މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިންގަމުންދިއަ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީގެ ދަށަށް ގެންގޮސްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށް އެމްޑީޕީން ބުނެފި އެވެ.

ބޯޑާ ކޮންޓްރޯލް ސިސްޓަމް އެއްބަސްވުން އުވާލުމަށް ރައްޔިތުންގެ މަޖލީހުން ސަރުކާރަށް އަންގަން ނިންމުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ފަރާތްޕުޅުން "ހައިރާން ކުރުވަނި އިއްތިފާގު ތަކެއް" ފެންނަ ކަމަށް ބުނެ އެމްޑީޕީން ނެރުނު ބަޔާނުގައި އިމިގްރޭޝަން ޑިޕާޓްމަންޓް ޑިފެންސް މިނިސްޓްރީގެ ދަށަށް ގެނެސްފައިވަނީ މަޖިލީހުގެ ރުހުމެއް ނެތި ގާނޫނާއި ހިލަށް ކަމަށް ބުނެފައިވެ އެވެ.

އެ ޕާޓީން މިއަދު ނެރުނު އެ ބަޔާނުގައި އިމިގްރޭޝަން ޑިޕާޓްމަންޓަކީ ސަރުކާރުގެ ވުޒާރާތަކުގެ އޮނިގަނޑު ކަނޑައެޅިއިރު މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ އޮނިގަނޑުގެ ތެރޭގައި ހިމަނައި، ހޯމް މިނިސްޓްރީގެ ދަށުން ހިންގަންޖެހޭ ތަނެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ތަނެއް ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

"އެ ޑިޕާޓްމަންޓް [އިމިގްރޭޝަން އެންޑް އެމިގްރޭޝަން] ޑިޕާޓްމަންޓަކީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީގެ ދަށުން ހިންގަންޖެހޭ ތަނެއްގެގޮތުގައި ކަނޑައަޅާފައިވާ ތަނެއް ނޫނެވެ. އެހެންކަމުން ޑޮކްޓާ މުޙައްމަދު ވަޙީދު ޙަސަންމަނިކު ރައްޔިތުންގެ މަޖިލީހުގެ ރުހުމެއްނެތި ކުއްލިގޮތަކަށް އެ ގެންނެވި ބަދަލަކީ ޤާނޫނާ ޚިލާފަށް ގެންނެވި ބަދަލެއްކަން ވެސް ފާހަގަކުރަމެވެ،" އެ ބާޔާނުގައިވެ އެވެ.

މީގެ އިތުރުން ޑިފެންސް މިނިސްޓްރީގެ ދަށަށް އިމިގްރޭޝަން ޑިޕާޓްމަންޓް ބަދަލުކޮށްފައި ވަނީ ރައީސް ޑރ. ވަހީދު ޅިޔަނު އިލްޔާސް ހުސެއިން އިބްރާހިމް އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހުންނަވައިގެން މެލޭޝިޔާގެ ނެކްސް ބިޒް ކުންފުންޏާއި ހަވާލުކޮށްފައިވާ ބޯޑާ ކޮންޓްރޯލް މަޝްރޫއުގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ހުރެގެން އެ އެއްބަސްވުން އުވާލަން މަޖިލީހުން ފާސްކޮށްފައިވަނިކޮށް ކަން ފާހަގަވެފައިވާ ކަމަށެވެ.

އިމްގްރޭޝަން ޑިޕާޓްމަންޓް ޑިފެންސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާއިރު އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވީ އިލްޔާސް ކަން ވަނީ ފާހަގަ ކޮށްފަ އެވެ.

އެހެން ނަމަވެސް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، އެ ޑިޕާޓްމަންޓްގެ މަސައްކަތްތަކުގެ ބާވަތުން އެ މަސައްކަތްތައް ހިންގައި ވިލަރެސްކުރުމުގެ ކަންކަން މިހާރަށްވުރެ ލުއިފަސޭހަ ގޮތެއްގައި ކުރިއަށްގެންދެވޭނީ، އެ ޑިޕާޓްމަންޓް، ދަށަށް ބަދަލުކުރައްވައިގެންކަމަށް ފެނިވަޑައިގަންނަވާތީ ކަމުގައި ރައީސް އޮފީހުން ބުނެފައިވެ އެވެ.