ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕް 2012ގެ ޗެމްޕިއަންކަން ސަން ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް (ސަން) މިއަދު ހޯދައިފި އެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ޓީމާ ވާދަކޮށް ސަން ޗެމްޕިއަންކަން ހޯދީ އެއްލަނޑު ސުންލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ.

އެ މެޗުގައި ޖެހި ހަމައެކަނި ލަނޑު ސަން ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސަންޓީމަށް ލިބުނު ކޯނަރެއް އޭރިޔާ ތެރެއަށް ހުރަސްކޮށްލި ވަގުތު ސަންޓީމު އާމިނަތު އީނާޝް (އިނޫ) އެވެ.

ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސަން ޓީމުގެ ޑިފެންޑަރު ޓީމުގެ ޖާޒީ ނަންބަރު 12 އަރީޝާ ރިޒާ އެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުން ކުޅިބަލަން ވަތް މި ފޯރިގަދަ ފައިނަލް މެޗުގައި ދެޓީމުވެސް ދާދި ހަމަހަމަ ކުޅުމެއް ދައްކައި ލަނޑު ޖަހާނޭ ފުރުސަތު ތަކެއްވެސް ތަނަވަސް ކުރި އެވެ.

ފައިނަލު މެޗަށްފަހު މުބާރާތުގެ ވަނަވަނައަށް އައި ފަރާތްތަކަށް ތައްޓާއި މެޑެއްޔާއި ހަނދާނީ ލިޔުން ހަވާލުކޮށް ދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާން އެފްއޭއެމްގެ ރައީސް އަލީ އާޒިމް އެވެ.

މުބާރާތުގެ އެންމެމޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ، އެމްއެންޑީއެފްގެ ޖާޒީ ނަންބަރު ހަތެއް ފަދުވާ ޒާހިރު (ފަދޫ) އާއި، ސަން ޓީމުގެ ޖާޒީނަންބަރު ފަހެއް އާމިނަތު ޒާހިޔާ (ޒެޑޭ) އާއި، އިސްކަންދަރު ޓީމުގެ ޖާޒީ ނަމްބަރު ހައެއް ފާތިމަތު ސާލިޔާ އާއި، ސަންޓީމުގެ ޖާޒީނަންބަރު 10 އެއް ފާތިމަތު އަފްޒާ (ގޮއްޔެ) އާއި، އެމްއެންޑީއެފްގެ ޖާޒީނަންބަރު އެކެއް އާމިނަތު ލީޒާ އެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ލ. ގަމު ތުނޑީ އަވަށުގެ ސޮސައިޓީ ފޯ ތުނޑީ އެޑްވާންސްމެންޓް އެންޑް ރެކްރިއޭޝަން (ލ. ސްޓާ) އެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަށް 1500 ރުފިޔާގެ ފައިސާގެ އިނާމު ލިބުނު އިރު ރަނަރަޕް އެމްއެންޑީއެފް އަށް 10000 ރުފިޔާގެ ފައިސާގެ އިނާމު ދީފައި ވެއެވެ. އަދި ޗެމްޕިއަން ސަން ޓީމަށް 15000 ރުފިޔާގެ ފައިސާގެ އިނާމު އެފްއޭއެމްއިން ދީފައި އެއެވެ.

މުބާރާތުގެ ފައިނަލް މެޗް ބައްލަވައި ލެއްވުމަށް ސަހޮޓަލްސް އެންޑް ރިސޯޓްގެ ޗެއާމަން މީދޫ ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު ރިޓަޔާޑް ކާނަލް މުހަންމަދު ނާޒިމް އަދި އެފްއެމްއޭގެ ރައީސް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ބައިވެރިވެ ވަޑައިގަތެވެ. އަދިވެސް އެފްއޭއެމްގެ އިސްފަރާތްތަކުން ބައިވެރިވެ ވަޑައިގަތެވެ.