ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) އާއި ކަސްޓަމް އިންޓަގްރިޓީ ކޮމިޝަން (ސީއައިސީ) އުވާލައި ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ އިންޓެގްރިޓީގެ މައްސަލަތައް ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނެއް އުފެއްދުމަށް ސަރުކާރަށް ލަފާދިނުމަށް މާލިއްޔަތު ކޮމެޓީން ނިންމައިފި އެވެ.

އަންނަ އަހަރުގެ ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމަށް މާލިއްޔަތު ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ރިޕޯޓްގައި ބުނެފައި ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ އެންމެހައި މުވައްޒަފުންގެ އިންޓެގްރިޓީގެ މައްސަލަތައް ބެލުމަށް ވަކި ކޮމިޝަނެއް އުފެއްދުމަށް ކޮމެޓީ އަށް ފެންނަ ކަމަށެވެ. އެގޮތުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންއަކީ ވަކި އިދާރާއެއްގެ ގޮތުގައި ހެދުމަށްތަކައި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ސަރުކާރަށް ލަފާ ދިނުމަށެވެ.

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އުފެއްދުމަށް މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރި، އަންނަ އަހަރުގެ ބަޖެޓްގެ ރިކޮމެންޓޭޝަނަކަށް ވެސް ހުށަހެޅި އެވެ. ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ހުށަހަޅުއްވައި، މާވަށު ދާއިރާގެ މެންބަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ދާއިރު ކުރެއްވި އިސްލާހާ ދެކޮޅަށް 51 މެންބަރުން ވޯޓް ދެއްވި އެވެ. އަދި އެ ކޮމިޝަން އުފެއްދުމަށް ތާއިދުކޮށް ވޯޓް ދެއްވީ އެންމެ 11 މެންބަރުންނެވެ.

ނަމަވެސް މާލިއްޔަތު ކޮމެޓީން މަޖިލީހުގެ ތަޅުމަށް ހުށަހަޅާ ރިޕޯޓް މަޖިލީހުގެ ތަޅުމުން ފާސްވެއްޖެ ނަމަ، ޕީއައިސީއާއި ސީއައިސީ އުވާލުމަށް ފަހު ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނެއް އުފެއްދުމާ މެދު ސަރުކާރުން ގޮތެއް ނިންމާނެ އެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ޕީއައިސީ އާއި ސީއައިސީ އުވާލަން ކޮމެޓީގައި ބަހުސް ކުރި ސީއައިސީގެ މެންބަރުންގެ މުސާރަ ކަނޑައެޅުމުގެ ބަހުސްގަ އެވެ. ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓްގައިވާ ގޮތުން ޕީއައިސީ އާއި ސީއައިސީގެ މެންބަރެއްގެ މުސާރައަކީ 32500ރ. އެވެ. އަދި ފޯން އެލަވަންސްގެ ގޮތުގައި މަހަކު 1000ރ. ލިބިވަޑައިގަންނަވާނެ އެވެ. އަދި އަހަރީ ޕްރިމިއަމްގެ ގޮތުގައި 10،000ރ. ލިބޭނެ އެވެ. އަދި އެ ދެ ކޮމިޝަންގެ ރައީސުންނަށް 37،500ރ. ލިބިވަޑައިގަންނަވާ އިރު، ނައިބު ރައީސްއަށް 35،500ރ. ލިބިވަޑައިގަންނަވާނެ އެވެ. ޖުމްލަ ކޮންމެ މެންބަރަކަށް އަހަރަކު 412،000ރ. ލިބިވަޑައިގަންނަވާނެ އެވެ. ކޮމިޝަންގެ ރައީސްއަށް އަހަރަކު 472،000ރ. ލިބޭނެ އެވެ. އަދި ނައިބު ރައީސްއަށް އަހަރަކު 448،000ރ. ލިބޭނެ އެވެ.

ދައުލަތުގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމަށް މާލިއްޔަތު ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓްގައި ސަރުކާރުގެ އިސްވެރިންގެ ފޯން އެލަވަންސްގެ މައްސަލަ ހައްލު ކުރުމަށް ހުށަޅާފައިވެ އެވެ. ރިޕޯޓްގައި ބުނެފައި ވަނީ ސަރުކާރުގެ އިސްވެރިންގެ ފޯން އެލަވަންސަކީ މަހަކަށް 1000ރ. ކަމަށާއި 1000ރ. އަށް ވުރެ، ފޯލް ބިލް ބޮޑުވެއްޖެ ނަމަ އޮފީސް ބޭނުމަށް ޓަކައިކޮށްފައިވާ ފޯން ކޯލްތަކުގެ "ކްލެއިމް" ކުރާ ކޯލްތަކުގެ ފައިސާ އެ ފަރާތްތަކަށް ލިބިދިނުމަށެވެ.

އެ ގޮތުން އެ އުސޫލް ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ހައި ކޯޓްގެ ފަނޑިޔާރުންނާއި ސްޕީރިއާ ކޯޓްތަކުގެ ފަނޑިޔާރުންނަށެވެ. އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުނާއި ޕްރޮސެކިއުޓާ ޖެނަރަލާއި އޮޑިޓާ ޖެނަރަލްގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރަށް ވެސް ފޯން އެލަވަންސް ބޭނުން ކުރާނެ އުސޫލް ކަނޑައަޅާފައިވެ އެވެ.

އެ ރިޕޯޓް މާދަމާގެ ޖަލްސާއަށް ހުށަހެޅުމަށް އެޖެންޑާކޮށްފައިވެ އެވެ.