31 Dec 2012, 09:18
ޖެނުއަރީ ޓްރާންސްފާގައި ބްރެޒިލް އަށް އެނބުރި ދާން ބޭނުންވާ ކަމުގައި ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ)ގެ ބްރެޒިލް ފޯވާޑް ނެނޭ ބުނެފި އެވެ.
އުމުރުން 32 އަހަރުގެ ނެނޭ ތުރުކީގެ ކްލަބެއްކަމަށްވާ ބެސިކްޓާސްއާ ގުޅެން އެޅޭ ކަމުގެ ރިޕޯޓްތަކެއް ދާދި ފަހުން އާންމުވެފައިވެ އެވެ. ނަމަވެސް ނެނޭ ބޭނުން ވަނީ އޭނާގެ އުފަން ގައުމަށް އެނބުރި ދާން ކަމަށް ބުނެ އެވެ.
"އަހަރެން ބޭނުމީ ބްރެޒިލްގައި ކުޅެން. އަހަރެން ލިއަނާޑޯއާ ވެސް ވާހަކަ ދައްކައިފިން. އޭނާ ވެސް އެކަމާއި އެއްބެސްވޭ. އަހަރެންނަށް ޔޫރަޕްގެ ކްލަބުތަކަކުން ވެސް ހުށަހެޅުންތައް ވަނީ ހުށަހަޅާފައި. ނަމަވެސް އަހަރެން ބޭނުންވަނީ އަމިއްލަ ގައުމަށް ކުޅެން." ނެނޭ ބުންޏެވެ.
ޕީއެސްޖީގެ ކޯޗުކަމާއި ކާލޯ އަންޗޮލެޓީ ހަވާލުވި ފަހުން ނެނޭ އަށް ފުރަތަމަ އެގާރައިން ގިނަ ފުރުސަތުތަކެއް ލިބިފައެއްނުވެ އެވެ. ނެނޭ އަށް ފުރަތަމަ އެގާރައިން ޖާގައެއް ހޯދަން އުނދަގޫ ވެފައި ވަނީ މިސީޒަންގައި އެޓީމާއި އަލަށް ގުޅުނު ދެފޯވާޑުން ކަމަށްވާ ޒްލަޓަން އިބްރަހިމޮވިޗް އާއި އެޒެކުއީލް ލަވޭޒީ އެކުލަބާއި ގުޅުމުންނެވެ.