އަންނަ މަހުގެ 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫތް ޗެމްޕިއަންޝިޕްގައި ވާދަކުރާ ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗަކަށް އިސްމާއިލް އަނިލް ހަމަޖައްސައި، އެސިސްޓެންޓް ކޯޗަކަށް ކުރީގެ ގައުމީ ޓީމް ކުޅުންތެރިޔާ ސޮބާހް މުހައްމަދު ހަމަޖައްސައިފި އެވެ.

ވިކްޓަރީން ބުނީ، ހެޑް ކޯޗަކަށް އިސްމާއިލް އަނިލް ހަމަޖައްސަން ނިންމީ މި ވަގުތައް ޓީމުގެ ކޯޗަކަށް އެންމެ ރަނގަޅީ އޭނާ ކަމަށް ފެންނާތީވެ ކަމަށެވެ. އަދި އަނިލްއަކީ ވިކްޓަރީއަށް ކާމިޔާބު ހޯދާ ދެވޭ ވަރުގެ ކޯޗެއް ކަމަށް ވެސް ވިކްޓަރީން ބުނެ އެވެ.

މުބާރާތައް ތައްޔާރު ވުމުގެ ގޮތުން، އަންނަ މަހުގެ އެއް ވަނަ ދުވަހު ވިކްޓަރީގެ ފަރިތަކުރުންތައް ފެށުމަށް ނިންމާފައި ވާއިރު، ވިކްޓަރީން ވަނީ މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ކުރީގެ ކުޅުންތެރިން ހިމެނޭ ކޮމެޓީއެއް ވެސް އެކުލަވާލައިފަ އެވެ.

އެހެން އަހަރުތަކަކާ ހިލާފަށް މި ފަހަރުގެ ޔޫތް ޗެމްޕިއަންޝިޕްގައި ޖުމްލަ 12 ޓީމް ބައިވެރި ކުރާ ގޮތަށް އެފްއޭއެމްއިން ނިންމާފައި ވީއިރު، މުބާރާތުގައި ބައިވެރިވަނީ ފަސްޓު ޑިވިޒަންގެ އަށް ޓީމް ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓްރީ ސްޕޯޓްސް ކުލަބާއި ކުލަބް ވެލެންސިޔާ އާއި ވީބީ އައްޑޫ އެފްސީ އާއި ކުލަބް އީގަލްސް އާއި ބީޖީ ސްޕޯޓްސް އާއި އޯލް ޔޫތް ލިންކޭޖް (އޭވައިއެލް) އަދި މާޒިޔާ އެވެ. އަދި އަތޮޅު ތަކުން މުބާރާތުގައި ވާދަކުރާނީ ބ. އޭދަފުށީ ފުޓްބޯޅަ ޓީމާއި އދ. މަހިބަދޫ ޒުވާނުންގެ ޖަމިއްޔާ އަދި ހއ. ކެލާ، ކެލާ ނާޅި ސްޕޯޓްސް އެވެ.

މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ނަކީ ވިކްޓަރީ އެވެ.