ގ. ވޭރު އަބްދުލްމުހީތު މަރާލި ކަމަށް ތުހުމަތު ކުރެވޭ ތިން ކުދިންގެ މައްޗަށް ދައުވާ ސާބިތުވެއްޖެ ނަމަ ބޭނުން ވަނީ މަރަށް މަރު ކަމަށް އޭނާގެ ހުރިހާ ވާރިސުން ބުނެފި އެވެ.

ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މިހާތަނަށް ބަޔާން ނުނެގި ހުރި ވާރިސުގެ ބަޔާން ނެގުމުން، އެ ތިން ކުދިންގެ މައްޗަށް ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ ވެސް ބޭނުން ވަނީ މަރަށް މަރު ކަމަށް ބުނެފައިވާ ކަމަށެވެ. މީގެ ކުރިން ޖުވެނައިލް ކޯޓަށް ބަޔާން ދިން މުހީތުގެ ފަންސަވީސް ވާރިސުން ވެސް ބުނެފައި ވަނީ އެ ތިން ކުދިންގެ މައްޗަށް ދައުވާ ސާބިތުވެއްޖެ ނަމަ ބޭނުން ވަނީ މަރަށް މަރު ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ދައުވާ ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ލިޔުމުން ހުށަހަޅާފައިވާ ހެކީގެ ތެރެއިން ކޯޓަށް ހުށަނާޅާ ހެއްކާއި ގަރީނާ ހުރި ނަމަ ހުށަހެޅުމަށް ގާޒީ މިއަދު ދައުލަތަށް ފުރުސަތު ދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް ދެން އޮންނާނީ އަންނަ މަހުގެ 20 ވަނަ ދުވަހު ކަމަށާއި އެ ދުވަހު ދައުލަތުން ހެކި ހުށަނާޅައިފި ނަމަ އޮންނާނީ ޚުލާސާ ބަޔާން ހުށަހެޅުން ކަމަށެވެ.

ޖުވެނައިލް ކޯޓުން ބުނީ ހާދިސާ ހިނގި އިރު އެތިން ކުދިންގެ އުމުރަކީ 17 އަހަރު ކަމަށާއި އޭގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެނަށް ވެސް މިހާރު 18 އަހަރު ފުރިފައިވާ ކަމަށެވެ.

މުހީތުގެ މަރުގެ މައްސަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ވެސް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ. އެ ތިން މީހުންނަކީ ގދ. ގައްދޫ، އަބްލަޢީގޭ މުހުޖަތު އަހުމަދު ނާސިހު، 19، އާއި ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފައު، 19،ގެ އިތުރުން ޅ. ނައިފަރު ޒައިތޫނިގޭ، 19، މުހައްމަދު މައިމޫން، 19، އެވެ.

އެ ތިން މީހުންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ވެސް މިހާރު ވަނީ ނަގާފަ އެވެ. ނަމަވެސް އޭގެ ފަހުން އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް ކްރިމިނަލް ކޯޓުން ބާއްވާފައެއް ނުވެ އެވެ.