ތިލަފުށީ ކޯޕަރޭޝަން (ޓީސީއެލް) ބޯޑުގެ ކުރީގެ ތިން މެންބަރުންގެ މައްޗަށް ދައުލަތުން ކުރި ކޮރަޕްޝަންގެ ދައުވާގެ ޝަރީއަތަށް އެ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މއ. މަޒާގޭ އިބްރާހިމް ރިޔާޒު ހާޒިރުކުރެވޭ ގޮތެއް ނުވި ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފި އެވެ.

ތިލަފުށީ ބޯޑުގެ ކުރީގެ ދެ މެންބަރުން ކަމަށްވާ ގ. ރަންގިރިޓީގޭ މުހައްމަދު ވާފިރާއި މއ. ރާހާ އަހުމަދު އަދުލީ ރަޝީދުގެ ހާޒިރުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ ރިޔާޒު ޝަރީއަތަށް ހާޒިރު ކުރުމަށް އެތަކެއް ފަހަރު ކޯޓުން މަސައްކަތް ކޮށްފައިވާނެ ކަމަށާއި ނަމަވެސް އޭނާ ޝަރީއަތަށް ހާޒިރު ކުރެވޭ ގޮތެއް ނުވި ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ބޭއްވީ ވާފިރާއި އަދުލީގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުމަށެވެ. ނަމަވެސް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަދުލީގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ހެވީލޯޑަށް ނާޖާއިޒު ފައިދާއެއް ހޯދައިދިން ކަމަށް ތުހުމަތުކޮށް ދައުލަތުން ދައުވާ ކޮށްފައިވާ އެ މައްސަލައިގައި ތުހުމަތު ކުރެވޭ ރިޔާޒު ޝަރީއަތަށް ހާޒިރު ނުކޮށް ހެކިބަސް ނެގިދާނެ ކަމާ މެދު ސުވާލު އުފައްދާފަ އެވެ.

ސުއޫދު ވިދާޅުވީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހެވީލޯޑަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިންކަމުގެ ދައުވާ ލިބޭ ރިޔާޒުގެ ފަރާތުން ސާފުވާންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. ސޫދުގެ އެވާހަކަތަކާ ގުޅިގެން ގާޒީ ވިދާޅުވީ އެއީ ވަރަށް ރަނގަޅު ވާހަކައެއް ކަމަށާއި އެ މައްސަލައިގައި ހެކިބަސް ނެގުމުގެ ކަންތައް ކުރިއަށް ގެންދާނީ ރިޔާޒުވެސް ޝަރީއަތަށް ހާޒިރުކޮށްގެން ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވާފިރު ވަނީ އެންޓިކޮރަޕްޝަން ކޮމިޝަންގެ ތަހުގީގަށް އޭނާ ދިން ބަޔާނަށް އިންކާރު ކުރައްވާފަ އެވެ. އޭނާގެ ވަކީލު ހަސަން ފަލާހު ވިދާޅުވީ ވާފިރަކީ ހެވީލޯޑަށް އެ ޕްރޮޖެކްޓް އެވޯޑް ކުރި މީހެއް ނޫން ކަމަށާއި އޭނާ ހަމައެކަނި ކޮށްފައިވާ ކަމަކީ ހެވީލޯޑަށް އެ ޕްރޮޖެކްޓް އެވޯޑުކުރުމަށް ލަފާދިނުން ކަމަށެވެ. އެހެން ކަމުން އޭނާގެ މައްޗަށް އެ ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދޭކަމަށް ވެސް ވާފިރުގެ ވަކީލު ފަލާހު ވިދާޅުވި އެވެ.

ފަލާހުގެ ވާހަކަތަކާ ގުޅޭގޮތުން ވާހަކަދެއްކުމަށް ދައުލަތަށް ފުރުސަތު އެރުވުމުން ދައުލަތުގެ ވަކީލާ އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ އާއިޝަތު ފަޒުނާ އަހުމަދު ވިދާޅުވީ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޭނާގެ މައްޗަށް ދައުވާ ކޮށްފައިވާ ސަބަބު ވަރަށް ތަފްސީލުކޮށް ކިޔައިދީފައިވާނެ ކަމަށެވެ. އެހެންކަމުން މިއަދު އެވާހަކަތައް ތަކުރާރު ކުރަން ބޭނުން ނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަލާހުގެ ވާހަކަތަކާ ގުޅިގެން ގާޒީ ވިދާޅުވީ އެ މައްސަލައިގައި ހުކުމް އިއްވާއިރު ފަލާހު ދެއްކެވި ވާހަކަތަކަށް ގޮތެއް ނިންމާނެ ކަމަށެވެ.

ދައުލަތުން ކުރި ދައުވާގައި ބުނަނީ ރިޔާޒާއި އަދުލީއާ ވާފިރު ތިލަފުށީ ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުންގެ ގޮތުގަ އާއި އިވެލުއޭޝަން ކޮމެޓީގެ މެންބަރުންގެ ގޮތުގައި ތިއްބަވައިގެން ކޮމެޓީ އަށް ލިބިގެންނުވާ ބާރުތަކެއް ބޭނުން ކުރައްވައި ތިލަފުށި ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއް ނެތި، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ހެވީލޯޑަށް ނާޖާއިޒު ފައިދާ ހޯއްދަވައި ދެއްވުމުގެ މަގުސަދުގައި ތިލަފުށީ ބިން ހިއްކުމުގެ މަޝްރޫއު ހެވީލޯޑަށް އެވޯޑުކޮށްފައިވާ ކަމަށެވެ. އަދި މޮބިލައިޒޭޝަން ޕޭމަންޓްގެ ގޮތުގައި ތިލަފުށީ ކޯޕަރޭޝަނުން 38.6 މިލިއަން ރުފިޔާ ހެވީލޯޑަށް ދޫކޮށްފައިވާ ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައިވެ އެވެ.

ތިލަފުށީ ބިންހިއްކުމުގެ މަސައްކަތް ހެވީލޯޑާ ހަވާލުކޮށްފައި ވަނީ 21 މިލިއަން ޑޮލަރު (323 މިލިން ރުފިޔާ) އަށެވެ. ނަމަވެސް ފަހުން ވަނީ މަސައްކަތް މެދު ކަނޑާލުމަށް ފަހު، އެ ތަނުގައި ބޭނުން ކުރި ކޮންނަ ބޯޓު އެހެން ސަރަހައްދަކަށް ގެންގޮސްފަ އެވެ.