ނ. މާފަރުގެ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އަސާސީ ބައެއް ހިދުމަތްތައް ނުލިބޭ ކަމަށްބުނެ ރަށުގެ ރައްޔިތުން ނުކުމެ އެ ރަށުގައި ހުރި ސަރުކާރުގެ ހުރިހާ އޮފީސްތަކެއް މިއަދު ބަންދުކޮށްފި އެވެ.

މާފަރު ކައުންސިލް މެންބަރު އަންވަރު އަބްދުލް ގަނީ ސަން އަށް މިއަދު ވިދާޅުވީ އަހަރެއް ނިމިގެން ދާއިރު ސަރުކާރުން އޮތީ މާފަރު މަތިން ހަނދާން ނައްތާލާފައި ކަމަށާއި ރަށުގެ އަޅަން ނިންމާފައިވާ ޑޮމެސްޓިކް އެއާޕޯޓްގެ މަސައްކަތާއި ބަނދަރުގެ އިތުރުން ސިއްހީ ޚިދުމަތާއި، ސްކޫލްގެ ފެންވަރުވެސް އޮތީ ވަރަށް ދަށް ހާލަތެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލަ ތަކަށް ޒިންމާދާރު ޖަވާބެއް ސަރުކާރުން ދިނުމުގެ ކުރިން މުޒާހަރާ ހުއްޓާނުލާ ކުރިއަށް ގެންދަން ރައްޔިތުން ތިބީ އަތުކުރި އޮޅާލައިގެން އެންމެންގެ ހައްގުގައި ނިކުމެ ކަމަށެވެ. އަދި ވިދާޅުވީ އެ މުޒާހަރާގައި މިހާތަނަށް ރަށުގެ ކައުންސިލް އިދާރާ އާއި، ހެލްތު ޕޯސްޓުގެ އިތުރުން ރަށުގެ ޕްރީ ސްކޫލް އާއި މެޖިސްޓްރޭޓް ކޯޓުވެސް ބަންދުކޮށް މުވައްޒަފުން ބޭރަށް ނެރެފައިވާ ކަމަށެވެ.

"ރިޔާސީ ދައުރެއް މިއޮއް ނިމެނީ. މާފަރަށް ދޭންޖެހޭ އަސާސީ އެއްވެސް ޚިދުމަތެއް ނުލިބެ. އެހެންވީމަ މުޅި ރަށުގެ ރައްޔިތުން ނިކުމެ ހުރިހާ މުއައްސަސާއެއް އެއޮއް ބަންދު ކުރަނީ. އެއޮތީ ޑޮމެސްޓިކް އެއާޕޯޓު. ބަނދަރުގެ މައްސަލަވެސް. މިއީ އަތޮޅުގައި އޮތް ހަމައެކަނި ބަނދަރު ނެތް ރަށް. ސްކޫލްގެ ހާލަތު އެހާދަށް. ސިއްހީ ހާލަތު އެހާ ދަށް. މިކަހަލަ ހުރިހާ ކަމެއް އަޅުގަނޑުމެންނަށް ހުރީ އެހެން،" އަބްދުލް ގަނީ ވިދާޅުވި އެވެ.

މާފަރުގައި އެއާޕޯޓެއް ހަދަން ބިމެއް ދޫކޮށްފައި އޮންނަތާވެސް ވަނީ އެތައް އަހަރެއް ވެފަ އެވެ. އެ ރަށުގައި އެއާޕޯޓް ހަދާ ބިންވެސް ސާފުކޮށްފައި އޮންނަތާވެސް އެތައް އަހަރެއްވެއްޖެ އެވެ. ނަމަވެސް އެ މަސައްކަތް ފެށުމަށް ސަރުކާރުން މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައެއްނުވެ އެވެ.