30 Dec 2012, 16:03
ސައުތު އޭޝިޔާ ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) އިން އިންތިޒާމް ކޮށްގެން އަންނަ ޖެނުއަރީ މަހުގެ 17 އިން 22 އަށް ބަންގުލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދެ ވަނަ ސާބާ ޗެމްޕިއަންޝިޕް 2013ގައި ރާއްޖެ އިން ބައިވެރި ކުރާ ބާސްކެޓްބޯލް ޓީމް ސްކޮޑް މިއަދު އިއުލާނުކޮށްފި އެވެ.
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން މިއަދު އިއުލާނު ކުރި 17 ކުޅުންތެރިންގެ ސްކޮޑްގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ ކުރީގެ ގައުމީ މަޝަހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ އަދި 2010 ވަނަ އަހަރު ޑާކާގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ގައުމީ ބާސްކެޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗް އަޙްމަދު ފަޔާޒު އެވެ.
އެސިސްޓެންޓް ކޯޗުންގެ ގޮތުގައި މުހައްމަދު ހާޝިމް އާއި މުހައްމަދު ވަހީދު ހަމަޖައްސާފައިވާ އިރު ޓީމުގެ މެނޭޖަރަކަށް ހަމަޖައްސާފައި ވަނީ އިބްރާހީމް މުހައްމަދު އެވެ.
އެމްބީއޭ އިން މިއަދު އިއުލާނު ކުރި ގައުމީ ބާސްކެޓްބޯޅަ ސްކޮޑްގައި ހިމެނެނީ އެންމެ ފަހުގެ ގައުމީ ޗެމްޕިއަން ޓީ-ރެކްސްގެ ފަސް ކުޅުންތެރިޔަކާއި ރެޑްލައިން ކުލަބުގެ ފަސް ކުޅުންތެރިޔަކާއި ހަރިކޭން ބާސްކެޓްބޯލް ކުލަބުގެ ހަތަރު ކުޅުންތެރިއަކާއި އެމްއެންޑީއެފްގެ ދެ ކުޅުންތެރިއެއްގެ އިތުރުން ޕޮލިސް ކުލަބުގެ އެއް ކުޅުންތެރިއެކެވެ.
އެމްބީއޭގެ ޖެނެރަލް ސެކްރެޓަރީ އާރިފް ރިޒާ ވިދާޅުވީ ޓީމް ޕްރެކްޓިސް ފެށުމުގެ ކުރިން އެކުވެރިކަން ކުޅުންތެރިންގެ މެދުގައި ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކުރުމުގެ ގޮތުން ދަތުރެއް ދިއުމަށް ރާވާފައިވާ ކަމަށެވެ.
"ޓީމުގެ ޕްރެކްޓިސް ފެށުމުގެ ކުރިން ކުޅުންތެރިންގެ މެދުގައި ގުޅުންބަދަހިކޮށް އެކުވެރިކަން އާލާކުރުމުގެ ގޮތުން އަޅުގަނޑުމެން މިވަނީ ދަތުރެއް ރާވާފައި. ޖެނުއަރީ 1 ވަނަ ދުވަހު ދަތުރު ދާން ރާވާފައި މިވަނީ އދ. އަރިޔަދޫ އަށް. ދަތުރަށް ފަހު މާލެ އައިސް ޕްރެކްޓިސް ފަށާނީ،" އާރިފް ރިޒާ ވިދާޅުވި އެވެ.
އާރިފް އިތުރަށް ވިދާޅުވީ ދެދުވަހުގެ ދަތުރަށް ފަހު މާލެއައިސް ޕްރެކްޓިސް ފަށައި، ހަފްތާއެއްގެ ޕްރެކްޓިހަށް ފަހު ޖެނުއަރީ 15ގައި ޓީމު ބަންގުލަދޭޝް އަށް ފުރުމުގެ ކުރިން، އެ 17 ކުޅުންތެރިންގެ ތެރެއިން ހޮވާލެވޭ 12 ކުޅުންތެރިންގެ ސްކޮޑް އަލުން އިއުލާނު ކުރާނެ ކަމަށެވެ.
ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ސަތާރަ ކުޅުންތެރިންގެ ސްކޮޑްގައި ހިމެނޭ ކުޅުންތެރިންނަކީ:
ޓީ-ރެކްސް: މުހައްމަދު މުހުސިން، ޒަކަރިއްޔާ އަބްދުއްލަތީފު، ހުސައިން ހަލީމް، އަހްމަދު ޒަބީރު އަދި އިލްޔާސް އިބްރާހީމް.
ރެޑްލައިން: މުހައްމަދު ޒިލާލް، އަލީ ފަޒްލީ، އަހްމަދު އަފްޝަން ރަޝީދު، އަހްމަދު ނަޖީލު އަދި އިސްމައިލް ވިލްދާން ޔޫސުފު.
ހަރިކޭން: އަހްމަދު އިފްސާހު، މުހައްމަދު ޚުވައިލިދު، އަހްމަދު އަލީ މުސްތަފާ، އަދި އިބްރާހީމް އަންފާލް.
އެމްއެންޑީއެފް: މުހައްމަދު މަހުދީ އާއި ޔޫސުފް ނިޝާރު.
ޕޮލިސް: މުހައްމަދި ނާއިފް ރުޝްދީ