އަންނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި 15.3 ބިލިއަން ރުފިޔާގެ ބަޖެޓް ދެކޮޅު ނުޖެއްސި އަހަރުގެ ވަކި ހިސާބަކުން ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހިދާނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން މަޖިލީހަށް 16.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅި ނަމަވެސް މަޖިލީހުގެ ބަޖެޓް ދިރާސާ ކުރި ކޮމެޓީން ނިންމާ ފާސްކުރީ 15.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އެ ބަޖެޓާ ގުޅޭގޮތުން ސަން އޮންލައިންއަށް މިއަދު ދެއްވި އިންޓަވިއެއްގައި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ އަންނަ އަހަރު ސަރުކާރުން ދޭންޖެހޭ ހިދުމަތްތައް ދެ ގުނައަށް ބޮޑުވެފައިވާއިރު ބަޖެޓް ކުޑަކުރުމުން އަހަރުގެ ވަކި ހިސާބަކުން ސަރުކާރަށް ބަޖެޓް މެނޭޖް ކުރަން ވަރަށް އުނދަގޫވާނޭ ކަމަށާއި މިހާރު ދަށްކާ ގޮތުން އަހަރުގެ ވަކި ހިސާބަކުން އިތުރަށް ބަޖެޓް ބޭނުންވާނެ ކަމަށެވެ.

"ބަޖެޓް ކުޑަކޮށްލީމައި މީގައި ހަރަދުތައް މެނޭޖް ކުރަން ވަކި ހިސާބަކުން ވަރަށް އުނދަގޫވާނެ. ފަހަރެއްގައި މިހާރު މިބެލެވެނީ ޖެހޭނީ ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅާށޭ. އެގޮތަށް އެކަން ކުރެވޭތޯ އަޅުގަނޑުމެން ބަލާނީ. މިހާރު މަޖިލީހުން ދަންނަވާފައި އޮތް ގޮތަށް ބަޖެޓް އުނިކުރާނަން. އެގޮތަށް އެކަންތައް ކުރިއަށް މިގެންދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް ސަޕްލިމަންޓްރީ ބަޖެޓް ހުށަހަޅާނީ އަހަރުގެ ކިހާ ހިސާބަކު ކަމެއް އަދި އެއީ ކިހާވަރެއްގެ ބަޖެޓެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ. ޖިހާދު ވިދާޅުވީ މަޖިލީހުން ބަޖެޓަށް ގެނައި ބައެއް އިސްލާހުތަކުގެ ސަބަބުން ސަރުކާރަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށާއި އަންނަ އަހަރު ދައުލަތުން ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ނޫން ހަރަދުތައް ކުޑަކުރަން މަޖުބޫރުވެފައިވާ ކަމަށެވެ.

އަދި އޮފިސްތަކާއި ވާހަކަ ދައކައިގެން މަޖިލީހުން ހުށަހެޅި ވަރަށް ބަޖެޓް ކުޑަކުރަން މިހާރު މަސައްކަތް ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އެ ނޫންގޮތެއް އަޅުގަނޑުމެންނަކަށް ނޯންނާނެ. ގެނައި އިސްލާހުތަކާއި އެކު އާމްދަނީ އިތުރުކުރަން ހުރި ފިޔަވަޅުތަކަށް ގެނައި ބަދަލާއި އެކު ބަޖެޓުން ހަރަދުތައް ޖެހޭނީ ކުޑަކޮށްލަން. އޭރުން ދުވަސްކޮޅަކުން ހަމައަކަށް އެޅިދާނެ ކަމަށް މިބަލަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އާމްދަނީ އިތުރުކުރަން ސަރުކާރުން ހުށަހެޅި ފިޔަވަޅުތަކުގެ ތެރެއިން މަޖިލީހުގެ ތާއީދު ލިބުނީ މަދު ކަންތައްތަކަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ މުއާސަލާތީ ހިދުމަތުން ޖީއެސްޓީ ނެގުމާއި އިމްޕޯޑް ޑިއުޓީ އިއާދަކުރުމެވެ.

މަޖިލީހުން ނިންމީ ބެޑް ޓެކްސް އުވާލައި 12 ޕަސެންޓަށް ޓީޖީއެސްޓީ ބޮޑުކުރުމަށެވެ. އަދި އިމްޕޯޓް ޑިއުޓީވެސް ރިވައިޒްކުރަން އެއްބަސްވީ މަދު ބާވަތަކުންނެވެ. އެންމެ ފުރަތަމަ ބަޖެޓް ކުޑަކުރަން ކޮމެޓީން މަސައްކަތް ކުރީ 14.5 ބިލިއަން ރުފިޔާއަށެވެ. ނަމަވެސް ސަރުކާރުން ދެކޮޅު ހެދުމުން ބަޖެޓް 15.3 ބިލިއަނަށް ކުޑަކުރަން ނިންމެވި އެވެ.

ބަޖެޓް ރިޕޯޓްގައި ބަޖެޓް ކުޑަކުރަން ނިންމާފައި ހުރި ދާއިރާތަކުގެ ތެރޭގައި ބުނަނީ އިތުރު ގަޑިއަށް ދޭ މުސާރައިގެ ބަޔާއި އޮފީސް ހިންގުމަށް ހޯދޭ ތަކެތީގެ ބަޔާއި އަދި ހިދުމަތައް ހޯދޭ ތަކެތީގެ ބަޔެވެ.

މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވަނީ ބަޖެޓް އުނިކޮށްފިނަމަ ސިއްހަތާއި ތައުލީމީ ދާއިރާއަށް ވަރަށް ނުބައި އަސަރުތަކެއް ކުރާނެ ކަމަށާއި އެ ދެ ދާއިރާ ވަރަށް ބޮޑަށް ތަރައްގީ ކުރުމަށް ބަޖެޓް ސަރުކާރުން ހުށަހެޅި ވަރުގައި ބަހައްޓަން ޖެހޭ ކަމަށެވެ. ނަމަވެސް އެކަމަށް އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލްވެސް ތާއީދެއްނުކުރެއްވި އެވެ.