31 Dec 2012, 11:02
ފަސޭހަކޮށް ބޭންކުތައް އުފެއްދުމަށް ހިތްވަރުދިނުމެ ބޭނުމުގައި ބޭންކިންއާ ބެހޭ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ބޭންކިންއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ.
އޭނާ ހުށަހެޅުއްވި އިސްލާހުގައި ބުނަނީ ރާއްޖޭގައި ބޭންކެއް ހެދުމަށް ލައިސަންސަށް އެދި ހުށަހަޅަން ޖެހޭނީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ކަމަށެވެ. އަދި ލައިސަންސަށް ހުށަހަޅާތާ ފަސް މަސް ދުވަހުގެ ތެރޭގައި ލައިސަންސްދިނުމާ މެދު އެމްއެމްއޭ އިން ގޮތެއް ނިންމަންވާނެ ކަމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ލައިސަންސް ނުދީފި ނަމަ ބެލެވޭނީ ލައިސަންސް ލިބުނީ ކަމަށް އެ އިސްލާހުގައިވެ އެވެ.
ބޭންކެއް އުފެއްދުމަށް ޓަކައި ކްރެޑިޓް އެކްސްޕޯޝަންގެ ގޮތުގައި ބެހެއްޓޭނީ ކިހާ އަދަދެއްގެ ފައިސާއެއް ކަން ކަނޑައެޅުމަށް ވެސް ރިޔާޒް ހުށަހެޅުއްވި އިސްލާހުގައިވެ އެވެ. އަދި ކްރެޑިޓް އެކްސްޕޯޝަންގެ ގޮތުގައި ބެހެއްޓޭނެ ފައިސާ މިންވަރާ ބެހޭ ގޮތުން އެމްއެމްއޭ އިން ގަވައިދެއް ހަދަންވާނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
ނަމަވެސް މިހާރު އަމަލު ކުރަމުންދާ ބޭންކިންއާ ބެހޭ ގާނޫނުގެ 28 ވަނަ މާއްދާގައި ބުނަނީ ޓިއާ ދެ ބޭންކަކުން، ނުވަތަ ގުޅިފައިވާ ފަރާތްތަކަށް އަނބުރާ ލިބެން ޖެހޭ ފައިސާގެ ގޮތުގައި ބެހެއްޓޭނީ 1،000،000ރ. ކަމަށެވެ. ޓިއާ އެއް ބޭންކަކުން އެއް ފަރާތްތަކެއް ކަމަށް ބަލަން ޖެހޭ ގުޅިފައިވާ ފަރާތްތަކުން ކްރެޑިޓް އެކްޕޯޝަންގެ ގޮތުގައި ގިނަވެގެން ބެހެއްޓެނީ އެ ބޭންކެއްގެ ރައުސްމާލުގެ 15 ޕަސެންޓް ކަމަށެވެ. ކޯޕަރޭޓް ކުރޫޕަކަށް ކްރެޑިޓް އެކްސްޕޯޝަންގެ ގޮތުގައި ބެހެއްޓޭނީ އެ ބޭންކެއްގެ ރަސްއުސްމާލުގެ 40 ޕަސެންޓް ކަމަށް އެ ގާނުނުގައި ބުނެ އެވެ.
ނަމަވެސް ރިޔާޒް ހުށަހެޅުއްވި ބިލުގައި އެ އުސޫލުތައް އުނިކުރުމަށް ފަހު، ކްރެޑިޓް އެސްޕޯޝަންގެ މިންގަނޑު ކަނޑައެޅުމުުގެ ބާރުދީފައި ވަނީ އެމްއެމްއޭ އިން ހަދާ ގަވާއިދަކަށެވެ.
ރިޔާޒް ވިދާޅުވީ ބޭންކިންއާ ބެހޭ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅީ ބޭންކުތަކުން ކަންބޮޑުވާ ކަންތައްތަކަށް ހައްލު ހޯދައިދިނުމުގެ ބޭނުމުގައި ކަމަށާއި އެމްއެމްއޭއާއި ބޭންކުތަކާ ދެމެދު ކުރަމުންދާ މުއާމަލާތް ހަރުދަނާ ކުރުމުގެ ބޭނުމުގައި ކަމަށެވެ.
"އެމްއެމްއޭއާއި ބޭންކުތަކާއި ސަރުކާރާ ދެމެދު ކުރަމުންދާ މުއާމަލާތް އިތުރަށް ހަރުދަނާ ކުރުމަށް ޓަކައި ގެނައި ފުރިހަމަ ބަދަލެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަން. އަދި އެމްއެމްއޭގައި ބޭންކުތަކާ ދެމެދު މިހާރަށް ވުރެ، ރަނގަޅު ގުޅުންތަކެއް އުފެދި، މިހާރު ބޭންކުތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ވެސް އިތުރު ހައްލެއް ލިބިގެންދާނެ ކަމަށް ވެސް އަޅުގަނޑު ގަބޫލު ކުރަން،" ބިލް ހުށަހަޅުއްވަމުން ރިޔާޒް ވިދާޅުވި އެވެ.
ބިލްގެ ބަހުސްގެ މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމިން ވިދާޅުވީ ސަރުކާރުން ބޭންކިއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ކޮމެޓީ އަށް ހުށަހަޅައިގެން އިސްލާހު ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ބެންކިންއިން ލައިސަންސެއް ދިނުމުން ހުއްދަ ފަސް މަސް ދުވަހުގެ ތެރޭގައި އެމްއެމްއޭ އިން ނުދީފި ނަމަ، ހުއްދަ ދެވުނީ ކަމަށް އިސްލާހުގައި ކަނޑައަޅާފައި އޮތުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
"ފަސް މަސް ދުވަހުގެ ތެރޭ ޖަވާބެއް ނުލިބުނީމަ ލައިސެންސް ލިބުނީމަ، އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. ލައިސެންސަކީ ހަމަ ދޭންޖެހޭ އެއްޗެއް. ލައިސެންސް ނުދީ އޮޅުމެއްގެ ތެރޭގައި 'އެމްބިގިއުޓީ'ގެ ތެރޭގައި ލައިސެންސް ލިބުމަކީ ރަނގަޅު ގޮތެއް ނޫން. ލައިސެންސަކީ އެކަށައަޅައި ދޭންޖެހޭ އެއްޗެއް،" ޔާމިން ވިދާޅުވި އެވެ.