ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން އައި އިމިގްރޭޝަން ޑިޕާޓްމަންޓް ޑިފެންސްގެ ދަށަށް ގެނެސްފައިވާތީ އެ ޑިޕާޓްމަންޓް ހަރުދަނާ ކުރުމަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މުހަންމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އިމިގްރޭޝަން މީގެ ކުރިން ހިންގަމުން އައީ ހޯމް މިނިސްޓްރީގެ ދަށުންނެވެ. ނަމަވެސް އިއްޔެ އިން ފެށިގެން ސަރުކާރުން ނިންމާފައި ވަނީ އިމިގްރޭޝަން ޑިފެންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށެވެ.

ޑިފެންސް މިނިސްޓަރު ނާޒިމް މިއަދު ވިދާޅުވީ އިމިގުރޭޝަން ޑިޕާޓްމަންޓް ހަރުދަނާކުރުމަށް ކުރަން ޖެހޭ މަސައްކަތުގެ ދަށުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސިވިލްސާވިސް ކޮމިޝަނާއި ވާހަކަ ދައްކައިގެން އެ މުއައްސަސާގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އިމިގުރޭޝަން ވަރަށް ބޮޑަށް ހަރުދަނާ ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިއަދު އެ ބޭފުޅުންނާ ބައްދަލުކޮށް ހެދުމަށް ފަހު މުޅިން ފައިނަލް ވާނީ ކޮން ބަދަލުތަކެއްކަން ގެންނާނީ. އެތަން ރި ސްޓްރަކްޗާކޮށް ހިންގުން ހަރުދަނާ ކުރަން ގެންނަން ޖެހޭ ބަދަލުތައް ގެންނަން ނިންމާފައި ވަނީ،" ނާޒިމް ވިދާޅުވި އެވެ.

ނަމަވެސް އޭގެ ތަފްސީލެއް އޭނާ ނުދެއްވި އެވެ.

އިމިގްރޭޝަން ހިންގުމާ އަދިވެސް ހަވާލުވެ ހުންނެވީ ހޯމް މިނިސްޓްރީގެ ދަށުގައި ވެސް އިމިގްރޭޝަން އޮތްއިރު ވެސް ކޮންޓްރޯލާއަކަށް ހުންނެވި ޑރ. މުހަންމަދު އަލީ އެވެ. މުހަންމަދު އަލީ އެ މަގާމަށް އައްޔަން ކުރީ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓްގެ މައްސަލައިގައި ކޮންޓްރޯލާ އަކަށް ހުންނެވި، އިލްޔާސް ހުސެއިން އެ މަގާމު ދުރުކުރުމަށް ފަހު އެވެ.

އިމިގްރޭޝަން ޑިފެންސްގެ ދަށަށް ގެނެސްފައި ވަނީ އެ ޑިޕާޓްމަންޓުން މެލޭޝިޔާގެ ނެކްސްބިޒާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް ހުއްޓާލަން ނިންމައިފައިވާ ދަނޑިވަޅެއްގަ އެވެ. އެ ސިސްޓަމް ހުއްޓާލުމަށް ސަރުކާރުން ނިންމީ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް ހުއްޓާލަން މާލިއްޔަތު ކޮމެޓީން ނިންމައި މަޖިލީހުގެ ތަޅުމުން އެގޮތަށް ފާސްކުރުމުންނެވެ.