ޕްރެމިއާ ލީގުގައި ރޭ ކިޔުޕީއާރާއި ދެކޮޅަށް ކުޅެ 3-0 ލަނޑުން ލިވަޕޫލް މޮޅުވި މެޗުގައި އެކުލަބުގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް ދެއްކީ ޖާދޫގަރެއްގެ ކުޅުން ކަމުގައި ލިވަޕޫލްގެ ކެޕްޓަން ސްޓީވަން ޖެރާޑް ސިފަކޮށްފި އެވެ.

ކުރިން އަޔެކްސް އަށް މޮޅު ކުޅުމެއް ދެއްކި ސުއަރޭޒް ވަނީ ރޭގެ މެޗުގައި ފުރަތަމަ ވިހި މިނެޓް ތެރޭގައި ދެ ގޯލް ކާމިޔާބުކޮށްދީ ލިވަޕޫލްއަށް ލީޑް ފުޅާކޮށްދީފަ އެވެ.

ލިވަޕޫލްގެ ތިން ވަނަ ލަނޑަކީ އެޓީމްގެ ޑިފެންޑަރު ޑެނިއަލް އަގާގެ ބޮލުން ކާމިޔާބުކޮށްދިން ލަނޑެކެވެ.

"މިކުލަބާއި ގުޅުނު ފަހުން ސުއަރޭޒްގެ ކުޅުން ވަރަށް ރަނގަޅު. ކޮންމެ ހަފްތާ އަކު އޭނާގެ ކުޅުން ރަނގަޅުކޮށް، ސުއަރޭޒް އަކީ މޮޅު ކުޅުންތެރިއެއް ކަން އޭނާ ދަނީ ސާބިތުކޮށްދެމުން. އިދިކޮޅު ޓީމްގެ ކުޅުންތެރިންނަށް ސުއަރޭޒްއާއި ކުރިމަތިލާން ޖެހޭނީ އަހަރަކު ދެފަހަރު. ނަމަވެސް އަހަރެމެން ސުއަރޭޒްއާ އެކު ކޮންމެ ދުވަހަކު ފަރިތަކުރުންތަކުގައި ބައިވެރިވަން. އޭނާއަކީ ޖާދޫގަރެއް." ޖެރާޑް ބުންޏެވެ.

ލިވަޕޫލް އަށް ފަސޭހަ މެޗެއްގެ ގޮތުގައި ރޭގެ މެޗު ފެނިގެންދިޔަ ނަމަވެސް އެކުލަބުގެ ކެޕްޓަން އެމެޗު އެހާ ފަސޭހަ މެޗެއްގެ ގޮތުގައި ސިފަކުރަން ދެކޮޅު ހަދައެވެ. "އަހަރެން ނުބުނާނަން މިއީ ފަސޭހަ މެޗެކޭ. އެހެން ބުނުމަކީ އިޚްތިރާމް ނުކުރާ ބަޔަކު. ކިޔުޕީއާރު މިހާރު ކުރިމަތިލަމުން އެދަނީ ވަރަށް އުނދަގޫ ދުވަސްވަރަކާ." ޖެރާޑް ބުންޏެވެ.

ލިވަޕޫލް މިވަގުތު އޮތީ ލީގުގެ ނުވަ ވަނާގަ އެވެ. ކުޅުނު ވިހި މެޗުން އެޓީމަށް ލިބިފައި ވަނީ އަށާރަ ޕޮއިންޓެވެ. ކިޔުޕީއާރަކީ މިވަގުތު ލީގުގެ އެންމެ ފުލުގައި އޮތް ޓީމެވެ. ކުޅުނު ވިހި މެޗުން އެޓީމަށް ލިބިފައި ވަނީ އެންމެ ދިހަ ޕޮއިންޓެވެ.