހުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، އެ ބިލު އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާންމު ކުރި ބަޔާނެގައި ބުނެފައި ވަނީ އެ ބިލާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީފުޅުގައި އެ ބިލަށް އެޓަނީޖެނެރަލްގެ ގާނޫނީ ލަފާ ހޯއްދެވުމަށް ފޮނުއްވުމުން، ބިލާ ގުޅޭ ގޮތުން އެޓަނީޖެނެރަލް ފާހަގަކުރެއްވި ދިހަ މައްސަލައަކަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލައްވާފައިވާނެ ކަމަށެވެ. އަދި އެޓަނީޖެނެރަލް ފާހަގަކުރައްވާފައިވާ އެ މައްސަލަތަކަށް ރިޢާޔަތް ކުރައްވައި، މިބިލަށް އިޞްލާޙު ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ.

އެ ބިލުގެ މަޤްޞަދަކީ، ބިލުން އިސްތިސްނާކޮށްފައިނުވާ ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި ޢިނާޔަތްތައް އެއްގޮތްކުރުން ކަމަށްވެފައި، ބިލުގެ 17 ވަނަ މާއްދާ އިން ނޭޝަނަލް ޕޭ ކޮމިޝަންގެ މަސްއޫލިއްޔަތުތަކަކީ، ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ އާއި ޢިނާޔަތްތަކާ ގުޅޭ ކަންކަން ހަމަޖެއްސުން ކަމަށް ބަޔާންކޮށްފައިވާ އިރު، އެހެން ގާނޫނުތަކުން އުފެދިފައިވާ މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާ ބެހޭ މާއްދާތައް އުވާލުމަށް ކަނޑައެޅުމުން، ގާނޫނީ ގޮތުން ތަޢާރުޒުވުންތަކެއް އުފެދި، ބިލުގައި ބުނެފައި ނެތް މުއައްސަސާތައް ނުވަތަ އިދާރާތަކުގެ މައްޗަށް، ބިލުގައި ބުނާ އުޞޫލުތައް ހިނގުމުގައި ނުވަތަ ހިންގުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ.

ބިލުގެ 14 ވަނަ މާއްދާގެ ދަށުން، ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓޭރިއަޓް ގާއިމްކުރާނީ، ފިނޭންސް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ކަމުގައި ވީނަމަވެސް، ބިލުގެ 15 ވަނަ މާއްދާގެ (ހ)ގެ ދަށުން ކޮމިޝަންގެ ސެކްރެޓޭރިއަޓަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސާނީ، ކޮމިޝަންގެ ލަފާގެ މަތިން ފިނޭންސް ކަމަށް އޮތުމުން، އެމުވައްޒަފުންނަކީ ދިވެހި ސިވިލް ސަވިސް އަށް ނިސްބަތްވާ ބައެއްކަން ސާފުނުވާ ކަމާއި އެ މީހުންގެ މުސާރައާއި ޢިނާޔަތް ކަނޑައަޅާނީ، ކޮން ފަރާތަކުންކަން ސާފުނުވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވާ ކަމަށެވެ. ހަމައެއާ އެކު، ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސާއި މެންބަރުންނާއި ފަނޑިޔާރުންނާއި މުސްތަގިއްލު ކޮމިޝަންތަކުގެ މެންބަރުންނާއި މުސްތަގިއްލު މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ މުސާރަ އާއި ޢިނާޔަތް ކަނޑައަޅުއްވަނީ، ރައްޔިތުންގެ މަޖިލީހުން ކަމަށް ވީނަމަވެސް، އެފަރާތްތަކުގެ މުސާރަ އާއި އިނާޔަތް ހަމަޖެހިފައި ވަނީ، ދިވެހި ދައުލަތުގެ ބަޖެޓުން ކަމަށް ވާތީ، އެފަރާތްތައް ބިލުން އިސްތިސްނާވާ ސަބަބެއް، ބިލުގައި ބަޔާންކޮށްފައިނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ. އަދި އެ ބިލުގެ އެއްވެސް މާއްދާއަކުން، ޝަރުޢީ ދާއިރާގެ މުވައްޒަފުންނާއި، ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް، ނޭޝަނަލް ޕޭ ކޮމިޝަންގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭނެ އުޞޫލެއް ބަޔާންކުރެވިފައި ނެތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި މިއީ މި ގާނޫނުގެ މަގްޞަދު އެންމެ ފުރިހަމަ ގޮތުގައި ޙާޞިލު ކުރުމަށް އޮތް ހުރަހަކަށްވާނޭ ކަމެއް ކަމަށް ފެނިވަޑައިގަންނަވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.