30 Dec 2012, 19:12
ފީފާ ރެފްރީންނާއި އެސިސްޓެންޓް ރެފްރީންނަށް ފީފާއިން ދޭ ބެޖް، ރާއްޖޭގެ ނުވަ ރެފްރީއަކަށް މިއަދު ލިބިއްޖެ އެވެ.
ފީފާ ރެފްރީންނާއި އެސިސްޓެންޓް ރެފްރީންނަށް ފީފާއިން ދޭ ބެޖް ހަވާލުކުރުމަށް މިއަދު އެފްއޭއެމް ހައުސްގައި އޮތް ރަސްމިއްޔާތުގައި ބެޖް ލިބުނު ރެފްރީނަށް، ބެޖްތައް ހަވާލު ކޮށްދެވީ އެފްއޭއެމްގެ ކުރީގެ ޗެއާމަން އަބްދުއް ޝުކޫރެވެ.
ބައިނަލްއަގުވާމީ މެޗުތަކުގައި ރެފްރީކަން ކުރުމުގެ ބެޖު މިއަދު ލިބުނު ރާއްޖޭގެ ރެފްރީންގެ ތެރޭގައި ހިމެނެނީ މުޅިން އަލަށް ބެޖް ހޯދި އަހުމަދު ޝިފާން އާއި އަލީ ސަލީމާއި އަހުމަދު އަސްލަމް އަދި އަހުމަދު އަފްސަހެވެ. ފީފާ ބެޖް ލިބުނު އެސިސްޓެންޓް ރެފްރީންނަކީ އަހުމަދު އަމީޒާއި މުހައްމަދު އަނިލް އާއި މުހައްމަދު ފަރީދު އާއި އިބްރާހިމް ތައުފީގް އާއި އަދި ޖައުފަރު ރަޝީދެވެ.
ރެފްރީނަށް ބެޖް ހަވާލުކުރުމަށް ފަހު، އަބްދުއް ޝުކޫރު ވިދާޅުވީ، ރެފްރީންނަކީ ޒިންމާދާރު ބައެއް ކަމަށާއި އެގޮތުން އެކިއެކި ކަންކަމުގައި ގިނަ ފާޑުކިއުންތަކެއް ކުރިމަތިވި ނަމަވެސް، ރެފްރީކަމާ ދުރަށް ދިއުމަށް އެއްވެސް ރެފްރީއެއް ވިސްނުމަކީ ރަނަގަޅު ކަމެއް ނޫން ކަމަށެވެ.
"މިއަދު ބެޖް ލިބުނު ރެފްރީންނަކީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި މުޅި ރާއްޖެ ތަމްސީލްކުރާ ބައެއް. ރާއްޖެ އަށް ރީތި ނަމެއް ހޯދައިދޭން ހުރިހާ ރެފްރީން ވެސް މަސައްކަތްކުރުމަށް ވިސްނަންޖެހޭނެ،" ޝުކޫރު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއިލް ވިދާޅުވީ މިއަހަރު ފުޓްބޯޅަ ސީޒަންގައި ރެފްރީގެ ފަރާތުން ލިބިގެން ދިޔައީ ވަރަށް ފުރިހަމަ އެއްބާރު ލުމެއް ކަމަށެވެ. އެގޮތުން އެ ހުރިހާ ރެފްރީން އެއްކޮށް ދެއްވި ބުރަ މަސައްކަތައް އެފްއޭއެމްގެ ނަމުގައި ހާއްސަ ޝުކުރުއަދާކުރާ ކަމަށެވެ. އަދި މިއަދު ބެޖު ލިބުނު ފަރާތްތަކަށް ވެސް މަރުހަބާ ކިޔާ ކަމަށާއި އެގޮތުން ކުރިއަށް އޮތް އަހަރު ވެސް ރެފްރީންގެ ފަރާތުން މިހާރަށް ވުރެ ބޮޑު އެއްބާރުލުމެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ސާހް ވިދާޅުވި އެވެ.