ސާމަރާ ދޫނީގެ ފަތްތަކެއް އިންޑިއާ އިން ރާއްޖެ އެތެރެކުރަން އުޅުނު ދިވެއްސަކު ޓްރިވެންޑްރަމް އެއާޕޯޓުން މިއަދު ހައްޔަރުކޮށްފި އެވެ.

ފޮރިން މިނިސްޓްރީގެ ކޮމިޔުނިކޭޝަން ޑައިރެކްޓަރު އިބްރާހިމް މުއާޒު އަލީ މިރޭ ވިދާޅުވީ އިންޑިއާގެ ކަސްޓަމްސް އޮފިސަރުން އެ މީހާ ހައްޔަރުކޮށްފައި ވަނީ ސާމަރާ ދޫނީގެ ފަތްތައް ހިފައިގެން ފުރަންވެގެން ޓްރިވެންޑްރަމްގެ އެއާޕޯޓަށް ގޮސް ހުއްޓައި މިއަދުގެ ވަގުތެއްގައި ކަމަށެވެ.

އޭނާ ވިދާޅުވީ ސާމަރާ ދޫނީގެ ފަތަކީ އިންޑިއާ އިން އާންމުކޮށް ވިއްކަން ހުންނަ އެއްޗެއް ކަމަށާއި އެމީހާ އެފަތްތައް ރާއްޖެ ގެނައުމަށް އުޅުނީ އެއީ އެ ގައުމުން ބޭރުކުރުން މަނާއެއްޗެއްކަން ނޭނގޭތީ ކަމަށެވެ. އަދި ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގެ ފަރާތުން އޭނާ ބަންދުން ދޫކޮށްލެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.

ފުރަންދިޔަތަނާ އިންޑިއާގެ ކަސްޓަމްސް އޮފިސަރުން ހިފެހެއްޓި އެމީހާގެ ވަނަވަރާއި، އޭނާއާ ބެހޭ އިތުރު މައުލޫމަތު އަދި ފޮރިން މިނިސްޓްރީ އަށް ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.