މޮސްކޯ (30 ޑިސެމްބަރު) - ރަޝިޔާގެ ތިންވަނައަށް އެންމެ ބާރު ބޮޑު އެއާޕޯޓްކަމަށްވާ ވްނުކޯވޯ އިންޓަނޭޝަނަލް އެއާޕޯޓަށް މަތިންދާ ބޯޓެއް ޖައްސަން އުޅުމުގެ ތެރޭގައި ރަންވޭ މަތިން ވެއްޓި، ހަތަރު މީހަކު މަރުވެއްޖެ އެވެ.

އޮފިޝަލުންނާ ހަޥާލާދީ އޭޕީގައި ބުނެފައިވާގޮތުން އެ ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހު ރަޝިޔާގެ ރެޑް ވިންގްސް އެއާލައިންގެ ޓީޔޫ-204ގެ މަތިންދާބޯޓު ޗެކްރިޕަބްލިކަށް ފަސިންޖަރުންތަކެއް އުފުލުމަށްފަހު އެނބުރި ވުނުކޯވޯ ވައިގެ ބަނދަރަށް ޖައްސަން އުޅުމުގެ ތެރޭގައި ބޯޓު ރަންވޭމަތިން ކައްސާލައިގެން ކަމަށެވެ.

އެހާދިސާގައި ބޯޓު ކައްސާލައިގެންގޮސް ރަންވޭގެ އަރިމަތީގައި ހުރި ބޯ ސްނޯތަކުގެ ތެރެއަށް ޖެހުނުއިރު ބޯޓުގައި އަލިފާން ރޯވެ ތިންބަޔަށް ފުނޑުފުނޑުވެ ބޯޓުގެ އެއްބައި ވެއްޓިފައިވަނީ އެއާޕޯޓުގެ އަރިމަތީގައިވާ ހައިވޭއަކަށެވެ.

އަދި އޮފިޝަލުންނާ ހަވާލީދީ ރިޕޯޓުތައް ބުނާގޮތުން އެވަގުތު ބޯޓުގައި އެއްވެސް ފަސިންޖަރެއް ނެތްކަމަށާއި ބޯޓުގައި ތިބީ ހަމައެކަނި އޭގެ އަށް ފަޅުވެރިން ކަމަށެވެ. އޭގެތެރެއިން މަރުވެފައިވާ ހަތަރު މީހުންގެ ތެރޭގައި ދެ ޕައިލެޓުންނާއި ފްލައިޓް އިންޖިނިއަރަކާއި އެއާ ސްޓްވާޑެސް އެއް ހިމެނޭ ކަމަށް ވެއެވެ. އަދި ސަލާމަތްވީ ހަތަރު ފަޅުވެރިންނަށް ވެސް ވަނީ ވަރަށް ބޮޑެތި އަނިޔާތަށް ލިބިފައި ކަމަށް ވެއެވެ.

އިމަޖެންސީ އޮފިޝަލުން ޓީވީ މެދުވެރިކޮށް ދިން ނިއުސް ކޮންފަރެންސެއްގައި ބުނެފައިވާގޮތުގައި އެހާދިސާ ހިނގިވަގުތު އާދައިގެ ވަރަކަށް ސްނޯ ފައިބާ ކަމަށާއި ވައިގެ ބާރުމިން އުޅެނީ ގަޑިއަކު 30 މޭލު ބާރުމިނުގަ އެވެ. އަދި ރަޝިޔާގެ ޓޮޕް އިންވެސްޓިގޭޓިވް އެޖެންސީގެ ތަރުޖަމާނު ވްލަޑްމީރް މާކިން ބުނެފައިވަނީ ބޮޑަށް ލަފާކުރެވޭގޮތުގައި މިހާދިސާ ހިނގާފައިވަނީ ޕައިލެޓް އެރާއަކުން ކަމަށެވެ.