30 Dec 2012, 13:09
އަންނަ އަހަރު ރިސޯޓް ތަރައްގީ ކުރަން ދޫކުރަން ނިންމާފައިވާ 14 ރަށެއް މަޖިލީހުގެ ހުއްދަ ނަގައިގެން ދޫކުރަން ޖެހޭތީ އެ މައްސަލައިގައި ގާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ސަން އޮންލައިނަށް ވިދާޅުވީ ރިސޯޓްތައް ކުއްޔަށްދީ ހެދުމަކީ ސަރުކާރަށް ލިބިފައިވާ ބާރަކަށްވާ އިރު އެކަމަށް މަޖިލީހުގެ ހުއްދައެއް ހޯދުމަކީ ސުވާލުއުފެދޭ ކަމެއް ކަމަށާއި އެ ހުއްދަ އެގޮތަށް ނަގަން ޖެހޭނެތޯ އެޓާނީ ޖެނެރަލްގެ ލަފަޔަކަށް މިހާރު އެދިފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެ ބާރު [ރިސޯޓްތައް ދޫކޮށް ހެދުމުގެ ބާރު] އޮންނަ އިރު ކީއްވެގެން ކަމެއް އެގޮތަށް ފާސްކުރީ އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ނޭނގޭ. އެބާރު އަޅުގަނޑުމެންނަށް އޮންނާނެ. އެކަމަކު އޭގައި އަމަލުކުރާނެ ގޮތެއް ނިންމާނީ އެ ޓާނީ ޖެނެރަލްގެ ލަފާ އައިމާ،" ޖިހާދު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ މަޖިލީހުގެ ހުއްދަ ނަގަން ޖެހުމުން އެކަމުގައި ސަރުކާރަށް އުނދަގޫތަކެއް ކުރިމަތިވާނޭ ކަމަށާއި އެކަމަކީ ދިގު މަރުހަލާއަކަށްވެ ދައުލަތަށް ލިބެން ޖެހޭ އާމްދަނީއެއް ލިބުމަށް ލަސްތަކެއް އަންނާނެ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބަޖެޓް ފާސްކުރި އިރު މަޖިލީހުން ފާސްކުރި އަށް އިސްލާހުގެ ތެރޭގައި އަލަށް ރިސޯޓް ހަދަން ދޫކުރާ 14 ރަށް ދޫކުރަން ވަނީ މަޖިލީހުގެ ހުއްދަ ނަގައިގެން ކަމަށް ފާސްކޮށް ބަޖެޓް ރެކޮމެންޑޭޝަންގެ ތެރެއަށް އެ އިސްލާހު ވަނީ އިތުރުކޮށްފަ އެވެ. ރިސޯޓް ހަދަން އަންނަ އަހަރު އިތުރަށް ދޫކުރާ 14 ރަށުން 647.6 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓްގައި ވަނީ ލަފާކޮށްފަ އެވެ.
އަލަށް ރިސޯޓް ތަރައްގީ ކުރަން އަންނަ އަހަރު ޓޫރިޒަމުން ދިރާސާކޮށް ހުޅުވާލަން ނިންމާފައިވާ ރަށްތަކަކީ ރ. ފަސްމަންދު އާއި ޅ. އޫކޮޅު ފިނޮޅާއި، ވ. ބޮޑުމޮހަރާއާއި، މ. ދިއްތުނޑިއާއި، ލ. ތިން ރަށް ކަމަށްވާ ހުޅިޔަންދޫ އާއި އޮޅުތޮޅާއި އުވަދެވިފުށްޓާއި، ގއ. އަތޮޅުގެ ފަސް ރަށް ކަމަށްވާ ބިހުރެހާއާއި ބޮޑުބޮނޑެއްޔާ އާއި ފަޅުވެއްރެހާ އާއި މާމުޓާ އާއި ޅޮއްސާ އާއި ގދ. ދެރަށް ކަމަށްވާ ކަންނިގިއްލާ އާއި ރަހަދުވާ އެވެ.
އަންނަ އަހަރުގެ ޖުމްލަ ބަޖެޓަކީ 15.3 ބިލިއަން ކަމަށްވާ އިރު 12.9 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ.