އިއްޔެ މެންދުރުގެ ވަގުތެއްގައި ވިލިމާލޭގައި 16 އަހަރުގެ އަންހެން ކުއްޖަކާ މެދު ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު 15 ދުވަހުގެ މުއްދަތަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ އެ އަންހެންކުއްޖާއާ މެދު ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ގ. ރެޑްކޮރަލް މުޙައްމަދު އަބްދުއްޝަކޫރު، 33،ގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައި ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިރޭ ކްރިމިނަލް ކޯޓަށް ގެންދިޔުމުން ކަމަށެވެ.

ރޭގެ ވަގުތެއްގައި ވިލިމާލޭގައި ފިލައިގެން އުޅެނިކޮށް އޭނާ ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ ފަރާތުން ލިބުނު މައުލޫމާތުގެ އެހީގައި ކަމަށް ފުލުހުން ބުންޏެވެ.

އެ އަންހެން ކުއްޖާއާ އެކު ގަދަކަމުން ޖިންސީ ގުޅުން ހިންގާފައި ވަނީ އިއްޔެ މެންދުރު 1:00 އެހާކަންހާ އިރު ވިލިމާލެ މަގުމަތިން އެ ކުއްޖާގެ ފިރިހެން ކޮއްކޮއާ އެކު ދަނިކޮށް ގެއަކަށް ވައްދައި އެގޭގެ ތެރޭގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ވަރަށް ސީރިއަސް މައްސަލައެެއްގެ ގޮތުގައި މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެފަދަ ނުބައި ޖަރީމާތައް ހިންގާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނައުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.