30 Dec 2012, 11:54
ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުލަތުން ކުރި ފުލުހުންގެ ދައުރު އަދާކުރުމަށް ދަތި ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ކެންސަލް ކޮށްފި އެވެ.
އެ ދެބޭފުޅުންގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުގައި މިއަދު 10:00 ގައި ބާއްވަން ހަމަޖެއްސި ޝަރީއަތް ކެންސަލްކޮށްފައި ވަނީ އަލީ ވަހީދު ޝަރީއަތަށް ހާޒިރުވެވަޑައި ނުގަތުމުންނެވެ. މިއަދުގެ ޝަރީއަތަށް ހާޒިރުވެވަޑައިގަތީ މަހުލޫފު އެކަންޏެވެ.
މަހުލޫފުގެ ހާޒިރުގައި މިއަދު ޝަރީއަތް ފެށުމުން ދައުލަތުގެ ވަކީލު އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ ހުސެއިން ނާޝިދު ވިދާޅުވީ އެ މައްސަލައިގައި ހެކިބަސް ދޭން ތިބި މީހުންނަކީ މަހުލޫފައި އަލީ ވަހީދާއި ދެ ބޭފުޅުންގެ މައްޗަށް ހެކިބަސްދޭ ބަޔަކަށްވާތީ ދައުލަތުން ބޭނުން ވަނީ ދެ ބޭފުޅުންގެ މައްޗަށް ހެކިބަސް ނެގުން އެކީގައި ކުރިއަށް ގެންދިއުމަށް ކަމަށެވެ.
ދައުލަތުގެ ވާހަކަތަކަށް ފަހު މަހުލޫފަށް ފުރުސަތު އެރުވުމުން އޭނާ ވިދާޅުވީ އެ މައްސަލަ ވީހާވެސް އަވަހަކަށް ނިންމައި ދިނުމަށް އޭނާ ބޭނުންވާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ ދެން އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ އަށް ވަނަ ދުވަހު ކަމަށެވެ. އަދި އެ ދުވަހު އެއްބޭފުޅަކު ހާޒިރުވެވަޑައިގަތަސް ހެކިބަސް ނެގުމުގެ ކަންތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތަށް އަލީ ވަހީދު ހާޒިރުވެވަޑައިގެންފައި ނުވާތީ އެކަމާ ގުޅޭގޮތުން އޭނާއަށް ގުޅާލުމުން ފޯނު ނިއްވާލާފަ އޮތުމުން އޭނާގެ ބަހެއް ލިބޭގޮތެއް ނުވިއެވެ.
އަލީ ވަހީދާއި މަހުލޫފްގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނަނީ މާޗް 25، 2010 ވަނަ ދުވަހުގެ ރޭ ގެ ވަގުތެއްގައި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އުޅުއްވި ގެކޮޅު، މުލީއާގޭ ސަރަހައްދު ފުލުހުން ބަންދުކޮށްފައި ވަނިކޮށް، އެ ސަރަހައްދުގައި ކުރި މުޒާހަރާގައި މަހްލޫފާއި އަލީ ވަހީދު އިސްކޮށް ތިއްބަވައިގެން އިތުރު ބަޔަކާއި އެކު އެ ސަރަހައްދުގައި ހުރި ރޯޑް ބްލޮކްތައް އެއް ފަރާތްކޮށްފައިވާ ކަމަށެވެ.