31 Dec 2012, 09:16
މ. ރިލީޒްގޭ ތެރޭގައި އެކަނިމައިއެކަނި ވިހެވުމަށް ފަހު "ހޮވި ކުއްޖެއްް" ކަމަށް ބުނެ ފުލުހުންނާ ދަރިފުޅު ހަވާލުކުރީ ބިރުން ކަމަށާއި އެކުށަށް ތައުބާވެ، އެކަމަށް މައާފަށް އެދޭ ކަމަށް އެ ކުއްޖާގެ މަންމަ ބުނެފި އެވެ.
މ. ރިލީޒްގޭ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން އަންނަ އުމުރުން، 37، އަހަރުގެ އަންހެން މީހާ ސަންއޮންލައިނަށް ކިޔައިދިން ގޮތުގައި މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ދަންވަރު އޭނާ އެކަނި އޮވެ ވިހެއި ކުއްޖާއަކީ ހޮވި ކުއްޖެއް ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓްކުރީ ބިރުން ކަމަށާއި އޭނާ އަށް އެކުރެވުނީ ކުށެއް ކަމަށް ގަބޫލްކުރާ ކަމަށެވެ. އަދި އެ ދަރިފުޅާ މެދު ކަނބޮޑުވެ ހަދާނެ ގޮތް ހުސްވީ އެ ކުއްޖާ ވިހޭތާ އެތައް އިރެއްވި ފަހުން ކަމަށާއި އެ ދަރިފުޅު ހޯދުމަށްޓަކައި ކުރެވެން އޮތްހާ މަސައްކަތްތަކެއް ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެންގެ ކުރީގެ ފިރިމީހާ އަށް އެހެން މީހެއްގެ ދަރިއަކަށް ބަލިވެ އިނދެގެން ވިހެއިކަން އެނގިއްޖެއްޔާ އަހަރެން ބަލަހައްޓަމުން އަންނަ 18 އަހަރުން ދަށުގެ ހަތަރު ކުދިންނާ އަޅާނުލާފާނެތީ ހަދާނެ ގޮތް ހުސްވެގެން ހެނދުނު ދޮގެއް އެއީ. އެއީ އަހަންނަށް ކުރެވުނު ވަރަށް ބޮޑު ކުށެއް، އެކަމަށް ތައުބާވެ، އެކަމަށް މާއާފަށް އެދެން. [އެންމެންގެ ކިބައިން]. ފުލުހުންނާއި ޖެންޑާ މިނިސްޓްރީގައި ވެސް ވާނީ އެދަރިފުޅު ބޭނުންވެގެން އެދިފައި، އެދަރިފުޅު ދެކެ އެހެން ދަރިންނެކޭ އެއް ފަދައިން ލޯބިވޭ،" އެކުއްޖާގެ މަންމަ ވަރަށް ދެރަވެ ކިޔައިދިނެވެ.
އެތުއްތު ކުއްޖާއަކީ ހޮވި ކުއްޖެއް ކަމަށް ބުނެ ފުލުހުންނަށް އެރޭ ފަތިހު އޭނާގެ ކުރީގެ ފިރިމީހާ ލައްވައި ރިޕޯޓް ކުރީ ވެސް ވިހެވުމަށް ފަހު އެ ކުއްޖާ ސާފުކޮށް، އެކުއްޖާ އަށް ބަނޑުފުރެންދެން ގާތުން ދިނުމަށް ފަހު، ގޭތެރެއާއި ތަންތަން ސާފުކޮށް ނިމިގެން ކަމަށް އެމައްސަލާގައި މިހާރު ގޭ ބަންދުގައި ހުރި އެތުއްތު ކުއްޖާގެ މަންމަ ބުންޏެވެ.
އޭނާ ބުނީ ދުވަސް ފުރާ ވިހެއި އެ ދަރިފުޅަށް އޭނާ ބަލިވެ އިންފަހުން އެންމެ ފަހަރަކު ވެސް ޑޮކްޓަރަށް ދައްކާފައެއް ނުވާނެ ކަމާށާއި ވިހެވުމަށް ފަހު ވެސް އޭނާ ސިއްހީ ހާލު ރަނގަޅު ކަމަށެވެ. އަދި އޭނާ ބަނޑު ބޮޑުކަން އެއްވެސް މީހަކަށް ނޭނގޭ ކަމަށާއި ނަމަވެސް ބަނޑު ބޮޑުކަން ނޭންގުމަށް ޓަކައި އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ވެސް ބުންޏެވެ.
ހަތަރު ކުދިން ބަލަހައްޓަމުން ގެންދާ އެއަންހެން މީހާގެ އެންމެ ދޮށީދަރި މިދިޔަ އަހަރު ޖީސީއީ އޯލެވެލް ނިންމާފައިވާ އިރު އަނެއް ކުއްޖާ އުޅެނީ ގްރޭޑް 10 ގަ އެވެ. އަދި ދެން ހުރި ދަރިފުޅު އުޅެނީ ގްރޭޑް އަށެއްގަ އެވެ. އެންމެ ކުޑައަށް ހުންނަ ހަ އަހަރުގެ ފިރިހެން ދަރިފުޅާ އެކު އެހުރިހާ ކުދިން ވެސް މިހާރު ދިރި އުޅެމުން ގެންދަނީ އޭނާއާ އެކު އެގޭގަ އެވެ.
އެ ޖުއްޖާ ހޯދުމަށް އެކުއްޖާގެ މަންމަ ވަނީ ފުލުހުންގެ އިތުރުން ޖެންޑާ މިނިސްޓްރީގައި ވެސް އެދިފަ އެވެ. ނަމަވެސް އެކުއްޖާ އޭނާގެ މަންމައާ ހަވާލުކުރުމާ މެދު ޖެންޑާ މިނިސްޓްރީން އަދި ވަކިގޮތެއް ނިންމާފައެއް ނުވެ އެވެ. އަދި އެ ދަރިފުޅު މަންމައާ ހަވާލުކުރާނީ ޖެންޑާ އިން ބަލަންޖެހޭކަންތައްތަކެއް ބެލުމަށް ފަހު ކަމަށް ވެސް ޖެންޑާ އިން ވަނީ ބުނެފަ އެވެ.