31 Dec 2012, 10:04
މިއަހަރު ނިމޭއިރު ދައުލަތަށް ލިބޭ އާމްދަނީ އަށް ވުރެ ހަރަދު އިތުރުވެ ދައުލަތުގެ ބަޖެޓް ޑެފިސިޓް، ނޫނީ ދަރަނީ 3.1 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން ހަފްތާ އަކު އެއްފަހަރު އާންމު ކުރާ ދައުލަތުގެ އާމްދަނީގެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 9.57 ބިލިއަން ރުފިޔާ އާމްދަނީއަށް ލިބިފައިވާ އިރު ޖުމްލަ ހަރަދުގެ ގޮތުގައި 12.7 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ. އަދި ދަރަނި އަދާކުރުމާއި ލޯނު ދޫކުރުމަށް 1.8 ބިލިއަން ރުފިޔާ ވެސް ވަނީ ހަރަދުކޮށްފަ އެވެ.
ދައުލަތުގެ ޖުމްލަ ހަރަދުގެ ތެރެއިން ރިކަރަންޓް ހަރަދަށް 9.4 ބިލިއަން ރުފިޔާ ހަރަދު ކުރި އިރު ކެޕިޓަލް ހަރަދުގެ ގޮތުގައި ހިނގާފައި ވަނީ 1.4 ބިލިއަން ރުފިޔާ އެވެ. ރިކަރަންޓް ހަރަދުތަކުގެ ތެރެއިން އެންމެ ގިނައިން ހަރަދުކުރީ މުވައްޒަފުންގެ އެލަވަންސްތަކާއި މުސާރައަށެވެ. އެގޮތުން 4.9 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ދެން އެންމެ ބޮޑު ހަރަދެއް ހިނގާފައި ވަނީ އޮފީސް ހިންގުމުގެ ހަރަދަށެވެ. އެބައިން 4.5 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އޮފީސް ހިންގުމުގެ ހަރަދުގެ ތެރެއިން އެހީ އާއި ސަބްސިޑީ އަދި އިޝްތިރާކު ކުރުމަށް 1.9 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ދައުލަތުގެ އޮފީސްތަކުގެ ހަރަދަށް ބަލާ އިރު އެންމެ ގިނައިން ހަރަދުކޮށްފައި ވަނީ އެޑިޔުކޭޝަން މިނިސްޓްރީން ނެވެ. އެ މިނިސްޓްރީން ވަނީ 2.1 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އަދި ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުން 3.9 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން 165.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު ރައީސް އޮފީހަށް ވަނީ 110.4 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އަދި ހެލްތު މިނިސްޓްރީގެ ހަރަދަށް 1.4 ބިލިއަން ރުފިޔާވެސް ވަނީ ހަރަދުކޮށްފަ އެވެ.
ދައުލަތަށް އެންމެ ގިނައިން އާމްދަނީ ލިބޭ ޓެކްސްގެ ގޮތުގައި 6.7 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ޓެކްސްއިން އެންމެ ގިނަ އާމްދަނީއެއް ލިބުނީ ވިޔަފާރި ފައިދާއިން ނެގޭ ޓެކްސްގެ ގޮތުގަ އެވެ. އެބައިން އާމްދަނީ އަށް 2.5 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ސަރުކާރުން މި އަހަރަށް ކަނޑައެޅި 14 ބިލިއަން ރުފިޔާގެ ބަޖެޓް 18 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ދައުލަތުގެ ހަރަދުތައް ދުވަހުން ދުވަހަށް ބޮޑުވެ ދައުލަތުގެ ޑެފިސިޓް ބޮޑުވާ މައްސަލައިގައި އައިއެމްއެފުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ދައުލަތުގެ ޑެފިސިޓް ބަޖެޓް 27 ޕަސެންޓަށް އުފުލޭނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.