އިނގިރޭސި ލީގުގައި ރޭ އެމިރޭޓްސް ސްޓޭޑިއަމްގައި އާސެނަލްއާ ނިއުކާސަލް ކުޅުނު ފޯރިގަދަ މެޗުގައި ތިއޯ ވޮލްކަޓްގެ ހެޓްރިކާ އެކު ހަތެއް ތިނަކުން މެޗު ކާމިޔާބު ކުރީ އާސެނަލް އެވެ.

ރޭގެ މެޗުގައި އާސެނަލްގެ ފުރަތަމަ ލަނޑު މެޗުގެ 20 ވަނަ މިނިޓުގައި ވޮކަޓް ކާމިޔާބުކޮށްދީފައިވަނިކޮށް 43 ވަނަ މިނިޓުގައި ޑެމްބާ ކާމިޔާބުކޮށްދިން ލަނޑާ އެކު ހަފު ނިމުނީ 1-1ން ދެޓީމު އެއްވަރުވެ އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ފަސް މިނިޓުތެރޭގައި އެލެކްސް އޮކްސްޑޭލް ކާމިޔާބުކުރި ލަނޑުން ދެވަނަފަހަރަށް އާސެނަލް އަށް ކުރި ލިބިފައިވަނިކޮށް 59 ވަނަ މިނިޓުގައި ސިލްވެއިން މާވީސް ވަނީ ނިއުކާސެލް އަށް ނަތީޖާ ހަމަހަމަ ކޯށްދީފަ އެވެ. އަދި އޭގެ ފަސް މިނިޓް ފަހުން ލޫކާސް ޕޮޑޮލްސްކީ އާސެނަލް އަށް ތިންވަނަ ފަހަރަށް ކުރިހޯދަ ދީފައި ވަނިކޮށް ޑެމްބާ ބާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-3ށް ބަދަލުކޮށްފަ އެވެ.

މެޗުގައި އާސެނަލް އަށް ތިން ވަނަ ފަހަރަށް ކުރިހޯދަ ދިނީ ވެސް ވޮލްކަޓް އެވެ. އާސެނަލްގެ ހަތަރު ވަނަ ލަނޑާ އެކު މެޗުގެ ކޮންޓްރޯލް ނިއުކާސަލް އަށް ގެއްލުމުގެ ނަތީޖާއަކަށްވީ މެޗުގެ 80، އަދި 87 ވަނަ މިނިޓުގައި އޮލިވިއާ ގިރޫޑް އާސެނަލް އަށް އިތުރު ދެލަނޑު ކާމިޔާބު ކޮށްދިނުމެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ވޮލްކަޓް މި މެޗުގައި ކާމިޔާބުކުރި ތިން ވަނަ ލަނޑާ އެކު މެޗު ނިމުނީ ހަތެއް ތިނަކުން އާސެނަލް މެޗު ކާމިޔާބު ކޮށްގެންނެވެ.

ރޭގެ މެޗަށް ފަހު ވޮލްކަޓް ބުނެފައި ވަނީ "އަހަރެން ކޮންމެ ޕޮޒިޝަނަކަށް ވެސް ކުޅެފާނަން. އެކަމަކު އަހަރެން ކޯޗު ކައިރީގައި އަބަދު ވެސް ކިޔަން ބޮޑަށް ރަނގަޅީ ފޯވަޑަކަށް ކުޅުވިއްޔާއޭ. މިހާރު ދެން ކޮންމެވެސް ވަރަކަށް އެ ފުރުސަތު އެބަ ލިބޭ. އުއްމީދު ކުރަނީ ރަނގަޅުވާނެ ކަމަށް،" ކަމަށެވެ.

އާސެނަލްގެ ކޯޗު އާސީން ވެންގާ ވެސް ވަނީ ވޮލްކަޓްގެ ކުޅުމަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. އަދި ސީޒަން ނިމޭ އިރު އާސެނަލް އާއެކީ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާ ވޮލްކަޓް އެޓީމާ އެކު އާ ކޮންޓްރެކްޓެއް ހަދާނޭކަމަށް ވަރަށް އުންމީދު ކުރާކަމަށް ވެންގާ ބުންޏެވެ.

ނިއުކާސަލްގެ ކޯޗް އެލަން ޕާޑިއު ބުނީ "މެޗުގެ ފަހު 20-15 މިނިޓުގައި އޭނާގެ ޓީމަށް ވަރުބަލިކަށް މާބޮޑަށް އިހުސާސް ކުރެވުނީ. އަދި ބައެއް ކުޅުންތެރިންނަށް ތަޖުރިބާގެ މައްސަލަވެސް ދިމާވި. ޓީމުކޮޅަށް އެހާގިނަ ގޯލްތަކެއް ވަނީމަ ވަރަށް މާޔޫސްވެއްޖެ. ދެން އޮތީ ކުރިއަށް އޮތްތަނުގައި ރަނގަޅަށް މަސައްކަތް ކުރުން،" ކަމަށެވެ.

ރޭގެ ނަތީޖާ އާއެކު އާސެނަލް ވަނީ 33 ޕޮއިންޓާ އެކު ލީގު ތާވަލުގެ ފަސްވަނަ އަށް ޖެހިލާފަ އެވެ. ސާޅީސް ނުވަ ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގާ ހަތް ޕޮއިންޓިގެ ލީޑަކާ އެކު މެންޗެސްޓާ ޔުނައިޓެޑް އޮތް އިރު 42 ޕޮއިންޓާ އެކު ދެވަނައި ގައި އޮތީ މެންޗެސްޓާ ސިޓީ އެވެ. ތިން ވަނައިގާ ޓޮޓެންހަމް 36 ޕޮއިންޓާ އެކު އޮތްއިރު 35 ޕޮއިންޓާ އެކު ހަތަރު ވަނައިގާ އޮތީ ޗެލްސީ އެވެ.