ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ)ގެ ހުސްވެފައިވާ ގޮނޑިއަށް އައްޔަންކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ހުށަހެޅުއްވި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޝްވާންގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަނބުރާ ގެންދަވައިފި އެވެ.

މާދަމާ ބާއްވާ މަޖިލީހުގެ މިއަހަރު އެންމެ ފަހު ބައްދަލުވުމުގައި ރިޝްވާންގެ ނަން ރައީސުލްޖުމްހޫރިއްޔާ އަނބުރާ ގެންދެވިކަން އިއުލާން ކުރާނެ އެވެ. މަޖިލީހުގެ މާދަމާގެ އެޖެންޑާގައި ވެސް އެކަން ހިމެނިފައިވެ އެވެ.

ރިޝްވާންއަކީ ސަލާމަތީ ބާރުތަކުގެ ހިދުމަތާ ގުޅިވަޑައިގަތީ 1993 ވަނަ އަހަރު އެވެ. ފުލުހުންގެ ހިދުމަތެއްގެ ގޮތުގައި ޖެނުއަރީ 12، 2004 ގައި ކަނޑައެޅުމުގެ ކުރިން ރިޝްވާން މަސައްކަތްކުރެއްވީ ނޭޝަނަލް ސެކިއުރިޓީ ސާވިސް (އެންއެސްއެސް) މިހާރުގެ އެމްއެންޑީއެފްގަ އެވެ. އޭނާ އެންއެސްއެސްއިން ވަކިވެވަޑައިގެންނެވިއިރު އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ ސިފައިން ޓްރެއިން ކުރެއްވުމުގަ އެވެ. ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވުމަށްފަހު، މިދިޔަ އަހަރުގެ ޖުލައި މަހު އޭނާ ވަނީ ފުލުހުންގެ ވަޒީފާއިން އިސްތިއުފާ ދެއްވައިފަ އެވެ.

ޕީއައިސީގެ މެންބަރު ކަމަށް ރިޝްވާން ކުރިމަތިލެއްވީ އެ ކޮމިޝަންގެ ރައީސްގެ ގޮތުގައި ހުންނެވި ޝަހިންދާ އިސްމާއިލް އެ ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމުންނެވެ.