30 Dec 2012, 15:29
ސަރުކާރުން ހިލޭ ބޭސް ފަރުވާ ކޮށްދިނުމުގެ ގޮތުން ގާއިމް ކޮށްފައިވާ އާސަންދަ ނިޒާމްގެ ދަށުން ހިދުމަތް ދިނުމަށް ރާއްޖެއިން ބޭރުގެ ފެންވަރު ރަނގަޅު ހޮސްޕިޓަލް ތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ޗެއާމަން އަދި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތޯރިގް އަލީ ލުތުފީ މިއަދު ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ތޯރިގް ވިދާޅުވީ އާސަންދައިގެ ދަށުން މިހާރު ރާއްޖެއިން ބޭރުން ހިދުމަތް ދެމުން ގެންދާ ހޮސްޕިޓަލް ތަކުގެ އިތުރުން ފެންވަރު ރަނގަޅު އެހެން ހޮސްޕިޓަލްތައް ވެސް އާސަންދައިގެ ދަށުން ހިދުމަތް ލިބޭ ހޮސްޕިޓަލްތަކުގެ ލިސްޓަށް އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ ލަންކާ އާއި އިންޑިޔާގައި މިހާރު އާސަންދައިގެ ދަށުން ހިދުމަތް ދެމުންގެންދާ ހޮސްޕިޓަލް ތަކުގެ އިތުރުން އަންނަ އަހަރު ބޭރުގެ އެހެން ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކުގެ ހިދުމަތް އާސަންދައިގެ ދަށުން ދިނުމަށް މަސައްކަތް ކުރަމުން. އެ މަޝްވަރާތައް މިހާރު ކުރިއަށް ދަނީ. ދެން ހިދުމަތް ދޭ ތަންތަން އިތުރު ކުރުމަށް ވުރެ ބޮޑަށް އިސްކަން ދެނީ ފެންވަރު ރަނގަޅު ހޮސްޕިޓަލް ތަކުން ފެންވަރު ރަނގަޅު ހިދުމަތެއް އަޅުގަނޑުމެން ބޭނުންވާ އަގެއްގައި ދޭނެ ތަންތަން ހޯދުމަށް އަމާޒު މިކުރަނީ،" ތޯރިގް ވިދާޅުވި އެވެ.
ނަމަވެސް އާސަންދައިގެ ދަށުން ހިދުމަތް ދިނުމަށް މަޝްވަރާ ކުރަމުންދަނީ ކޮން ހޮސްޕިޓަލް ތަކަކާ އެކު ކަމެއް އޭނާ ވިދާޅެއް ނުވެއެވެ. އަދި އާސަންދައިގެ ދަަށުން ހިދުމަތް ދިނުމަށް ޝައުގުވެރިކަން ފާޅުކުރީ ކޮން ހޮސްޕިޓަލްތަކެއް ކަމެއްވެސް އޭނާ ވިދާޅެއްނުވެ އެވެ.
ތޯރިގް ވިދާޅުވީ އާސަންދައާ ގުޅިގެން ހިދުމަތް ދިނުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ތަންތަނުން ހިދުމަތް ދިނުމަށް ހުށަހަޅާފައި ވަނީ ވެސް މިހާރު ހިދުމަތް ދެމުން ގެންދާ އަގުތަކަށްވުރެ މާ ރަނގަޅު އަގުތަކެއްގައި ކަމަށެވެ. އަދި ވިދާޅުވީ ޝައުގުވެރިކަން ފާޅުކޮށްފައިވާ ހޮސްޕިޓަލް ތަކުން އާސަންދައިގެ ހިދުމަތް ދިނުމަށް ހުށަހަޅާ އަގާ ދޭތެރޭ އެއް ވެސް މައްސަލަ އެއް ޖައްސާފައި ނުވާ ކަމަށެވެ.
"ޝައުގުވެރިކަން ފާޅުކޮށްފައިވާ ތަންތަނުން ހިދުމަތް ދިނުމަށް ޝައުގުވެރިކަން ފާޅު ކުރިއިރު އެބޭފުޅުން އަޅުގަނޑުމެން މިހާރު ހިދުމަތް ދެމުންދާ އަގުތަކަށް ވުރެ މާ ހެޔޮ ރަނގަޅު އަގެއްގައި ހިދުމަތް ދިނުމަށް އެއްބަސް ވޭ. ދެން އަޅުގަނޑުމެން ހިދުމަތް ދޭން ބޭނުންވާ އަގެއްގައި ހިދުމަތް ނުވިކޭ ހޮސްޕިޓަލަކާ އަދި ދިމައެއް ނުވޭ. ދެން އަޅުގަނޑުމެން އެ ހިދުމަތެއް ގަންނާނީ އަޅުގަނޑުމެން ބޭނުންވާ އަގެއްގައި އެ ހިދުމަތެއް ލިބެން ހުރިއްޔާ އަދި ބޭނުންވާ ފެންވަރެއްގައި،" ތޯރިގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އަންނަ އަހަރު އާސަންދައަށްއިން ހިދުމަތް ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ފެންވަރު ރަގަޅު ސިއްހީ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ކަމަށާއި އެގޮތުން މިއަހަރު ލިބުނު ތަޖުރިބާގެ އަލީގައި ހިދުމަތުގެ ފެންވަރު ރަނގަޅު ވެގެންދާނެ ކަމަށެވެ.
އަދި ވިދާޅުވީ އަލަށް އާސަންދައިގެ ދަށުން ހިދުމަތް ދިނުމަށް ހޮސްޕޓަލްތައް ހޯދުމުގައި އެ ގަމުތަކުގެ ސިއްހަތާބެހޭ ވުޒާރާއިން އެކްރިޑިޑޭޓް ކޮށްފައިވާ އަދި ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް މަސައްކަތް ކުރަމުންދާ ފަރާތް ތަކަށް އިސްކަން ދޭނެ ކަމަށެވެ. އަދި އެކަމާ ގުޅޭ މައުލޫމާތު އަންނަ އަހަރުގެ ކުރީ ކޮޅު ހާމަ ކުރާނެ ކަމަށް ވިދާޅުވި އެވެ.