ދިވެހި ރެޑް ކްރެސެންޓް ގެ މަގުސަދާއި ތަސައްވަރު އަދި އަމާޒް ރައްޔިތުންނަށް އަންގައިދީ އެ ޖަމާއަތުން ހިންގާ ކަންތައްތަކަށް އަންނަ އަހަރު ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ގޮތުން "އިންސާނީއްޔަތަށްޓަކައި އަހަރެން" މި ނަމުގައި ކެންޕޭމެއް ފަށަން އެ ޖަމާއަތުން ނިންމައިފި އެވެ.

ދިވެހި ރެޑް ކްރެސްޓް ގެ ފަރާތުން އަންނަ އަހަރު ކުރިއަށް ގެންދަން ނިންމާފައިވާ ކެމްޕޭން އިފްތިތާހު ކުރުމަށް ރޭ ޓްރޭޑާސް ހޮޓަލްގައި ބޭއްވި ހަފްލާގައި މި ކެމްޕޭނާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެ ޖަމާއަތުގެ ކޮމިއުނިކޭޝަން އެންޑް ރިސޯސް މޮބިލައިޒޭޝަން މެނޭޖަރު އަހުމަދު ޝިފާޒް ވިދާޅުވީ މިފަދަ ކެމްޕޭނެއް ފެށުމުގެ މައިގަޑު މަގުސަދަކީ ދިވެހި ރެޑް ކްރެސެންޓް މަގުސަދާއި ތަސައްވަރު އަދި އަމާޒު ރައްޔިތުންނަށް އަންގައިދީ ރައްޔިތުން އެ ޖަމާއަތުގެ އެހީތެރިކަން ހޯދާނެ ގޮތް ކިޔަދިނުން ކަމަށެވެ.

ޝިފާޒް ވިދާޅުވީ އެ ކެމްޕޭންގެ މައިގަނޑު މަގުސަދަކީ އެ ޖަމާއަތުގެ ވޮލަންޓިއަރުންނާ ގުޅިގެން މަސައްކަތް ކުރާނެ ގޮތް ކިޔައިދީ އިސްނަގައިގެން އެ ޖަމާއަތުގައި ހަރަކާތްތެރި ވާނެ މިންގަޑު އުގަންނައި ދިނުން ކަމަށެވެ.

"މި ކެންޕޭނަކީ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ޕްރޮގުރާމެއް،" ޝިފާޒް ވިދާޅުވި އެވެ.

"އިންސާނީއްޔަތަށްޓަކައި އަހަރެން" މި ކެމްޕޭން އެ ޖަމާއަތުގެ ހަތަރު ހިދުމަތަކަށް ހާއްސަކުރަން ވަނީ ނިންމައިފަ އެވެ. އެއީ ފުރަތަމަ އެހީގެ ހިދުމަތް، ފުރަތަމަ އެހީގެ ތަމްރީން، ދަރުމަޔަށް މަސައްކަތް ކުރުން އަދި ކުއްލި ހާލަތްތަކަށް އިޖާބަ ދިނުން މި ހަތަރު ކަމެވެ.

ޝިފާޒް ވިދާޅުވީ ފުރަތަމަ އެހީގެ މަގުސަދަކީ ފުރާނަ ސަލާމަތް ކުރުމާއި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރު ވެފައިވާ މިންވަރު އިތުރު ކުރުމާއި އެކަކު އަނެކަކަށް އެހީތެރި ވުމުގެ ސަގާފަތެއް އާލާ ކުރުމާއި އަދި އެކަން ކަމަށް މަގުފަހި ކޮށްދިނުން ކަމަށެވެ. އަދި އެ ހިދުމަތަކީ އެ ޖަމާއަތުން އަމިއްލައަށް އިސްނަގައިގެން ތަންތަނަސް ގޮސް ދޭ ހިދުމަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ކެމްޕޭން އަމާޒް ކުރެވިފައިވާ ދެވަނަ ހިދުމަތް، ފުރަތަމަ އެހީގެ ތަމްރީންގެ މަގުސަދަކީ ދިމާވެދާނެ ހާލަތަކަށް މުޖުތަމަޢު ކުރިމަތި ލުމުގެ ގާބިލްކަން އިތުރު ކުރުމާއި އެކަން ކަމަށް ފަރުދީ ގޮތުން ގާބިލްކަން އިތުރު ކުރުމާއި އަދި މުޅި މުޖުތަމަޢުގެ ގާބިލްކަން އިތުރު ކުރުމުގެ ގޮތުން ދެވޭ ހިދުމަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މި ކަންތައްތަކަށް އަމާޒް ކުރެވިގެން މި ކެމްޕޭން ކުރިއަށް ގެނމްދިއުމުގެ މައިގަޑު މަގުސަދަކީ އެ ޖަމާއަތުގެ އެހީއަށް ރައްޔިތުން ބޭނުންވާ ހިދު އެ ޖަމާއަތުގެ އެހޭތެރިކަން ހޯދާނެ ގޮތް ރައްޔިތުންނަށް ކިޔައިދީ ހުރިހައި އެންމެން މެދުގައި އެޖަމާއަތުގެ ނަން އާންމު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކެންޕޭން އަމާޒް ކުރެވިފައިވާ ހަތަރު ދާއިރާއިން ވެސް ކެމްޕޭން ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި ކާމިޔާބީތަކެއް ހާސިލް ކުރުމަކީ އެ ޖަމާއަތުގެ މަގުސަދެއް ކަމަށެވެ.