އަންނަ މަހުގެ 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫތް ޗެމްޕިއަންޝިޕްގައި ވާދަކުރާ ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިންނަށް ބޯނަސްގެ ގޮތުގައި އެލަވަންސް ދޭގޮތައް އެކުލަބުން ނިންމައިފި އެވެ.

ވިކްޓަރީގެ އިސްއޮފިސަލު ސަންއަށް މައުލޫމާތު ދިން ގޮތުގައި، މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ޓީމުގެ ފަރިތަކުރުންތައް އަންނަ މަހުގެ އެއް ވަނަ ދުވަހު ފެށުމަށް ހަމަޖއްސާފައި ވާއިރު، ޓީމުގައި މިވަގުތު 20 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލައިފަ އެވެ. އެގޮތުން މި ވަގުތު ޓީމުގައި ތިބި ސްކޮޑަށް ބަދަލުތަކެއް އައުން އެކަށީގެން ވާއިރު، މިފަހަރުގެ މުބާރާތުގައި ކުޅޭ ކޮންމެ ޓީމަކަށް ބޯނަސްއެއްގެ ގޮތުގައި ކުލަބުން ދޭން ނިންމާފައިވާ އެލަވަންސްއަކީ 2000 ރުފިޔާ އާއި 4500 ރުފިޔާގެ އަގެއް ކަމށެވެ.

މިފަހަރުގެ ޔޫތް މުބާރާތައް ވިކްޓަރީން ނުކުއްނައިރު، ޓީމް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ވިކްޓަރީގެ ކުރީގެ ކުޅުންތެރިން ހިމެނޭ ކޮމެޓީއެއް ވެސް އެ ކުލަބުން ވަނީ އެކުލަވާލައިފަ އެވެ.

މިފަހަރުގެ ޔޫތް ޗެމްޕިއަންޝިޕް އަންނަ މަހުގެ 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ވާދަކުރާ ގިނަ ޓީމްތައް ވަނީ މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ފަރިތަކުރުންތައް ފަށާފަ އެވެ.

މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ބައެއް ޓީމްތަކުން ފަރިތަކުރުންތައް ފެށި ކަމުގައި ވިޔަސް، މުބާރާތް ފަސް ކޮށްދިނުމަށް އެދި ހަތަރު ކުލަބަކުން ވަނީ އެފްއޭއެމްގައި އެދިފައެވެ.

ސަން އޮންލައިނަށް މައުލޫމާތު ލިބިފައިވާގޮތުން، މުބާރާތް ފަސް ކޮށްދިނުމަށް އެދި އެފްއޭއެމްއަށް ސިޓީ ފޮނުވި ހަތަރު ކުލަބަކީ ކުލަބް ވެލެންސިޔާ އާއި ބީޖީ ސްޕޯޓްސް ކުލަބާއި އޭވައިއެލް އަދި އީގަލްސް އެވެ.

އެހެން އަހަރުތަކަކާ ހިލާފަށް މިފަހަރުގެ ޔޫތް ޗެމްޕިއަންޝިޕްގައި ޖުމްލަ 12 ޓީމް ބައިވެރި ކުރާގޮތަށް އެފްއޭއެމްއިން ނިންމާފައި ވީއިރު، މުބާރާތުގައި ބައިވެރިވާ ފަސްޓު ޑިވިޒަންގެ އަށް ޓީމަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓްރީ ސްޕޯޓްސް ކުލަބާއި ކުލަބް ވެލެންސިޔާ އާއި ވީބީ އައްޑޫ އެފްސީ އާއި ކުލަބް އީގަލްސް އާއި ބީޖީ ސްޕޯޓްސް އާއި އޯލް ޔޫތް ލިންކޭޖް (އޭވައިއެލް) އަދި މާޒިޔާ އެވެ. އަދި އަތޮޅު ތަކުން މުބާރާތުގައި ވާދަކުރާނީ ބ. އޭދަފުށީ ފުޓްބޯޅަ ޓީމާއި އދ. މަހިބަދޫ ޒުވާނުންގެ ޖަމްޢިއްޔާ އަދި ހއ. ކެލާ، ކެލާ ނާޅި ސްޕޯޓްސް އެވެ.

މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ނަކީ ވިކްޓަރީ އެވެ.