ސްޕެނިޝް ލަލީގާގައި މަލާގާ އާއި ދެކޮޅަށް ކުޅެ 3-2 ލަނޑުން ރެއާލް މެޑްރިޑް ބަލިވި މެޗުގައި އެޓީމްގެ ކެޕްޓަން އަދި ގޯލްކީޕަރު އިކާ ކަސިޔަސް ބެންޗުގައި ބައިންދަން މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯ ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އާޖެންޓީނާގެ ކުރީގެ ތަރި އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ޑިއެގޯ މެރަޑޯނާ ބުނެފި އެވެ.

މަލާގާގެ ދަނޑަށް ކުރި ދަތުރުގައި ކަސިޔަސްގެ ބަދަލުގައި އެންޓޯނިއޯ އަޑަން އަށް ފުރުސަތު ދިނުމުން ގިނަ ބަޔަކު މެޑްރިޑްގެ ކޯޗު މޮރީނިއޯ ފާޑުކިޔާފައިވެ އެވެ. އަދި ސްޕެއިންގެ ނޫސްތަކުގައި އެ ހަބަރު ޝާއިޢުކޮށްފައި ވަނީ ނުހަނު ހައިރާންކަމެއްގެ ގޮތުގަ އެވެ.

ގިނަ ބަޔަކު މޮރީނިއޯއަށް ފާޑު ކިޔާފައިވީ ނަމަވެސް މެރަޑޯނާ މޮރީނިއޯ އަށް ތަޢުރީފް ކުރެ އެވެ.

"ކަސިޔަސް ބެންޗުގައި ބައިންދަން މޮރީނިއޯ ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް. މެޑްރިޑްގެ ކޯޗަކީ މޮރީނިއޯ. އެމެޗުން މޮޅުވިޔަސް، ބަލިވިޔަސް އަދި އެއްވަރުވުމަކީ މައްސަލަ އެއް ނޫން. އެ ނިންމުމާ މެދު ކަސިޔަސް ނުވަތަ އެހެން ބަޔަކަށް މައްސަލައަކަށް ވެގެން ނުވާނެ. ކޯޗެއް ހުންނަ ނަމަ، އެކޯޗަކު ނިންމާ ނިންމުންތަކަށް އިޚްތިރާމް ކުރަން ޖެހޭނެ. އެއީ ގޯލް ކީޕަރެއް ވިޔަސް ނުވަތަ ޑިފެންޑަރެއް ވިޔަސް ކޯޗަށް އިޚްތިރާމް ކުރަން ޖެހޭނެ." ދުބާއީގައި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެރަޑޯނާ ބުންޏެވެ. އެ ނޫސްވެރިން ބައްދަލުވުމުގައި މޮރީނިއޯ ވެސް ބައިވެރިވެފައިވެ އެވެ.

މޮރީނީއޯ އަށް ތަޢުރީފް ކުރަމުން މަރަޑޯނާ ބުނީ، މޮރީނިއޯ އަކީ ވަރަށް މޮޅު ކޯޗެއް ކަމަށެވެ. "އަހަރެންގެ ނަޒަރުގައި މޮރީނިއޯ އަކީ ވަރަށް މޮޅު ކޯޗެއް. އެގޮތަށް ޕެޕް ގާޑިއޯލާ އަކީ ވެސް ވަރަށް މޮޅު ކޯޗެއް. އެދެ މީހުންގެ ކިބައިގައި ޓީމެއް ގެންގުޅެވޭނެ ވަރުގެ ގާބިލްކަން އެބަހުރި." މެރަޑޯނާ ބުންޏެވެ.

މަލާގާ އަތުން ބަލިވި މެޗަށް ފަހު، މިސީޒަންގެ ލަލީގާ ހޯދުމުގެ އުންމީދުތަކަށް ވަނީ ނިމުމަކަށް އައިސްފަ އެވެ. މިވަގުތު ލީގުގެ އެއްވަނާގައި އޮތް އަދި މެޑްރިޑްގެ އެންމެ ބޮޑު ވާދަވެރިންކަމަށްވާ ބާސެލޯނާ އާއި މެޑްރިޑާއި ދެމެދު ސޯޅަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.