30 Dec 2012, 17:11
އިންޑިއާ އަށް ބޭހަށް ދާން ވިސާ ނަގަން ޖެހޭތީ އެކަމާއި ކަންބޮޑުވެ ރާއްޖެ އިން ޓްރެވިންޑްރަމް އަށް ދަތުރުކުރާ މީހުންގެ އަދަދު މިދިޔަ އަހަރުގެ މި ސީޒަނާ އަޅާ ބަލާ އިރު ވަރަށް ބޮޑަށް ދަށަށް ގޮސް ގައުމީ އެއާލައިން މޯލްޑިވިއަން ވެސް ގާތްގަނޑަކަށް ހުހަށް ޓްރެވިންޑްރަމަށް ދަތުރުކުރަން ޖެހިއްޖެ އެވެ.
ކޮންމެ އަހަރެއްގެ ވެސް މި ދުވަސް ވަރު ސްކޫލްތަކުގެ ބޮޑު ޗުއްޓީއާ ދިމާވާތީ ގިނަ އަދަދެއްގެ ބަޔަކު އިންޑިއާގެ ޓްރެވިންޑްރަމްއަށް ދަތުރުކުރެ އެވެ. މާލެއިން ފުރައިގެން ގާތްގަނޑަކަށް ގަޑިއެއް ހާއިރުން ދެވޭ، ޓްރެވިންޓްރަމަށް ގިނަ ބަޔަކު ދަނީ ބޭސްފަރުވާ ކުރުމަށާއި ބާޒާރު ކުރުމަށެވެ. ދިވެހިންގެ ގިނަ ބަޔަކު އާއިލާއާ އެކު ޓްރެވިންޑްރަމްގައި ވަޒަންވެރިވެގެން ވެސް އުޅެ އެވެ.
ގައުމީ އެއާލައިން، "މޯލްޑިވިއަން" އޮޕަރޭޓް ކުރާ ކުންފުނި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު، އަބްދުލްހާރިޝް މިއަދު ސަން އޮންލައިނަށް ވިދާޅުވީ ޓްރައިވެޑްރަމް އަށް ދުވާލަކު އެއްފަހަރު ދަތުރުކުރަމުން ގެންދަނީ އެ ކުންފުނިން އަލަށް ގެނައި 152 ސީޓްގެ ބޮއިން އޭ – 320 މަރުކާގެ ބޯޓު ކަމަށާއި ނަމަވެސް ވިސާގެ މައްސަލަ ނިކުންނަން ފެށިފަހުން ދަތުރުކުރަނީ ދުވާލަކު 20 އަކަށް 30ހަކަށް މީހުން ކަމަށެވެ.
"އަޅުގަނޑުމެން ދިވެހިން ބޮޑު ބޯޓެއްގައި ދަތުރުކުރަން ބޭނުންވެގެން ބޮޑު ބޯޓުގައި ދަތުރުތައް މި ހަމަޖައްސަނީ. ނަމަވެސް އެ ބޯޓުގައި ދަތުރު މިކުރަނީ 20 އަކަށް 30ހަކަށް މީހުން. މީގެ ކުރިން މިދުވަސްވަރު އެއަށް ވުރެ ގިނައިން މީހުން ދަތުރުކުރޭ،" ހާރިޝް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 100 އަށް ވުރެ ގިނަ ގޮނޑީގެ ބޯޓަކުން އެގޮތަށް ދަތުރުތައް ކުރަން ޖެހުމުން އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށާއި ބޮޑު ބޯޓުގައި ހުއްޓުމެއް ނެތި ދަތުރުތައް ކުރެވޭނީ ގިނަ މީހުން ދަތުރުކޮށްގެން ކަމަށެވެ. އަދި އެ ކަންބޮޑުވުން ސަރުކާރަށާއި އިންޑިއަން ހައިކޮމިޝަންގައި ވެސް ދަންނަވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވިސާއެއް ނުޖަހައި ޓްރެވިންޑަރަމަށް ދަތުރުކުރަން ދިވެހިން ގަންނަ ބިރު ހައްލުކޮށްގެން މައްސަލަ ހައްލުވާނެ ކަމަށް އަޅުގަނޑަށް ފެންނަނީ. އެގޮތަށް އެކަން ކޮށްގެން އޮކިއުޕެންސީ އިތުރުކުރެވޭނީ،" ހާރިޝް ވިދާޅުވި އެވެ.
މީގެ ކުރިން މޯލްޑިވިއަން މެދުވެރިކޮށް ވެސް އެތައް ހާސްބަޔަކު ނޮވެމްބަރު ޑިސެމްބަރުގައި ޓްރެވިންޑްރަމްއަށް ދަތުރުކުރެ އެވެ. ނަމަވެސް ދިވެހިން ޓްރެވިންޑްރަމަށް ދަތުރުކުރަމުންދާ އަދަދު އިމިގުރޭޝަން މެދުވެރިކޮށް ލިބޭގޮތެއްނުވި އެވެ.
މޯލްޑިވިއަން ފިޔަވައި ދެން ޓްރައިވިންޑްރަމްއަށް ދަތުރުކުރާ، އިންޑިއަން އެއާލައިންސްގެ މާލޭ އޮފީހުގެ އޮފިޝަލަކު ވެސް އިއްޔެ ވިދާޅުވީ އެ އެއާލައިން މެދުވެރިކޮށް ވެސް ދަތުރުކުރާ މީހުންގެ އަދަދު މިދިޔަ އަހަރުގެ މި ސީޒަނަށް ވުރެ މަދު ކަމަށާއި އެ ބަދަލު އައީ ވިސާ ޖެހުމުގެ މައްސަލަ ނުކުތުމުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ނަމަވެސް އެ ބަދަލުގައި އެންމެ ބޮޑު ގެއްލުމެއް ލިބޭނީ މޯލްޑިވިއަންއަށް ކަމަށް އެ ކުންފުނީގެ އެމްޑީ ހާރިސް ވިދާޅުވެ އެވެ. އޭގެ ނަތީޖާއަކަށް ވަނީ ބޮޑު ބޯޓުގެ ދަތުރުތައް އެ ކުންފުނިން ފެށިތާ މާގިނަ ދުވަހެއް ނުވުމުން އެ ކުންފުނިން ބޯޓުގެ ދަތުރުތައް މިހާރު ވެސް ކުރަން ޖެހެނީ ގެއްލުމުގައި ކަމަށްވުމުން ކަމަށް ހާރިސް ވިދާޅުވެ އެވެ.
އެ މައްސަލައިގައި ފޮރިން މިނިސްޓްރީގެ އެކި އޮފިޝަލުންނަށް ގުޅުމަށް މަސައްކަތް ކުރި ނަމަވެސް ފޮރިން މިނިސްޓްރީން ރަސްމީ ބަހެއް ލިބޭގޮތެއްނުވި އެވެ. އިންޑިއަން ހައިކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ އެފަދަ މައުލޫމާތެއް ހައިކޮމިޝަނަށް ލިބިފައި ނެތް ކަމަށެވެ.
ޓްރެވިންޑްރަމްއަށް ބޭހަށްދާ ދިވެހިން ބަހައްޓާ ގެއަކުން ސަން އޮންލައިންއާ ވާހަކަ ދެއްކި ދިވެއްސަކު ބުނީ މި ޗުއްޓީގައި ބޭހަށް އަންނަން މީހުން ވަރަށް މަދުވެފައިވާ ކަމަށާއި އެގޮތަށް ދިމާވަނީ ވިސާ ނެގުމަކީ ވަރަށް ބޮޑު ކަމެއް ކަމަށް ދިވެހިންނަށް ވިސްނިފައި އޮތުމުން އެފަދަ ބޮޑުކަމެއް ކުރުމަށް ދިވެހިން ކުރިމަތިލާން ބޭނުން ނުވާ ކަމަށެވެ.
"މިތަންތަނަށް [ޓްރެވިންޑްރަމް] އަށް އަންނަނީ މާ ހައި ކްލާސްމީހުނެއް ނޫން. އެ މީހުންނަށް ވިސްނިފައި އޮންނަނީ ބޮޑުކަމެއްގެ ގޮތަށް ވިސާނެގުން. އެގޮތަށް ވީމާ އެ މީހުން ވަރަށް ބޮޑަށް އެބަ ޖެހިލުންވޭ ވިސާއެއް ނެތި އަންނަން ވެސް،" ޓްރެވިންޑްރަމްގައި އުޅޭތާ ނުވަ އަހަރުވެފައިވާ އޭނާ ބުންޏެވެ.
މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވައި ހައިކޮމިޝަނަރު އަބްދުލް އަޒީޒް ޔޫސުފް ވިދާޅުވެފައި ވަނީ ޓޫރިސްޓް ވިސާގައި ނުކުރެވޭ ކަންތައްތަކުގެ ތެރޭގައި ބޭސްފަރުވާ ނޯންނަ ކަމަށާއި ނަމަވެސް ދެ ގައުމުގެ ދެމެދުގައިވެފައިވާ އެއްބަސްވުމެއްގެ ދަށުން ބޭހަށް ދަންޏާ ވިސާ ނަގަން ޖެހޭ ކަމަށެވެ. އަދި ދިވެހިން ވިސާއާ ނުލައި އިންޑިއާއަށް ދަތުރުކުރަން ފަސްޖެހެން ފެށީ ޓޫރިސްޓު ވިސާގައި ގޮސް ބޭސްކުރާ ނަމަ ޑިޕޯޓް ކުރާނެ ކަމުގެ އިންޒާރު ހައިކޮމިޝަނުން ދިނުމުން ކަމަށެވެ.
ދިވެހިން އިންޑިއާގެ ޓްރެވިންޑްރަމްއަށް ގޮސް ބޭސްފަރުވާކޮށް ބާޒާރު ކުރަމުން އައީ 90 ދުވަހުގެ އޮންއެރައިވަލް ވިސާގަ އެވެ. ނަމަވެސް ޖީއެމްއާރުގެ މައްސަލައާ ގުޅިގެން އިންޑިއާ އިން ވަނީ ދިވެހިންނަށް ވިސާ ދިނުމުގައި ގެންގުޅޭ ލުއިތަކަށް ބަދަލެއް ގެނެސް ބޭސްފަރުވާއަށްދާދާ މީހުން ވިސާ ޖަހަން ޖެހޭނޭ ކަމަށް ބުނެފަ އެވެ. ކުއްލި ގޮތަކަށް އެންގި އެ އެންގުމާ އެކު އެތައް ސަތޭކަ ބަޔަކު ކޮންމެ ދުވަހަކު ވެސް އިންޑިއާ ހައިކޮމިޝަން ކައިރީގައި އަންނަނީ ވިސާ ހޯދަން ޖަމާވަމުންނެވެ. ނަމަވެސް ވިސާ ނަމްބަރު ފޮރިން މިނިސްޓްރީން ދޫކުރާ ގޮތަށް ހަމަޖެއްސުމުން ވިސާ ހޯދަން މިހާރު ކިއުއެއް ނަހަދަ އެވެ.