ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑު ހިންގަމުންދާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) ބޯޑަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކޮށްފައިވާ ނަހުލާ އަލީ އެ ކޯޕަރޭޝަންގެ މެންބަރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ.

މިނިވަން ކޮމިޝަނެއްގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން، ޕީޕީއެމް ކައުންސިލަށް ނަހުލާ ކުރިމަތިލެއްވި މައްސަލަ ފެންމަތިވެފައި ވަނިކޮށް، އެމްބީސީ ބޯޑުން ނަހުލާ އިސްތިއުފާދެއްވި ކަން މަޖިލީހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

މަޖިލީހުގެ އަމީންއާންމު އަހުމަދު މުހައްމަދު ވިދާޅުވީ ނަހުލާގެ އިސްތިއުފާގެ ސިޓީ މިއަދު ލިބިފައިވާ ކަމަށާއި ސިޓީގައި ހަމައެކަނި "އޮތީ އިސްތިއުފާދެއްވިކަން އެކަނި" ކަމަށެވެ.

ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ، ސިޔާސީ މަގާމުތަކަށް ނަހުލާ ކުރިމަތިލެއްވި މައްސަލަ ބެލުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މިއަދުގެ ބައްދަލުވުމަށް ވަނީ އެޖެންޑާ ވެސްކޮށްފަ އެވެ. އެ ބައްދަލުވުމުގައި ނަހުލާ އަށް އެމްބީސީގެ ބޯޑުގެ ބައްދަލުވުންތަކުގައި ބައިވެރިނުވެވޭ ގޮތް ހެދުމާ މެދު ގޮތެއް ނިންމަން އޮތީ އެޖެންޑާކޮށްފަ އެވެ. ނަމަވެސް ނަހުލާގެ އިސްތިއުފާގެ ސިޓީ މަޖިލީހަށް ލިބުމާ އެކު، ކޮމެޓީގެ ބައްދަލުވުން ވަނީ މިހާރު ކެންސަލްކޮށްފަ އެވެ.

ރާއްޖޭގައި ދެ ވަނަ އަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ، ޕީޕީއެމް ކައުންސިލަށް ނަހުލާ ކުރިމަތިލެއްވި މައްސަލާގައި ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ޒިންމާ އުފުލާ އެމްބީސީ ބޯޑުގައި ނަހުލާއަށް ހުރެވިދާނެ ކަމާ މެދު މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މެންބަރުން ވަނީ ސުވާލު އުފައްދަވާފަ އެވެ.

އެމްބީސީ ބޯޑު އުފައްދާފައިވާ އެމްބީސީ ގާނޫނުގެ ދެ ވަނަ މާއްދާގެ (ށ)ގައި ބުނަނީ ޕަބްލިކް ބްރޯޑްކާސްޓަރަކީ ސިޔާސީ ނުފުޒާއި އިގްތިސާދީ ނުފޫޒާއި މާލީ ނުފޫޒުން މިނިވަންވެގެންވާ ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ޒިންމާ ކަށަވަރުކޮށްދޭން ޖެހޭނެ މުއައްސަސާއެއް ކަމަށެވެ.

ނަހުލާ ނޫނަސް އެމްބީސީ ބޯޑުގައި އުޅުއްވާ ބައެއް ބޭފުޅުން ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާ ކަމުގެ ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ.