ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާއަށްވާ ގިނަ އަދަދެއްގެ ފައިސާ ދެއްކުމަށް ފަހުގެ ނޯޓިސް ދިނުމުންވެސް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާޒްއިން ހިންގާ ދެ ރިސޯޓަކުން ފައިސާ ދައްކާފައިނުވާތީ އެ ރަށްތަކުގެ ހުއްދަ ބާތިލްކޮށް ރަށް ސަރުކާރާ ހަވާލުކުރަން ނޯޓިސް ފޮނުވައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް މިއަދު ވިދާޅުވީ މިސަރުކާރު ވެރިކަމާހަވާލުވީއިރު 12 ރިސޯޓަކުން ކުލި ނުދައްކާވާ ކަމަށާއި އޭގެތެރެއިން 30 ދުވަހުގެ ނޯޓިސްދިން އެހެން ރިސޯޓްތަކުން ކުލި ދައްކަމުންދިޔަނަމަވެސް ޔޮކްޓުއާސްގެ ދެ ރިސޯޓްކަމަށްވާ އަލިދޫ އާއި ކުޑަރަށުން ކުލި ދައްކާފައިނުވާތީ އެދެރަށް ޓާމިނޭޓް ކުރުމަށް މިއަދު ހަތް ދުވަހުގެ ނޯޓިސް ދީފައިވާ ކަމަށެވެ.

"ޔޮކްޓުއާސް އަކުންނެތް އަޅުގަނޑުމެނަށް ލިޔުމަކުން އެއްވެސް މުއާމަލާތެއްކޮށްފައެއް، އަދި މީރާއިން ބެލިއިރު ނެތް އެއްވެސް ފައިސާއެއް ދައްކާފައެއްވެސް، އެހެންކަމުން މިވަގުތުން ފެށިގެން އޮޕަރޭޓިން ދެރަށް ކަމަށްވާ އަލިދޫ އާއި ކުޑަރަށް މިވަނީ ޓާމިނޭޓްކުރެވި ހަތް ދުވަސް ދީފައިއޮތީ އަޅުގަނޑުމެންނާ ރަށް ހަވާލުކުރަން،"އަދީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔޮޓް ޓުއާޒްއިން އެ ފައިސާ ދެއްކޭނެ ގޮތްތަކެއް ހަމަޖެއްސުމަށް މިނިސްޓްރީއާ ވާހަކަވެސް ދައްކާފައި ނުވާއިރު ހަ ކުއާޓާއަކަށްވާ ހަތަރު މިލިއަން ޑޮލަރު އެ ދެ ރިސޯޓުން ސަރުކާރަށް ލިބެންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އެ ރިސޯޓްތަކާ އެކު ނޯޓިސް ފޮނުވި ފަރުކޮޅު ފުށީގެ ލައިސަންސްވެސް މިހާރު ބާތިލްކޮށްފައިވާ ކަމަށެވެ.

ޔޮޓް ޓުއާޒްއާ އެކީގައި ނޯޓިސް ފޮނުވި ތްރީއޭ ގުރޫޕުން ހިންގާ ދެ ރިސޯޓެއްގެ އެއްކުއާޓާގެ ކުލި ދައްކާފައިވާއިރު އަނެއް ރިސޯޓްގެ ކުލި މިހާރު އެއްކޮށް ދައްކާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ މިނިސްޓްރީއާ މުއާމަލާތްކޮށް ފައިސާ ދެއްކޭނެ އިންތިޒާމްތައް ހަމަޖައްސަމުން ދާ ފަރާތްތަކުގެ ހުއްދަތައް ބާތިލް ކުރަމުން ނުދާ ކަމަށެވެ.

"އޮޕަރޭޓިން ރިސޯޓެއް ނުހިންގޭނެ ކުލި ނުދައްކާ، އަޅުގަނޑުމެން ހުރިހާ ބޭފުޅުންނާވެސް ނެގޯޝިއޭޓް ކުރިން. އެގޮތުން ކުލި ދެއްކި ފަރާތްތަކަށް ޖޫރިމަނާ ބަހާވެސްލިން، އަދި އެހެންމެ އެންމެ ފަހު ވަގުތު ރެންޓްގެ ކުއާޓައެއްވެސް ދެއްކި ފަރާތްތަކަށްވެސް އަޅުގަނޑުމެން ފުރުސަތުދީފައި ރެންޓާ ޖޫރިމަނާ ބަހާލައިގެންވެސް ބައެއް ފަރާތްތަކުން ދެއްކި،" އަދީބް ވިދާޅުވި އެވެ.

އެއްބަސްވުން ބާތިލް ކުރުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު މިނިސްޓްރީން ނޯޓިސް ފޮނުވި ރިސޯޓްތަކަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ކުންފުއްޏެއްކަމަށްވާ ޔޮޓް ޓުއާސް އިން ހިންގާ އަލިދޫ ރިސޯޓާއި ކުޑަރަށް ރިސޯޓުގެ އިތުރުން ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާގެ އާއިލާ އިން ހިންގާ ރިސޯޓެއް ކަމަށްވާ ފިލިތެޔޮ ރިސޯޓާއި މެދުފުށި އަދި ޒިތާލީގެ ރިސޯޓެވެ.

އަދީބު ވިދާޅުވީ މިއަހަރު ޓޫރިޒަމްގެ އެންމެ ބޮޑު ޓާގެޓްކަމަށްވާ އެއް މިލިއަން ޓޫރިސްޓުން ނުގެނަވުނުނަމަވެސް މިދިޔަ އަހަރަށްވުރެ މިއަހަރު ރާއްޖެއައި ޓޫރިސްޓުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މިއަންނަ އަހަރު ރާއްޖޭގައި އިތުރު ފަސް ރިސޯޓެއް ހުޅުވާ އޮޕަރޭޓްކުރަން ފެށޭނެ ކަމަށްވެސް އަދީބް ވިދާޅުވި އެވެ.