30 Dec 2012, 09:58
އިސްލާމް އާބާދު (ޑިސެމްބަރު 31): ޕާކިސްތާނުގެ ސަރުކާރާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމަ ހުއްޓާލުމުގެ ގޮތުން ސުލްހައިގެ ވާހަތަކަށް ތައްޔާރަށް އޮތަކަން އެގައުމުގެ ހަރުކަށި ޖަކަމާއަތެއް ކަމަށްވާ ތާލިބާން ޖަމާއަތުން އަނެއްކާ ވެސް ހާމަކޮށްފި އެވެ.
މިއީ ހަފްތާއެެއްގެ ތެރޭގައި އެޖަމާއަތުން މިކަން ހާމަކުރި ދެވަނަ ފަހަރެވެ. ތާލިބާނުންގެ ތަރްޖަމާނެއްކަމަށްވާ ޙަކީމުﷲ މަސްޢޫދު މިކަން ހާމަކުރައްވާފައި ވަނީ ތާލިބާނުންނާ ވާހަކަ ދައްކައިގެން ޕާކިސްތާނަށް ސުލްޙަ ގެންނަން ބޭނުންވާކަން ޕާކިސްތާނުގެ މަސްއޫލުވެރިން ވެސް ހާމަކުރައްވާފައި ވަނިކޮށެވެ. ހަކީމުﷲ ވިދާޅުވީ ސުލްހައިގެ ވާހަކަތައް ކުރިޔަށް ދިޔަ ނަމަވެސް ސަރުކާރުން އެދޭގޮތަށް ހަތިޔާރު ބެހެއްޓެން ނޯންނާނެ ކަމަށާ ހަތިޔާރުން އަތްދޫކޮށްލެވޭނީ ސުލްޙައިގެ ވާހަކަތައް ކާމިޔާބުވެ ދެފަރާތް ގަބޫލުކުރާ އެއްބަސްވުމަކާ ހަމައަށް އާދެވުމުން ކަމުގަ އެވެ.
ޙަކީމުﷲ މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު އެޖަމާއަތުގެ ހަނގުރާމަވެރިން ވަގަށްނެގި ޕާކިސްތާން ސިފައިންގެ 21 މީހެއްގެ ހަށިތައް މަރާލާފައިވަނިކޮށް އިއްޔެވަނީ ފެނިފަ އެވެ. މި 21 މީހުން ވަގަށްނެގީ ތާލިބާނުންގެ 200 އެއްހާ ހަނގުރާމަވެރިން މިދިޔަ ބުރާސްފަތި ދުވަހު ސިފައިންގެ ކޭންޕަކަށް ކުއްލިއަކަށް އަރައިގެނެގެން ހިންގި ޢަސްކަރީ ޙަރަކާތެއްގަ އެވެ. ތާލިބާނުން ގެ ތަރްޖަމާން ޙަކީމުﷲ މަޙްސޫދު ނެރުއްވި ވީޑިޔޯ ޓޭޕެއްގައި ސަރުކާރާ ސުލްޙަ ވުމަށް ޝަރުތުތަކެއް ހުށަހަޅުއްވާފައިވެ އެވެ. މީގެތެރޭގައި ޕާކިސްތާނުން އެމެރިކާއާ ގުޅުންތައް ކަނޑާލުމާއި އެމެރިކާ އަށް އެއްވެސް ސިފައެއްގައި ޢަސްކަރީ އެހީތެރިކަން ނުދިނުން ހިމެނެ އެވެ. މަޙްސޫދުގެ ބަޔާނުގައި ޕާކިސްތާން ސަރުކާރަކީ އެމެރިކާ އިން އަޅެއްގެ ގޮތުގައި ބޭނުންކުރާ ސަރުކާރެއް ކަމަށް ސިފަކުރެއްވި އެވެ.
މިދިޔަ ހަފްތާގައިވެސް ތާލިބާނުން ވަނީ ޕާކިސްތާން ސަރުކާރާ ސުލްޙަވެ ހަނގުރާމަ ހުއްޓާލުމަށް ޝަރުތުތަކެއް ހުށަހަޅާފައެވެ. މީގެތެރޭގައި ޕާކިސްތާނުގައި އިސްލާމީ ޝަރީޢަތް ޤާއިމު ކުރުމާއި އަފްޣާން ހަނގުރާމައަށް ޕާކިސްތާނުންދޭ އެއްބާރުލުން ހުއްޓާލުމާއި އިންޑިޔާއާ ދެކޮޅަށް ހަނގުރާމަ ފެށުން ހިމެނެއެވެ. މިޝަރުތުތައް ތާލިބާނުން ހާމަކޮށްފައިވަނީ ޕާކިސްތާނުގައި އިނގިރޭސިބަހުން ނެރޭ ނޫހެއް ކަމަށްވާ "ދަ ޑެއިލީ ނިއުސް" ގައެވެ.
އަނެއްކޮޅުން އެމެރިކާއިން ޕާކިސްތާނުގެ ވަޒީރުސްތާން ސަރައްދަށް އިއްޔެ ދިން ޙަމަލާތަކެއްގައި 4 މީހަކު މަރުވެފައިވެއެވެ، މި 4 މީހުންނަކީވެސް ތާލިބާން ހަނގުރާމަވެރިން ކަމަށް ޕާކިސްތާނުގެ އަމްނާބެހޭ މަސްއޫލުވެރިން ވިދާޅުވެއެވެ. (ނޫސްއެޖެންސީތައް)