31 Dec 2012, 09:02
ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް،37، އާއި އަންހެނުން ވިކްޓޯރިޔާ ބެކަމް،38، އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައުމަށް ފަހު ވިއްސާރައިގެ ސަބަބުން ޗުއްޓީ ކުރުކޮށް މި މަހު 26 ވަނަ ދުވަހު، ރާއްޖެ އިން ފުރައިފި ކަމަށް އިނގިރޭސި ނޫހެއްކަމަށްވާ "ދަ ސަން"އާ ހަވާލާދީ ހުސްވި ހަފުތާގައި މީޑިޔާގައި ފެތުރުނު އަޑުތަކަކަކީ ދޮގެއްކަމަށް ސަންއަށް ރޭ ކަށަވަރު ވެއްޖެ އެވެ.
ސަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބެކަމް އަދިވެސް ހުރީ އާއިލާއާ އެކު އޭނާ އެގާރަ ދުވަހުގެ ޗުއްޓީ ހޭދަ ކުރުމަށް އައި މިރާއްޖޭގެ ވަން އެންޑް އޮންލީ ރީތި ރަށުގެ ރީތިކަމާއި ހިތްގައިމުކަން އިހުސާސްކުރުމުގަ އެވެ. އަދި ބެކަމްގެ ދެމަފިރިންނާއި އާއިލާ، ކުރިން ވެސް ޕްލޭން ކުރެވިވައިވާ ގޮތަށް އެމީހުންގެ ކްރިސް މަސް ޗުއްޓީ ދިވެހި ރާއްޖޭގެ ސާފު މޫދާއި ރީތި ގޮނޑުދޮށްތަކުގައި ރާއްޖޭގެ ހޫނުކަން އިހްސާސް ކުރަމުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ދަނީ ދުވަސްތައް ހޭދަކުރަމުން ނެވެ.
ރާއްޖޭގެ އެންމެ އަގުބޮޑު އަދި ފެންވަރު ރަނގަޅު އެއް ރިސޯޓުގައި 11 ދުވަސް ހޭދަކުރުމަށް އައި ބެކަމްގެ މިދަތުރަށް ގާތްގަނޑަކަށް 250000 ޕައުންޑު (6.3 މިލިޔަން ރުފިޔާ) ހަރަދު ކުރާނެ ކަމަށް ރިޕޯޓިތައް ބުނެފައިވާ އިރު ބެކަމްގެ ދެމަފިރިންނަށް ރީތިރަށުން ހިފާފައިވާ ކޮޓަރީގެ ކުއްޔަށް ރެޔަކަށް 8600 ޕައުންޑް ނުވަތަ މިނިޓަކަށް 6 ޕައުންޑުގެ ރޭޓުން އަގު ޖެހެ އެވެ. އަދި ބެކަމްގެ ތިން ފިރިހެން ދަރިން ކަމަށްވާ ބްރޫކްލީން، 13، އާއި ރޯމިއޯ، 10، އާއި ކްރޫޒް، 7، އަދި އެންމެ 18 މަސް ދުވަހުގެ އަންހެން ދަރިފުޅު ހާޕާއަށް ރެޔަކަށް 3700 ޕައުންޑުގެ ރޭޓުން ވަނީ އިތުރު ތިން ކޮޓަރި ހިފާފަ އެވެ.