ދެހާސްފަސް ވަނަ އަހަރު ސިޔާސީ ޕާޓީތައް އުފެދުނު ފަހުން ރާއްޖޭގައި ފުރަތަމަ ފަހަރަށް، ސިޔާސީ ޕާޓީތަކަށް ހާއްސަ ގާނޫނެއް ވަޖޫދަށް އައުމުގެ ވަގުތު ވަނީ ކުޑަތަންވެފަ އެވެ. ކުއްލި ގޮތަކަށް 2005ގައި ސިޔާސީ ޕާޓީތަކަށް ހުއްދަތައް ދޫކޮށްލީ ސިޔާސީ ޕާޓީތަކުގެ ގަވާއިދުންނެވެ. އެ ގަވާއިދުގެ ދޯހަޅި ކަމުން އެކި ފަހަރު އެކި ގޮތަށް މައްސަލަތައް އައީ އުފެދެމުންނެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެކު ވެސް ބޮޑު ކަންބޮޑުވުމެއް އަންނަނީ ކުރިމަތިވަމުންނެވެ. އެންމެ ބޮޑު މައްސަލައަކީ ކުދި ސިޔާސީ ފިކުރުތައް ނެތި ދިއުމުގެ މައްސަލަ އެވެ. ކުދި ޕާޓީތަކުގެ ފިކުރުތައް ނައްތާލާ މަރާލުމުގެ ސިއްރު އެޖެންޑާ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން 10،000 މެންބަރުން ހަމަނުވާ ޕާޓީތަކަކީ އުވޭނެ ޕާޓީތަކެކެވެ.
ރައްޔިތުން މަޖިލީހުގެ 64 މެންބަރުގެ ބޮޑު އަޣުލަބިއްޔަތަކުން ސިޔާސީ ޕާޓީތަކުގެ ބިލް ފާސްވިއިރު އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާ ގޮތުން 16 ސިޔާސީ ޕާޓީގެ ތެރެއިން 10،000 މެންބަރުން ހަމަވަނީ އެންމެ ހަތަރު ޕާޓީގަ އެވެ. އެއީ ސިޔާސީ ފިކުރު އެންމެ ބިޔަ ހަތަރު ޕާޓީކަމުގައި ބުނެވިދާނެ އެވެ. އެއީ އެމްޑީޕީ، ޕީޕީއެމް، ޑީއާރްޕީ އަދި ޖުމްހޫރީ ޕާޓީ އެވެ. ދެން ބާކީ ހުރި 12 ޕާޓީގައި މެންބަޝީޕްގެ އަދަދު ހުރީ 3000 އާއި 5000އާ ދެމެދުގެ އަދަދުތަކުގަ އެވެ. އަދި ބައެއް ޕާޓީތަކުގައި 3000 ރަނގަޅަށް ހަމަވެސްނުވެ އެވެ. ދެން ފެންމަތިވާ ބޮޑު ސުވާލަކީ ސިޔާސީ ކުދި ފިކުރުތަކަށް ޖާގަ ނުލިބެންވީ ކީއްވެބާ އެވެ؟ އެ ފިކުރުތަކަށް ތާއީދުކޮށްގެން ތިބި މީހުންގެ ހައްގު ކޮބައިބާ އެވެ؟

ގާނޫނު އަސާސީގައިވާ ގޮތުން ސިޔާސީ ޕާޓީތައް އުފެއްދުމާއި ސިޔާސީ ވަކި ފިކުރަކަށް ތާއީދު ކުރުމަކީ ކޮންމެ މީހަކަށް ވެސް ގާނޫނު އަސާސީ ކަށަވަރު ކުރާ ހައްގެކެވެ. ހައްގެއް ނިގުޅައި ގަނެވެނީ ވެސް ތަހުޒީބީ ޑިމޮކްރަސީއެއްގައި އެ ހައްގު ހިފަހައްޓަން ޖެހޭ މަގުބޫލު ސަބަބުތަކެއް ހުރެ، އެއީ މުޖުތަމައުގެ އެންމެންގެ ހައްގުގައި އެ ފިޔަވަޅު އަޅަން ޖެހޭ ނަމަ އެވެ. ނަމަވެސް ސިޔާސީ ޕާޓީތައް އުފެއްދާ ހިންގުމަކީ މުޅި މުޖުތަމައުގެ ހައްގު ނިގުޅައިގަނެވޭނެ ކަމެއް ނޫނެވެ. އަދި އެއީ މުޖުތަމައަށް ނުރައްކަލެއް ކަމުގައި ވެސް ނުބުނެވޭނެ އެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ ސިޔާސީ ޕާޓީގެ ބިލްގައި 10،000 މެންބަރުން ޝަރުތު ކުރުމަކީ ސިޔާސީ ކުދި ފިކުރުތައް ނެތިކޮށްލުމަށް ބަޔަކު ރާވާފައިވާ ހީލަތްތެރި ރޭވުމެއް ކަމަށެވެ. އޭނާ ތުހުމަތު ކުރައްވާ ގޮތުން އޭގެ ބޭނުމަކީ ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް ދީނާ ގައުމަށްޓަކައި އަޑުއުފުލައި ކުދިފިކުރުތައް ނައްތާލުމެވެ. އެއީ ހަގީގަތުގައި ޅަފަތުގެ ޑިމޮކްރަސީއަށް ނުރައްކަލެއް ކަމަށް އޭނާ ސިފަކުރައްވަ އެވެ. އެ ފިކުރުތައް ނައްތާލެވިއްޖެ ނަމަ މުޅި ގައުމުގެ ހުރިހާ ނިންމުންތަކެއް ދީލައިލާނީ ނުފޫޒު ގަދަ އަޑުގަދަ ޕާޓީތަކުގެ އަތްމައްޗަށް ކަމަށް އިމްރާން ވިދާޅުވެ އެވެ.

"ފަހަކަށް އައިސް ޖީއެމްއާރު މައްސަލަ އާއި އަދި ރައްޔިތުންގެ މަޖިހުގެ ތެރޭގައި ހިމެނޭ ކޮރަޕްޝަންގެ ވާހަކަތައް ދެއްކުން ފަދަ ކަންކަމަކީ ވެސް އެބިލް ފާސްކުރުމާއި ގުޅޭ ކަންކަން. މިއީ އަދާލަތު ޕާޓީ އަށް ކުރިމަތި ކުރުވި ސިޔާސީ އަދި ގާނޫނީ ވަރަށްބޮޑު ގޮންޖެހުމެއް. ރާއްޖޭގެ މިއަދުގެ ސިޔާސީ މަޝްރަހް ބައްޓަންވެފައި އޮތްގޮތުން އަދާލަތު ޕާޓީ ފަދަ ސިޔާސީ ޕާޓީއެއް އޮތުން ވަރަށް މުހިންމު،" އިމްރާން ވިދާޅުވި އެވެ.

އެވާހަކަތަކަށް ބާރު ލިބޭ ކަންތައްތައް ގިނަ އެވެ. މި ފަހަކަށް އައިސް ބައެއް ކުދި ޕާޓީތަކަކީ ސައިޒުން ކުޑަ ނަމަވެސް ނުފޫޒު ގަދަ ފިކުރުތަކެކެވެ. ހާއްސަގޮތެއްގައި އަދާލަތު ޕާޓީ އާއި ގައުމީ ޕާޓީގެ ނުފޫޒު ސިޔާސީ މައިދާނުގައި ގަދަ އެވެ. ހާއްސަކޮށް ޖީއެމްއާރުގެ މައްސަލަ އާއި އަދި ވެސް މުހިންމު ނިންމުންތައް އަނބުރާ ލާފައި ހުރީ އެ ޕާޓީތަކުން ވަކާލާތު ކުރި ގޮތަށެވެ. އެއީ ބައެއް ފަހަރަށް ބޮޑެތި ޕާޓީތަކުން އެންމެ ހިތްއެދޭ ގޮތެއް ނޫނެވެ. މިސާލަކަށް ބުނާ ނަމަ "ރައްޔިތުންގެ މަޖިލިސް ރައްޔިތުންނަށް" ހަރަކާތަކީ އަދާލަތު ޕާޓީ އިސްވެ އޮވެ ހިންގާ ހަރަކާތްތަކަށްވާ އިރު އެ ހަރަކާތުގެ ފިކުރު ވައިގައި ހިފަމުން އަންނަ އިރު އެމްޑީޕީ ވެސް ޕީޕީއެމް ވެސް އަދި ޑީއާރުޕީ ވެސް އެ ހަރަކާތާ މުޅިން ދެކޮޅެވެ. އެފަދަ ސަބަބުތަކަށް ޓަކައި ބޮޑެތި ސިޔާސީ ޕާޓީތަކުން ބޭނުންވަނީ ކުދި ފިކުރުތައް ނެތިކޮށް އަމިއްލަ ފިކުރު ދިރުވަން ކަމަށް ގަބޫލުކުރެވިދާނެ އެވެ.

ގައުމީ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވާ ގޮތުން ސިޔާސީ ޕާޓީތަކުގެ ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެކެވެ. ހާއްސަގޮތެއްގައި އޭނާ ފާހަގަ ކުރައްވާ ގޮތުން ގާނޫނު އަސާސީގެ އާންމު ހައްގުތަކުގެ ބާބުން ކަށަވަރު ކުރާ މިނިވަން ކަމާ މުޅިން ހިލާފު ބިލެކެވެ. ސިޔާސީ ޕާޓީގެ ފިކުރުތައް ނެތިކޮށްލުމަކީ ރޭވުމެއް ކަމަށް އޭނާ ވެސް ގަބޫލުކުރައްވަ އެވެ. ރިޔާޒު ވިދާޅުވާ ގޮތުން ގައުމީ ޕާޓީން ވަނީ މީގެ ކުރިން ވެސް ގައުމަށް ދިމާވި ބޮޑަތި މައްސަލަތަކުގައި އަޑު އުފުލައި ވަރުގަދަ ޕާޓީއަކަށް ވެފަ އެވެ. ހާއްސަކޮށް ރައީސް ނަޝީދުގެ ސަރުކާރުން ހިންގި ލާދީނީ އަމަލުތައް ފެއިންކޮށްލުމުގައި އެ ޕާޓީގެ ރޯލު ބޮޑުވާނެ ކަމަށް ވިދާޅުވި އެވެ.

"ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ބުނެފައި އޮންނާނެ އެއްވެސް ހައްގެއް ހަނި ކުރެވޭނީ ޑިމޮކްރަޓިކް އެހެން މުޖުތަމައުތަކުގައި ވެސް އެ ކަންތައްތައް ހަނިކުރެވިފައި ހުރި މިންވަރަށޭ. އެގޮތަށް ބަލާ އިރު އަޅުގަނޑު ކުރިން ދަންނަވައިފިން ސިޔާސީ ޕާޓީތައް އޮސްޓްރޭލިއާގައި ވެސް ޕާޓީއެއް ހެދެއޭ 500 މީހުން ތިބެގެން. އެކަމަކު ރާއްޖޭގައި ނުހެދޭ. އެހެންވެ މީތި މުޅިން ހިލާފެއް ނޫންތޯ،" ރިޔާޒު ވިދާޅުވި އެވެ. "މިއީ އެހެންވީމާ ވަރަށް ބޮޑު ނުރައްކަލެއް. މިއީ ޑިމޮކްރަސީއެއް ފުނޑުފުނޑުކޮށްލުން ކަހަލަ ކަމެއް،"

ކުދި ފިކުރުތައް ނެތިކޮށްލުމަކީ ސިޔާސީ ޕާޓީގެ ބިލްގެ މަގުސަދުކަމުގައިވީ ނަމަވެސް ބޮޑެތި ޕާޓީތަކުން ގަބޫލުކުރަނީ ރާއްޖޭގެ ސިޔާސީ ވެށި އޮތް ގޮތުން އެއީ ކުރަންވެއްޖެ ކަމެއް ކަމަށެވެ. ހާއްސަކޮށް ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށްދޭ ފައިސާ އާއި އަދި އެއްވެސް ހަރަކާތެއް ނެތި އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ ސަބަބުން ސިޔާސީ ވެށި ކިލަބުވެއްޖެ ކަމަށް އެބޭފުޅުން ގަބޫލުކުރައްވަ އެވެ. ޑީއާރުޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ މައުސޫމް ވިދާޅުވީ ފިކުރު ބަދަލުކުރަމުން ގޮސް ރައްޔިތުން ވަރުބަލިވެފައިވާ ކަމަށާއި ރައްޔިތުން މިހާރު ބޭނުންވަނީ އެއް ފިކުރުން އަނެއް ފިކުރަށް ދިއުމަށް ވުރެ ގަބޫލުކުރެވޭ އެއްފިކުރެއްގައި ތިބުމަށް ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ބިލުން ހާސިލް ކޮށްދެނީ އެ މަގުސަދުކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން ކޮންމެވެސް ކަހަލަ ހަމަޖެހުމެއް ބޭނުންވޭ. ގިނަ ޕާޓީތަކަކަށް ރައްޔިތުން މިގޮތަށް ފިކުރު ބަދަލުކޮށްކޮށް ރައްޔިތުން މިތިބީ ވަރުބަލިވެފައި. އެ މީހުންނަށް މިކަންތައްތައް ހަމައަކަށް އެޅި ކޮންމެ ވެސް ކަހަލަ ހަމަޖެހުމެއް އެބަ ބޭނުންވޭ. އެގޮތަށް ބަލައިގެން އެ ބިލް ފަރުމާކުރެވިފައި އެވަނީ. އެހެންވެ އަޅުގަނޑުމެން އެގޮތަށް ވޯޓުދިނީވެސް،" މައުސޫމް ވިދާޅުވި އެވެ.

ކޮންމެ ގޮތަކަށް ބަޔަކު ގަބޫލުކުރިއަސް ސިޔާސީ ޕާޓީތަކުގެ ބިލްގެ ސަބަބުން ސިޔާސީ ކުދި ފިކުރުތައް ނެތި ދިއުމުގެ ކަންބޮޑުވުން މިވަނީ ބޮޑުވެފަ އެވެ. ސިޔާސީ ގޮތުން ގައުމު ހަލަބޮލިވެފައިވާ އިރު ސިޔާސީ ފިކުރުތައް މަރާލުމަކީ ޅަފަތުގެ ޑިމޮކްރަސީއެއްގައި ބޮޑު މައްސަލައަކަށްވާނެ އެވެ. އެއީ މިނިވަން ހިޔާލު ފަސްއަޅައި ފޮރުވުމަށް ވެސް ވެދާނެ އެވެ. ނޫނީ އެއީ ދެ އަތުގައި ބިޑިއެޅުންވުން ކަހަލަކަމެކެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ބިލްއޮތް ގޮތުން ކުދި ޕާޓީތަކަށް އެއީ ނުރައްކަލެއް ކަމަށާއި ކުދި ޕާޓީތައް އުވިގެން ދާތީ އެ ޝަކުވާ ކޮމިޝަނަށް ވަރަށް ބޮޑު ކަމަށެވެ. އަދި ބިލް ޑްރާފްޓް ކުރަމުން ދިޔައިރު އިލެކްޝަންސް ކޮމިޝަނުން ތާއީދުކޮށްފައި ވާނީ 3000 މީހުންނާ އެކު ސިޔާސީ ޕާޓީއެއް އުފެދޭ ގޮތަށް ކަމަށެވެ. ނަމަވެސް މިހާރުގެ އަދަދަށް ފުއާދު އެއްވެސް އެއްޗެއް ވިދާޅުވާކަށް ބޭނުމެއް ނުވެ އެވެ.

"ބިލް މައިގަނޑު ގޮތެއްގައި ވަރަށް ރަނގަޅު، ނަމަވެސް ސިޔާސީ ޕާޓީއަކަށް ވަނީ 10،000 މެންބަރުން ކަމަށް ވުމުން މިހާރު 16 ސިޔާސީ ޕާޓީއެއް އޮތް އިރު އަޅުގަނޑު އަމިއްލަ ގޮތުން މި ގަބޫލުކުރެވެނީ ބާކީ ތިބި 12 ޕާޓީއަށް އެ ލިބޭ މުއްދަތުގައި މެންބަރުން ހަމަކުރުމަކީ އުނދަގޫ ކަމަކަށް ވާނީ. އެ ކަންބޮޑުވުން އަޅުގަނޑު އަމިއްލަ ގޮތުން އެބައޮތް. އެ ޕާޓީތަކުން ވެސް އަޅުގަނޑަށް ވެސް ގުޅާފައި އެ ކަންބޮޑުވުން އެބަ ފާޅުކުރައްވާ. މިކަން ވާނީ އެބޭފުޅުންނަށް ވަރަށް އުނދަގޫ ކަމަކަށް،" ފުއާދު ވިދާޅުވި އެވެ.

އެންމެވެސް އިންތިޒާރު ކުރި ސިޔާސީ ޕާޓީތަކުގެ ބިލް ގާނޫނަކަށް ވުމުގެ ފަހު މަރުހަލާގައި އޮތް އިރު އެންމެންގެ ވެސް ކަންބޮޑުވުމަކީ ސިޔާސީ ކުދި ފިކުރުތައް ނެތިދިއުމުގެ މައްސަލަ އެވެ. އެތައް ދުވަހެއްގެ އިންތިޒާރަކަށް ފަހު އެންމެ ބޭނުންވި ސިޔާސީ ޕާޓީތަކުގެ ބިލަކީ ޑިމޮކްރަސީއަށް ހިޔާ އަޅާއެއްޗަކަށްނުވި އެވެ. އޭގެ ބަދަލުގައި ސިޔާސީ ޕާޓީގެ ބިލަކީ ޑިމޮކްރަސީއަށް ބޮޑު ބިރެކެވެ. އެ ބިލްގައި ހައްގުތަކެއް ހައްދުފަހަނަ އަޅާ ވަރަށް އުނިކުރުމުން އެ ބިލްވާނީ ރާއްޖޭގެ ޅަފަތުގެ ޑިމޮކްރަސީ އަށް ވަރުގަދަ ތޫފާނަކަށެވެ. ގިނަ ލޮޅުންތަކެއް އަންނާނެ ކަމަކަށެވެ.