30 Dec 2012, 12:24
އިނގިރޭސި ލީގުގައި ރޭ ވެސްޓް ބްރޮމް ދޭއްސުމަކުން ބައިލިކޮށް މެންޗެސްޓާ ޔުނައިޓެޑް 49 ޕޮއިންޓާ އެކު ތާވަލުގެ ކުރީގައި ހަމަޖެހިލި އިރު، 42 ޕޮއިންޓާ އެކު ތާވަލުގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ 10 މީހުންނާ އެކީ ކުޅެ، ނޯވިޗް ސިޓީގެ އަތްދަށު ނުވެ ސަލާމަތްވެއްޖެ އެވެ.
ޔުނައިޓެޑާއި ވެސްޓް ބްރޮމް އޯލްޑްޓްރަފޯޑްގައި ކުޅުނު ފޯރިގަދަ މެޗުގައި ޔުނައިޓެޑު ކާމިޔާބު ކުރި ފުރަތަމަ ލަނޑަކީ މެޗުގެ ނުވަ ވަނަ މިނިޓުގައި އެޝްލީޔަންގް ނަގައިދިން ހުރަހެއް ސާފުކޮށްލަން އުޅުމުގެ ތެރޭގައި ވެސްޓްބްރޮމްގެ ގެރެތް މެކްއައުލޭ އަތުން ބައިކޮޅަށް ވައިން ލަނޑެކެވެ.
ޔުނައިޓެޑްގެ ދެވަނަ ގޯލް ކާމިޔާބު ކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެއްމެ ސިކުންތަކަށް ވެފައި ވަނިކޮށް އެންޓޯނިއޯ ވެލެންސިއާ ދިން ބޯޅައަކުން ރޮބިން ވެންޕާސީ އެވެ.
ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ސާމިރު ނަސްރީ އަށް ދެއްކި ރެޑްކާޑާ އެކު ދެވަނަ ހާފު އެއްކޮށް ދިހަ މީހުންނާ އެކު ކުޅެ، ކެރޯ ރޯޑްގައި ރޭ ނޯވިޗް ސިޓީއާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗު ސިޓީ ކާމިޔާބު ކުރީ ތިންލަނޑު ހަތަރު ލަނޑުން ނެވެ.
ޖުމުލަ ހަތް ލަނޑު ފެނިގެންދިޔަ މި މެޗުގައި ސިޓީގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ މެޗުގެ ދެވަނަ މިނިޓުގައި އެޑިން ޒެކޯ އެވެ. އަދި އޭގެ ދެމިނިޓް ފަހުން ލަނޑެއް ކާމިޔާބު ކޮށް ޒެކޯ ވަނީ ސިޓީގެ ނަތީޖާ ދޭއް ސުމަކަށް ފުޅާކޮށްދީފަ އެވެ.
މެޗުގެ 15 ވަނަ މިނިޓުގައި ހިލޭޖެހުމަކުން ނޯވިޗްގެ އެންތަނީ ޕިލްކިންޓަން ކާމިޔާބު ކުރި ލަނޑާ އެކު މެޗުގެ ފުރަތަމަ ހާފު ނިމުނީ ދޭއް އެކަކުން ސިޓީ ކުރީގައި އޮވެ އެވެ.
ފުރަތަމަ ހާފު ނިމެމުން ދަނިކޮށް ސިޓީގެ ސާމިރު ނަސްރީ އަށް ދެއްކި ރަތްކާޑާ އެކު އެ ޓީމު ދެވަނަ ހާފު ފެށީ 10 ކުޅުންތެރިންނާ އެކު އެވެ. ދެވަނަ ހާފު ފެށިގެން ހަތަރު ވަރަކަށް މިނިޓުގެ ތެރޭގައި ސަޖިއޯ އަގުއެރޯ ޖަހައިދިން ރީތި ލަނޑާ އެކު ސިޓީއިން ނަތީޖާ ފުޅާކޮށްފައި ވަނިކޮށް 63 ވަނަ މިނިޓުގައި ރަސެލް މާޓީން ކާމިޔާބުކޮށް ދިން ލަނޑުން ނޯވިޗް ވަނީ ދޭއް ތިނަކަށް ފަރަގު ކުޑަކޮށްފަ އެވެ.
މެޗުގެ 67 ވަނަ މިނިޓުގައި ނޯވިޗުގެ މާކްބަން އަތުން ބައިކޮޅަށް ގޯލެއް ވަދެފައި ވަނިކޮށް 74 ވަނަ މިނިޓުގައި ސީއަށް ރަސެލް މާޓިން ކާމިޔާބުކޮށް ދިން ލަނޑާ އެކު ސިޓީ މެޗު ކާމިޔާބުކުރީ ތިނެއް ހަތަރަކުން ނެވެ.
ރޭގެ މެޗުގެ ނަތީޖާއާ އެކު 49 ޕޮއިންޓު ހޯދާފައިވާ ޔުނައިޓެޑް 2013 ވަނަ އަހަރު ފަށާނީ ތާވަލުގެ އެއްވަނައިގާ 7 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ސާލީސް ދެ ޕޮއިންޓާ އެކު ދެވަނަ ސީޓީއަށް ލިބޭ އިރު، ދޭއް އެކަކުން ސަންޑަލޭންޑު ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާ ވަނީ 36 ޕޮއިންޓާ އެކު ތާވަލުގެ ތިންވަނަ އަށް ޖެހިލާފަ އެވެ.
މިރޭ އެވަޓަން އާ ދެކޮޅަށް ނުކުންނަ ޗެލްސީ އޮތީ 35 ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނައިގަ އެވެ. ހަތްލަނޑު ތިންލަނޑުން ނިއުކާސަލް ބަލިކޮށް އާސެނަލްވަނީ ތާވަލުގެ ފަސްވަނަ އަށް ޖެހިލާފަ އެވެ.