ދިހަހާސް މެންބަރުން ހަމަނުވާ ޕާޓީތައް އުވާލާ ގޮތައް ސިޔާސީ ޕާޓީތަކުގެ ބިލް މަޖިލީހުން ފާސްކޮށްފައި ވަނީ ގާނޫނު އަސާސީއާ ފުށުއަރާ އޮތަށް ކަމަށާއި އެ ބިލް ތަސްތީގު ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ލަފާ އަރުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.

ގައުމީ ޕާޓީގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ޑރ. ހަސަން ވިދާޅުވީ ރައީސަށް "ކޮންމެ ފަދަ ލަފައެއް" އޭނާ އެރުވި ނަމަވެސް ދައުލަތުގެ ބަންޑާރަނައިބުގެ ލަފަޔާ އެކު ސިޔާސީ ޕާޓީތަކުގެ ބިލް ތަސްތީގު ކުރުމާ މެދު ރައީސުލްޖުމްހޫރިއްޔާ ގޮތެއް ނިންމަވާނެ ކަމަށެވެ.

"އަޅުގަނޑު ރައީސަށް އަރުވާނެ ލަފަޔަކީ އެއީ ތަސްތީގުކޮށްގެންވާނެ ބިލެއް ނޫނޭ. އެލަފާ އަޅުގަނޑު އަރުވާނަން. މަޖިލީހުން ފާސްކުރާ ބިލްތައް ތަސްތީގު ނުކުރުމާއި ކުރުމުގެ ލަފާ އަރުވަނީ ބަންޑާރަ ނައިބު. އެހެންވީމާ ބަންޑާރަ ނައިބުގެ ލަފަޔާއި އެހެން ފަރާތްތަކުގެ ލަފަޔާ އެކު ރައީސް ގޮތެއް ނިންމަވާނެ،" ދައުލަތުގެ ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ ޑރ. ހަސަން ވިދާޅުވި އެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދިރާސާކޮށް މަޖިލީހުން ފާސްކުރި ސިޔާސީ ޕާޓީތަކުގެ ބިލަށް ފާޑުވިދާޅުވަމުން ޑރ. ހަސަން ވިދާޅުވީ އެ ބިލުން ހާސިލު ކުރަން ބޭނުންވާ މަގުސަދެއް ސާފުނުވާ ކަމަށެވެ. އެ ބިލުގެ މަގުސަދަކީ ހަރަކާތްތެރި ނުވާ ކުދި ޕާޓީތަކަށް ދައުލަތުން ފައިސާ ނުދިނުން ކަމަށް ކަނޑައަޅާފައި އޮތުމަކީ މައްސަލައެއް ނޫން ކަމަށެވެ.

ނަމަވެސް ސިޔާސީ ޕާޓީ ހެދުމަކީ ދިވެހި ރައްޔިތުންނަށް ލިބިގެންވާ އަސާސީ ހައްގެއް ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށާއި އަސާސީ ހައްގެއް ހަނިކުރުމުގައި ބަލަން ޖެހޭނީ ޑިމޮކްރަޓިކް މުޖުތަމައުތަކުގައި އަމަލު ކުރަމުންދާ އުސޫލުތަކަށް ކަމަށެވެ.

"ދިހަ ހާސް މެންބަރުން [ހިމަނައިގެން] ސިޔާސީ ޕާޓީއެއް ހެދުމަށް ޝަރުތު ކުރުމަކީ އަސާސީ ހައްގެއް ހަނިކުރުމަށް ކުރިވިދާނެ ކަމެއްތޯ؟ ޑިމޮކްރަޓިކް މުޖުތަމައުތަކުގައި އަމަލު ކުރަނީ ކިހިނަކުންތޯ؟ އެފަދަ މުޖުތަމައުތަކުގައި ސިޔާސީ ޕާޓީތައް ރަޖިސްޓްރީ ކުރުމަކީ ކޮންމެހެން ލާޒިމު ކަމެއް ވެސް ނޫން. ދުނިޔޭގެ ބައެއް ގައުމުތަކުގައި ވެރިކަން ކުރާ ޕާޓީތައް ވެސް ރަޖިސްޓްރީ ނުކޮށް އެބަހުރި. ރަޖިސްޓްރީ ކުރާ ހާލުގައި ވެސް ތިހާ ބޮޑު އަދަދެއް ބޭނުމެއް ވެސް ނުވޭ، 600 އަދި 500، 300 އިން ވެސް ޕާޓީ ރަޖިސްޓްރީވޭ. އެހެންވީމާ އެހާ ލުއިގޮތަކަށް އޮންނަ ކަމެއް އެއީ،" ދެހާސް މެންބަރުންގެ މައްޗަށް އެކުލެވޭ ގައުމީ ޕާޓީގެ، ރައީސް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތައް އުފެއްދުމަށް އޮތް މަގު ހަނިކުރުމަށް ޓަކައި ވޯޓް ދިން ޕާޓީތަކަށް އެ ބިލުގެ މަންފާ ލިބިގެންދާނެ ކަމަށް އިޝާރާތްކުރައްވައި ޑރ. ހަސަން ވިދާޅުވީ "ވަކި ބަޔަކަށް ފައިދާވާގޮތަށް" ގާނޫނު އަސާސީގައި ރައްޔިތުންނަށް ކަށަވަރުކޮށްދީގައިވާ އަސާސީ ހައްގެއް ނިގުޅައިނުގަނެވޭނެ ކަމަށެވެ.

ވިހިހާސް މެންބަރުން ހަމަވާ ޕާޓީތަކަށް މާލެއިން 1000 އަކަފޫޓްގެ ބިމެއް ދިނުމަށް ސިޔާސީ ޕާޓީތަކުގެ ބިލުގައި ކަނޑައަޅާފައިވާތީ އެކަމަށް ފާޑުވިދާޅުވެ ޑރ. ހަސަން ވިދާޅުވީ ވެރިރަށް މާލޭގެ ރައްޔިތުންނާއި އަތޮޅު ތެރޭގެ ރައްޔިތުން ތޮއްޖެހިފައިވާ މާލޭގައި ތިބޭނެ ތަނެއް ނެތިގެން އުޅޭއިރު ސިޔާސީ ޕާޓީތަކަށް މާލެ އިން ބިން ދޫކުރަންވީ ސަބަބެއް "އަންޑަސްޓޭންޓް" ނުވާ ކަމަށެވެ.

"މިހާރު ބަލަންވީ މުޖުތަމައުއަށް ހިދުމަތް ކުރާ ޖަމާއަތްތަކަށް. އެއީ ޖަމިއްޔާ ޖަމާއަތްތަކަށް ވިޔަސް، މަސްތުވާތަކެއްޗާ ބެހޭ ޖަމާއަތަކަށް ވިޔަސް، ފަތުރުވެރިޔަކާ ބެހޭ ޖަމާއަތަކަށް ވިޔަސް، އެމީހުންނަށް ވެސް ފުރުސަތު ދޭން ޖެހޭނެ. ވަކި އެއްބަޔަކަށް ހުރިހާ މަންފާއެއް ދީފައި އެހެން ހުރިހާ ފަރާތްތަކެއް މަންފާއިން މަހުރޫމް ކުރެވޭ ގޮތަށް ގާނޫނު ބައްޓަމެއް ނުކުރެވޭނެ. ވަކިން ހާއްސަކޮށް، މަޖިލީހުގެ މެންބަރުންގެ މަސްލަހަތު އޮންނަ ކަމެއްގައި،"

ސިޔާސީ ޕާޓީތަކުގެ ބިލުގެ 11 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން ސިޔާސީ ޕާޓިއެއް ރަޖިސްޓްރީ ކުރެވޭނީ މަދުވެގެން 10،000 މީހުންގެ ސޮޔާއި ނަމާއި އިނގިލީގެ ނިޝާނާ އެކު އިލެކްޝަނަށް ހުށަހަޅައިގެންނެވެ. އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ދައްކާ ގޮތުން 10،000 މެންބަރުން ހަމަވާ ޕާޓީތަކުގެ ގޮތުގައި އޮތީ އެންމެ ހަތަރު ޕާޓީ އެވެ. އެއީ އެމްޑީޕީއާއި ޕީޕީއެމާއި ޑީއާރްޕީއާއި ޖުމްހޫރީ ޕާޓީ އެވެ.